ޖުލައި 6, 2024

ޕެސްޓިސައިޑްސް މެރުމަށް ބޭނުންކުރާ ކެމިކަލެއް ހުރުމުން ”އެވަރެސްޓް“ އަދި ”އެމްޑީއެޗް“ ބްރޭންޑްގެ ހަވާދު މަނާކޮށްފި

ޕެސްޓިސައިޑްސް މެރުމަށް ބޭނުންކުރާ ކެމިކަލެއް ހުރުމުން ”އެވަރެސްޓް“ އަދި ”އެމްޑީއެޗް“ ބްރޭންޑްގެ ހަވާދު މަނާކޮށްފި

ޕެސްޓިސައިޑްސް މެރުމަށް ބޭނުންކުރާ ކެމިކަލެއް ހުރުމުން އިންޑިއާގެ ”އެވަރެސްޓް“ އަދި ”އެމްޑީއެޗް“ ބްރޭންޑްގެ ބާވަތްތައް ރާއްހެޖެއަށް އެތެރެ ނުކުރުމަށާއި، ބޭނުން ނުކުރަން މޯލްޑީވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

އެމްއެފްޑީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުުނީ އިންޑިއާގެ އުފެއްދުމެއް ކަމަށްވާ ”އެވަރެސްޓް“ އަދި ”އެމްޑީއެޗް“ ބްރޭންޑްގެ ހަވާދުގެ ބައެއް ބާވަތްތަކުގައި ”އެތިލިން އޮކްސައިޑް“ ހުރިކަމަށްބުނެ ސިންގަޕޯ ފުޑް އެޖެންސީއާއި ހޮންކޮންގެ ސެންޓާފޯ ފުޑް ސޭފްޓީއިން އެ އުފެއްދުންތައް ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފައިވާ ކަމަށެވެ.

އަދި އެ ބްރޭންޑްގެ ބާވަތްތައް ބާޒާރުން ނެގުމަށް އަންގާފައިވާ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.

އެމްއެފްޑީއޭއިން ބުނީ ބާވަތްތަކުގައި ހުރިކަމަށްބުނާ ”އެތިލިން އޮކްސައިޑް“އަކީ ދަނޑުވެރިކަމުގެ އުފެއްދުންތައް ފިއުމިގޭޓް ކުރުމަށް ބޭނުންކުރާ ކެމިކަލެއް ކަމަށެވެ. ނަމަވެސް ސިއްހަތަށް ކޮށްފާނެ ނޭދެވޭ އަސަރަކަށްޓަކައި އެ ކެމިކަލް ކާބޯތަކެތީގެ އުފެއްދުންތަކުގައި ބޭނުންކޮށްގެންނުވާނެ ކަމަށެބެ.

”އެވަރެސްޓް“ އަދި ”އެމްޑީއެޗް“ ބްރޭންޑްތަކުގެ ހަވާދަކީ ރާއްޖޭ އަށްވެސް ގިނަ އަދަދަކަށް އެތެރެކޮށް ބޭނުންކުރަމުންގެންދާ ހަވާދުގެ ބާވަތްތަކެއް ކަމަށާއި އެހެންކަމުން ރާއްޖެއަށް އެތެރެކުރާ އެ ބްރޭންޑްގެ އުފެއްދުންތަކުގެ ނުރައްކާ ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެހެންކަމުން ރައްކާތެރިކަމުގެފިޔަވަޅެއްގެ ގޮތުން ”އެވަރެސްޓް“ އަދި ”އެމްޑީއެޗް“ ބްރޭންޑްގެ ހަވާދުގެ ބާވަތްތައް ރާއްޖެއަށް އެތެރެ ނުކުރުމަށާއި ނުވިއްކުމަށް އަދި ބޭނުން ނުކުރުމަށް އެ އޮތޯރިޓީން ވަނީ އަންގައިފައެވެ.