ކައުންސިލް އިންތިހާބުގައި ގިނަ އަދަދެއްގެ އަންހެނުން ވާދަކުރުމަށް އެމްއާރުއެމް އިން ގޮވާލައިފި

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ތެރެއިން ކައުންސިލްތަކުގައި އަންހެނުންނަށް ވަކި ނިސްބަތެއް ކަނޑައެޅިގެން ދިއުމުން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ގިނަ އަދަދެއްގެ އަންހެނުން ވާދަކުރުމަށް ދިވެހިންގެ އިސްލާހީ ހަރަކާތް (އެމްއާރުއެމް)  އިން ބުނެފިއެވެ.

ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދިނުމަށް ހިމަނާފައިވާ ލާމަރުކަޒީ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރިއިރު އެ ބިލަށް ގެނައި އެންމެ މުހިންމު ބަދަލަކީ ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ދިނުމަށް ހިމަނާފައިވުމެވެ.

ކައުންސިލްތަކުގައި އަންހެނުންނަށް ހާއްސަ ކުރެވިފައިވާ ވަކި ނިސްބަތެއް ކަނޑައެޅިގެން ދިއުމުން ދިވެހި އަންހެނުންނަށް މަރުހަބާ ކިޔާ އެމްއާރުއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ގެނައުމަކީ ކޯލިޝަނުން ވެފައިވާ ވައުދެއް ކަމަށެވެ.

ހާއްސަކޮށް ލާމަރުކަޒީ ގާނޫނުގެ ބިލުގައި އަންހެނުންނަށް ހާއްސަކޮށް 33 ޕަސެންޓް ކަނޑައެޅި ފާސްވެގެންދިއުމަކީ ދިވެހި އަންހެނުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެ ބަސްބުނުމަށް އިތުރު ފުރުސަތު ހޯދައިދިނުމަށް އެޅިގެންދިޔަ ބިންގަލެއް ކަމަށް އެޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ.

“މިބިލު ފާސްވެގެން ދިއުމުގެ މި އުފާވެރި ދުވަހު އެމްއާރުއެމް އިން އުންމީދުކުރަނީ ދިވެހި ރާއްޖޭގެ ސިޔާސީ މައިދާނުގައި ގިނަ އަންހެނުން ބައިވެރިވުމާއި އަދި މުހިންމު ކަންކަން ނިންމުމުގައި އަންހެނުން ކުރީސަފުގައި ފެނިގެންދާނެ ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ގިނަ އަންހެން ބޭފުޅުން ވާދަ ކުރެއްވުމަށް މިޕާޓީން ގޮވާލަމެވެ،” އެމްއާރުއެމްގެ ބަޔާނުގައިވެއެވެ.

އެމްއާރުއެމްގެ ބަޔާނުގައި އިތުރަށް ވަނީ، ކައުންސިލްތަކުގައި އަންހެނުންނަށް ހާއްސަ ކުރެވިފައިވާ ވަކިނިސްބަތެއް ކަނޑައެޅިގެން ލާމަރުކަޒީ ގާނޫނު މިއަދު ފާސްވެގެން ދިއުމުން އެ މަސައްކަތް ކޮށްދެއްވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޝުކުރު އަދާކޮށްފައެވެ.

