ޖުލައި 4, 2024

ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވަމުންދާތީ ސަމާލުވުމަށް އިލްތިމާސް ކޮށްފި

ޗިކުންގުންޔާ ފެތުރޭ މިންވަރު ރާއްޖޭގައި އިތުރުވަމުންދާތީ ސަމާލުވުމަށް ސިއްހީ ކަންތައްތަކާބެހޭ ވަޒީރު ޑރ. އަބްދުﷲ ޚަލީލް އިލްތިމާސްކުރައްވައިފިއެވެ.

ހަލީލް ވިދާޅުވީ މިމަހު އެކަނިވެސް ޗިކުންގުންޔާ ޖެހިގެން މާލެ ސަރަހައްދުން މިހާތަނަށް 59 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތީ ވިއްސާރަ ދުވަސްތަކަށްވާތީ ހާއްސަ ފިޔަވަޅުތަކެއް ނާޅައިފިނަމަ ޗިކުންގުންޏާ ފަތުރާ މަދިރި އުފެދޭ މިންވަރު އިތުރުވާނެ ކަމަށާއި އެފަދަ މަދިރިން ސަލަމާތްވުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ މަދިރި އާލާވާ ތަންތަން ނައްތާލުން ކަމަށްވެސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޑރ ހަލީލް ވިދާޅުވިއެވެ.

ޗިކުންގުންޏާއަކީ ޑެންގޫ ހުން ފަތުރާ އީޑީސް މަދިރިން ފެތުރޭ ވައިރަލް ހުމެކެވެ. މި ބަލި ޖެހުމުން ހުޅުތަކުގައި ރިއްސައި ބައެއް ފަހަރު ހުޅު ދުޅަވެ އެކަމުގެ އުނދަގޫ ގިނަ ދުވަސްތަކަކަށް ކުރިމަތިވެއެވެ. މި ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ވައިރަސް އެކުލެވޭ މަދިރި ހަފާތާ 3-7 ދުވަސް ތެރޭގައެވެ.

ހެލްތު ޕްރޮޓެކްޝަންސް އެޖެންސީން މައުލޫމާތު ދޭ ގޮތުގައި މި ބަލީގެ އަސަރު އެންމެ ބޮޑަށް ކުރަނީ ބަނޑުގައިވާ ދަރިފުޅަށާއި ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން އެކި ބަލިތައް ތަހައްމަލު ކުރާ މިހުންނަށެވެ.

ޗިކުންގުންޏާގެ އަލާމާތްތައް:

  • 39 ޑިގްރީ ސެލްޝިއަސްއަށް ހުން ގަދަވުން
  • ގަދައަށް ބޮލާއި ގައިގައި ރިއްސުން
  • ހުޅުހުޅުގައި ރިއްސުން
  • ހުޅުހުޅު ދުޅަވުން
  • ބަނޑުގައި ރިއްސުމާއި، މޭނުބައިކޮށް ހޮޑުލެވުން
  • ގައިގައި ރަތް ބިހިތަކެއް ނެގުން

Leave a Reply