އަދި އެމްއާރުއެމް އިން އަބަދުވެސް ސިޔާސީ މައިދާނުގައި އަންހެނުން ހަރަކާތްތެރިވުމަށް ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެގޮތުން އެމްއާރުއެމްގެ އަސާސީ ގަވާއިދުގައި އެޕަޓީގެ ހުރިހާ ކޮމެޓީތަކުގައި 50 ޕަސެންޓް އަންހެނުން ތިބެން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާކަން އެމްއާރުއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މިއަދު ފާސްކުރި ލާމަރުކަޒީ ގާނޫނުގައި ބުނެފައިވާ ގޮތުން، އާބާދީގައި 3000 މީހުންނަށްވުރެ މަދު މީހުން ތިބޭ ރަށްރަށުގައި ފަސް ކައުންސިލަރުން އަދި އޭގެ ތެރެއިން ދެ ކައުންސިލަރުންނަކީ އަންހެނުން ކަމަށް ކަނޑައަޅަންޖެހެއެވެ. އަދި އާބާދީގައި 3000 ކައުންސިލަރުންނަށްވުރެ ގިނަވާނަމަ އެރަށެއްހައި ހަތް ކައުންސިލަރުން އަދި އޭގެތެރެއިން ތިން ކައުންސިލަރުންނަކީ އަންހެނުންނަށް ވާންޖެހޭނެ ކަމަށް ބުނެފައިވެއެވެ.

ބޭރު ގައުމެއްގައި ދިރިއުޅުނަސް ދަތިތައް ހައްލުކޮށްދިނުމުގައި ތަފާތެއް ނުގެންގުޅޭނަން: ނައިބު

ބޭރުގެ ކޮންމެ ގައުމެއްގައި ދިރިއުޅުނު ނަމަވެސް ދިވެހިންނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދިނުމުގައި ސަރުކާރުން ތަފާތެއް ނުގެންގުޅޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޓްރިވެންޑުރަމްގައި ދިރިއުޅޭ ދިވެހިންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޓްރިވެންޑުރަމްގައި ހުންނަ ހޮޓެލް އެޕޯލޯގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ކޮންމެ ގައުމެއްގައި ދިރިއުޅުނު ނަމަވެސް އެގައުމެއްގެ ގާނޫނުތަކާ ގަވާއިދުތަަކަށް ހުރުމަތްތެރިކޮށް ހިތާބަޔަކަށް ދިވެހިން ވާންޖެހޭ ކަމަށެވެ.

އަދި ދިވެހިންނަކީ ބޭރު ގައުމެއްގައި ދިރިއުޅުނު ނަމަވެސް އެ ގައުމެއްގެ ބަޔަކާ ގުޅިގެން ދިރިއުޅޭ ބައެއްކަން ވެސް ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ، އިންޑިއާ ސަރުކާރުން ރާއްޖޭގެ ރައްޔިތުންގެ ފަސޭހައަށް ގިނަ ކަންތައްތަކެއް ކޮށްދެއްވަމުން އަންނަ ކަމަށާއި އަދި އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށާއި ބޭސްފަރުވާއަށް އަންނަ ދިވެހިންނަށް ދިމާވާ ދަތި އުނދަގޫ މައްސަލަތައް ހައްލުކުރުމުގައި މި ސަރުކާރު ވެރިކަމަށް އައިފަހުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ.

އެގޮތުން މިސަރުކާރު ދެމި އޮންނާނީ އަބަދުވެސް ރައްޔިތުންނަށް ދަތިވާކަންކަން ހައްލުކޮށްދިނުމުގައި ކަމަށާއި އެގޮތުން ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންވެސް އިސްތިސްނާ ނުވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ދާއިރާތައް ހުރިންކަމަށާއި އެގޮތުން ދަރިންނަށް ތައުލީމުދީ ތަރުބިއްޔަތު ކުރާއިރު ކާބަފައިންގެ ފަރާތުން ވާސިލުވި ރިވެތި އަދަބުތަކުގެ މަތީގައި ތަރުބިއްޔަތު ކުރުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރައްވައިފައެވެ.

އަދި ތައުލީމުދިނުމުގެ ތެރެއިން ދަރިންނަކީ މަސައްކަތްތެރި ބަޔަކަށް ހެދުމަށް އިސްކަމެއްދިނުމަށް ވެސް ނައިބު ރައީސްގެ ވާހަކަފުޅުގައި އިލްތިމާސް ކުރެއްވިއެވެ.

ސްނޯކްލިން އަށް ދިޔަ ޓޫރިސްޓަކު މަރުވެއްޖެ

އދ. އަތޮޅުގައި އޮންނަ ހުވަހެންދޫ ނަމަކަށް ކިޔާ ރަށުގައި ތަރައްގީކޮށްފައިވާ ލިލީ ބީޗު ރިސޯޓުން ސްނޯކްލިން އަށް ގޮސްއުޅެނިކޮށް ޓޫރިސްޓަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ، މިއަދު ހަވީރު 4:15 އެހާކަންހާއިރު ލިލީ ބީޗު ރިސޯޓު އެންޑް ސްޕާ އިން ޗައިނާގެ އުމުރުން 74 އަހަރުގެ ޓޫރިސްޓަކު ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ގެނބިގެން މަހިބަދޫ އަށް ގެންދިޔަކަމުގެ މައުލޫމާތެއް ލިބުނު ކަމަށެވެ.

ނަމަވެސް އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ސްނޯކްލިން އާއި ޑައިވިނަށް ގޮސް އުޅޭ ޓޫރިސްޓުން ގެއްލި ނުވަތަ ގެނބިގެން ހިތާމަވެރި ހާދިސާތައް ހިނގުން އިތުރުވެފައިވާއިރު، މިދިޔަ މަހުގެ ފަހުކޮޅު ވެސް ތިން ފަތުރުވެރިޔަކު މަރުވެފައިވެއެވެ.

އަދި މިދިޔަ އަހަރު ހިނގި އެކި ހާދިސާތަކުގައި އެކަނި ވެސް 39 ޓޫރިސްޓަކު ރާއްޖޭގައި ގެނބިގެން މަރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ގިރިފުށީގައި ކުރިއަށްދާ ގައުމީ ކެޑޭޓް ކޭމްޕަށް ރައީސް ޒިޔާރަތް ކުރައްވައިފި

ގައުމީ ކެޑޭޓް ކޯގެ ސުޕްރީމް ކޮމާންޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ގިރިފުށީގައި ކުރިއަށްދާ ގައުމީ ކެޑޭޓް ކޭމްޕަށް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި ކޭމްޕު ކުރިއަށްދާގޮތް ބައްލަވާލައްވައި، ކޭމްޕުގެ ތެރެއިން ކެޑޭޓުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ބައެއް ކުލާސްތައް ބައްލަވާލެއްވިއެވެ.

އެމަނިކުފާނުގެ މި ޒިޔާރަތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުރުން ޗީފް އޮފް ސްޓާފު އަލީ ޒާހިރާއި މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ބައިވެރިވެ ވަޑައިގަތެވެ.

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ގިރިފުށި ޓްރެއިނިން ސެންޓަރުގައި ކުރިއަށްދާ މިއަހަރުގެ ގައުމީ ކެޑޭޓް ކޭމްޕުގައި 32 ސުކޫލަކުން 118 ދަރިވަރުން ބައިވެރިވެއެވެ. އޭގެ އިތުރުން އިންޓަނޭޝަނަލް ކެޑޭޓް އެކްސްޗޭޖް ޕްރޮގްރާމުގެ ދަށުން މިއަހަރުގެ ކޭމްޕުގައި ހަތަރު ގައުމަކުން 16 ކެޑޭޓުންނާއި ހަތަރު އޮފިސަރުން ބައިވެރިވެއެވެ. އެއީ ބަންގުލަދޭޝް، އިންޑިއާ، ސްރީލަންކާ އަދި ނޭޕާލެވެ.

މިއަހަރުގެ ކޭމްޕު ނިންމުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ.

ފުރިހަމަ ލާމަރުކަޒީ ނިޒާމެއް އެކަށައެޅިއްޖެ، މަރުހަބާ: ނަޝީދު

ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ބިލުން ފުރިހަމަ ލާމަރުކަޒީ ނިޒާމެއް އެކަށަ އެޅިއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދިނުމަށް ހިމަނާފައިވާ ލާމަރުކަޒީ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 76 މެންބަރުންގެ އިއްތިފާގުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރަށްރަށުގެ އިހުތިސާސް ކަނޑަ އެޅި، ފުރިހަމަ ލާމަރުކަޒީ ނިޒާމެއް އެކަަށައެޅިއްޖެ ކަމަށެވެ.

އެހެންކަމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް އޮފީހުގެ ޕޮލިސީ އޮފީހުގެ ބޭފުޅުންނާއި ވަކިން ހާއްސަކޮށް އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ޕާޓީ ސެކްރެޓޭރިއޭޓުން އަދި އެޖެންޑާ19 ކޮމިޓީ އާއި ބިލުގެ މަސައްކަތް ކުރެއްވި އެންމެ ބޭފުޅުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ.

“ބޮޑު ބަޖެޓުގެ ބާރުވެރިކަން ކައުންސިލު ތަކަށް މިއަދު މަގު ފަހިވެއްޖެ. އަންހެނުންނަށް 3/1 ކައުންސިލް ގޮނޑިތައް ކަށަވަރު ކޮށްދެއްވިއްޖެ. ކައުންސިލަރުންގެ އަދަދު އިތުރު ކުރެއްވިއްޖެ. ކައުންސިލަރުންގެ ދައުރުގެ މުއްދަތު އިތުރު ކުރެއްވިއްޖެ. ރަށްރަށުގެ ބިމުގެ ބިލްކުވެރިކަން އެ ރަށްރަށަށް ދެވިއްޖެ،” ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

ލާމަރުކަޒީ ބިލު މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރިއިރު، ރައްޔިތުންގެ މަޖިލީހުން ނަގާ ވޯޓަކުން ކައުސިލަރުންނާއި މޭޔަރުން އަދި ރައީސުން މަގާމުން ވަކިކުރެވޭ ގޮތަށް އެ ބިލަށް ކޮމިޓީ މަރުހަލާގައި ގެނައި އިސްލާހު ވަނީ ބަދަލުކޮށް، އެ ބާރު މަޖިލީހަށް ނުލިބޭ ގޮތަށް ހަދައިފައެވެ.

އޭގެ އިތުރުން  އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރަށުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ވަސީލަތްތަކުން ލިބޭ އާމްދަނީގެ 40 އިންސައްތަ ކައުންސިލްތަކަށް ލިބޭނެ ގޮތާއި މުނިސިޕަލް ހިދުމަތްތަކުން ލިބޭ އާމްދަނީ ކައުންސިލްތަކަށް ދިނުމަށް ހިމަނާފައިވެއެވެ.

އޭގެ އިތުރުން ދައުލަތުގެ ބަޖެޓުގައި ހިމެނޭ ޑޮމެސްޓިކް ބަޖެޓުގެ ފަސް އިންސައްތަ ކައުންސިލުތަކަށް ދިނުމަށް ހިމަނާފައިވެއެވެ. އެގޮތުން މިއަދު މަޖިލީހުން ފާސްކުރި 2020 ވަނަ އަހަރުގެ ބަޖެޓުގައި ކައުންސިލުތަކަށް ދިނުމަށް 1.6 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.

އެ ބިލުން ގެނައި އަނެއް މުހިންމު ބަދަލަކީ ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ދިނުމަށް ހިމަނާފައިވުމެވެ.

އެގޮތުން އާބާދީގައި 3000 މީހުންނަށްވުރެ މަދު މީހުން ތިބޭ ރަށްރަށުގައި ފަސް ކައުންސިލަރުން އަދި އޭގެ ތެރެއިން ދެ ކައުންސިލަރުންނަކީ އަންހެނުން ކަމަށް ކަނޑައަޅަންޖެހޭއިރު އާބާދީގައި 3000 ކައުންސިލަރުންނަށްވުރެ ގިނަވާނަމަ އެރަށެއްހައި ހަތް ކައުންސިލަރުން އަދި އޭގެތެރެއިން ތިން ކައުންސިލަރުންނަކީ އަންހެނުންނަށް ވާން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން 10،000 މީހުންނާއި 30،000 މީހުންނާ ދެމެދުގެ އަދަދަކަށް ރަޖިސްޓްރީގައި ތިބި ސިޓީތަކަށް ހަ މެމްބަރުން އިންތިހާބު ކުރަން ބުނެފައިވާއިރު، 30،000 މީހުންނާއި 60،000 މީހުންނާ ދެމެދުގެ ސިޓީތަކަށް 10 މެމްބަރުން، 60،000 އަށް ވުރެ މަތީ އާބާދީގެ ސިޓީތަކުގެ ކައުންސިލަށް 18 މެމްބަރުން ކަމަށް ވެސް ބުނެފައިވެއެވެ.

މި ގޮތަށް ބިލަށް އިސްލާހު ގެނައީ ބިލު ދިރާސާ ކުރަމުން ދިޔައިރުއެވެ. އެހެންކަމުން ދެން އޮންނަ ކައުންސިލް އިންތިހާބެއްގައި ވެރިރަށް މާލެ ސިޓީގައި 19 ކައުންސިލަރުން އިންތިހާބު ކުރަން ޖެހޭނެއެވެ.

ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ ލޯކްލަ ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އެލްޖީއޭގެ ބޯޑު މެންބަރުންގެ އަދަދު ނުވަ މެންބަރުންނަށް އިތުރު ކުރުމަށްވެސް ވަނީ ހިމަނައިފައެވެ. މިހާރު އެ ބޯޑުގައި ތިބެނީ ފަސް މެންބަރުންނެވެ.

ލަންކާގެ ރައީސް ގޯތާބަޔަ އަދި ބޮޑުވަޒީރު މަހިންދައާ ޝާހިދު ބައްދަލުކުރައްވައިފި

ސްރީލަންކާގެ ރައީސް ހިޒް އެކްސެލެންސީ ގޯތާބަޔަ ރާޖަޕަކްސަ އާއި އެގައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.

ލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކޮޅުނބުގައި ވަކިވަކިން ބޭއްވެވި މި ބައްދަލު ކުރެއްވުންތަކުގައި މިނިސްޓަރު ޝާހިދު ވަނީ ލަންކާގެ ރައީސް އަދި ބޮޑުވަޒީރުގެ އިތުރުން ހާރިޖީ ވަޒީރު ދިނޭޝް ގުނަވަރުދަނައާ ވެސް ބައްދަލު ކުރައްވައިފައެވެ.

ރައީސް ގޯތާބަޔަ އަދި ބޮޑުވަޒީރު މަހިންދާއެކު ޝާހިދު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ފަރާތްޕުޅުން އެ ދެބޭފުޅުންނަށާއި ލަންކާގެ ރައްޔިތުންނަށް ހެޔޮ އެދުންތައް މިނިސްޓަރު އަރިސްކުރެއްވިއެވެ.

އޭގެ އިތުރުން ރާއްޖެ އާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާކޮށް، ބަދަހިކުރުމަށް ލަންކާ ސަރުކާރާއި ގުޅިގެން ދިވެހި ސަރުކާރުން މަސައްކަތްކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެބޭފުޅުންނަށް މިނިސްޓަރު ޝާހިދު އެރުވިއެވެ.

ފޮރިން ރިލޭޝަންސް މިނިސްޓަރާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި މިނިސްޓަރު ޝާހިދު ވަނީ މިނިސްޓަރު ގުނަވަރުދަނަ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް މަރުހަބާ ދަންނަވައިފައެވެ.

އަދި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި އެހެނިހެން ދާއިރާތަކުން ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވައި، ދެގައުމުގެ ގުޅުން އިތުރު ހަރުފަތަށް ކުރިއަށް ގުޅިގެން މަސައްކަތްކުރެއްވުމަށް ދެ ބޭފުޅުން އެއްބަސްވެވަޑައިގަތެވެ.

މި ބައްދަލުކުރެއްވުމުތަކުގައި މިނިސްޓަރު ޝާހިދުގެ އަރިހުގައި ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގާއި ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން ހަދީޖާ ނަޖީހާ ބައިވެރިވެ ވަޑައިގެންނެވިއެވެ.

ހަޔާތުގެ އާ ބައިވެރިޔާއާއެކު ކަކާ ހަނީމޫނަށް ރާއްޖެއަށް

ބްރެޒިލާއި އޭސީ މިލާނުގެ ލެޖެންޑް ކަކާ، އޭނާގެ ހަޔާތުގެ އާ ބައިވެރިޔާއާއެކު ހަނީމޫނަށް ރާއްޖެ އަތުވެއްޖެއެވެ.

ބްރެޒިލްގެ މޮޑެލް ކެރޯލް ޑިއާސް، 25، އާ އުމުރުން 37 އަހަރުގެ ކަކާ ކައިވެނިކުރީ ބްރެޒިލްގެ ބާހިއާގައި އޮންނަ ލަގްޒަރީ ރިސޯޓެއްގައި މިދިޔަ ހޮނިހިރު ދުވަހުއެވެ. ކެރޯލްއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ކަކާ ހާމަކުރީ 2016 ވަނަ އަހަރުއެވެ.

މިއީ ކަކާ ކުރި ދެވަނަ ކައިވެންޏެވެ. އޭނާ ފުރަތަމަ ކައިވެންޏެއް ކޮށްފައިވަނީ ކުޑައިރުގެ ލޯބިވެރިޔާ ކެރަލޯން ޗެލިކޯއާ 2005 ވަނަ އަހަރުއެވެ. ނަމަވެސް ދެމީހުންގެ ކައިވެނި 10 އަހަރު ފަހުން 2015 ވަނަ އަހަރު ރޫޅިގެން ދިޔައެވެ. އަދި އެ ކައިވެންޏަށް ދެ ކުދިން ލިބިފައިވެއެވެ. އެއީ އުމުރުން 11 އަހަރުގެ ލޫކާ އަދި އަށް އަހަރުގެ އިސަބެއްލާއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ހަނީމޫނަށް ކަކާ ރާއްޖެ އައިސްފައިވަނީ ދ. އަތޮޅުގައި އޮންނަ ފަސް ތަރީގެ ރިސޯޓެއް ކަމަށްވާ ދަ ސެއިންޓް ރެޖިސް ވޮއްމުލި ރިސޯޓަށެވެ.

ބްރެޒިލްގެ ސައޮ ޕޯލޯ އިން ފުޓްބޯޅަ ކެރިއަރު ފެށި ކަކާ 2003 ގައި އޭސީ މިލާނަށް ގެންދިޔައެވެ. އަދި އެ ޓީމުގައި މޮޅު ކުޅުމެއް ދައްކައި 2003 އަދި 2007 ވަނަ އަހަރު ޗެމްޕިއަންސް ލީގު އުފުލާލިއެވެ. މިލާނުން 2007 ވަނަ އަހަރު މުބަރާތް ކާމިޔާބުކުރިއިރު ދެއްކި ތަފާތު މޮޅު ކުޅުމުގެ ސަބަބުން އެ އަހަރު ބެލޮންޑިއާ އެވޯޑް ހޯދީ ވެސް ކަކާއެވެ.

އޭސީ މިލާނަށްފަހު 2009 ވަނަ އަހަރު ބޮޑު އަގުގައި ކަކާ ބަދަލުވީ ރެއާލް މެޑްރިޑަށެވެ. ނަމަވެސް އަނިޔާ އާއި އެހެނިހެން މައްސަލަތަކާ ހެދި ކުރީގެ ކުޅުން އެކުލަބާއެކު އޭނާއަށް ދެއްކިފައެއް ނުވެއެވެ. އެ ކްލަބުގައި ހަތަރު އަހަރު ހޭދަކުރުމަށް ފަހު އެނބުރި މިލާނަށް އައިސް އެއް ސީޒަން ކުޅުނެވެ. އެއަށް ފަހު ބަދަލުވީ އެމެރިކާ ލީގަށެވެ.

މީގެ ދެ އަހަރު ކުރިން 2017 ގައި ކަކާ ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާން ކުރިއިރު އޭނާވަނީ ބްރެޒިލް ގައުމީ ޓީމަށް 2002 އިން 2016 އަށް 92 މެޗު ކުޅެދީ އެ ޓީމާއެކު 2002 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2005 އަދި 2009 ވަނަ އަހަރު ކޮންފެޑެރޭޝަން ކަޕް ހާސިލުކޮށްފައެވެ.

ޖިންސީ ފުރައްސާރަ ކުރިކަމަށް ތުހުމަތުކުރާ ކްރިކެޓް ކޯޗުގެ މައްޗަށް ނުވަ ދައުވާއެއް އުފުލައިފި

ކޯޗު ކޮސްދިން ކުދިންތަކަކާމެދު ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއްގައި ހައްޔަރުކުރި ގައުމީ ކުރިކެޓް ޓީމުގެ ކޯޗު އާސިފް ޚާންގެ މައްޗަށް ނުވަ ދައުވާއެއް އުފުލައިފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ،‏ ސައުތު އެފްރިކާގެ ރައްޔިތެއް ކަމަށްވާ މުޙައްމަދު އާސިފް އަމީން ހާން، އޭނާ ކޯޗު ކޮށްދިން ކުދިންތަކަކާމެދު ބަދުއަހުލާގީ އަމަލު ހިންގި މައްސަލާގައި އޭނާގެ މައްޗަށް ނުވަ ދައުވާއެއް ކުރުމަށް މިއަދު ކުރިމިނަލް ކޯޓަށް ހުށައަޅާފައިވާ ކަމަށެވެ.

އަށާރަ އަހަރުން ދަށުގެ ކުދިންނާއި އަދި 18 އަހަރުން މަތީގެ އަންހެނުންނަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގައި އާސިފް، ފުރަތަމަ ހައްޔަރުކުރީ ރާއްޖެއިން ފުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓައި އޮކްޓޯބަރު މަހުގެ ފަސްވަނަ ދުވަހުއެވެ.

ނަމަވެސް އޭނާ ހައްޔަރުކުރިތާ 24 ގަޑިއިރު ހަމަވުމުން ބަންދުން ދޫކޮށްލަން ކުރިމިނަލް ކޯޓުން އަމުރުކުރިއެވެ. ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތުން މީހަކު ހައްޔަރުކުރާތާ 24 ގަޑިއިރުގެ ތެރޭގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރަން ޖެހޭނެ އެވެ.

އޭނާ ދޫވި ނަމަވެސް، އޭރު އޭނާގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން ވަނީ މަނާކޮށްފައެވެ. އަދި ފަހުން ހައިކޯޓުން އަމުރެއް ނެރެ އާސިފް ހައްޔަރުކުރިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޒުވާން ކްރިކެޓް ކުޅުންތެރިންނަށް އާސިފް ވަނީ އެކި ފަހަރު މަތިން ޖިންސީ ގޯނާ ކޮށްފައެވެ. އަދި އޭނާއަށް އެއްވެސް ފިޔަވަޅެއް ނާޅައި ރާއްޖެއިން ފުރުވާލަން އުޅުނު ކަމުގެ ތުހުމަތު ކުރިކެޓް ބޯޑަށް ވެސް ކުރިއެވެ.

ޓެރަރިޒަމްގެ ދެ ދައުވާއެއް އަމީންގެ މައްޗަށް އުފުލައިފި

ބޭރުގައި ހިންގާ ހަނގުރާމަވެރި ޖަމާއަތްތަކަށް ދިވެހިން ފޮނުވުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުގައި ހައްޔަރުކުރި ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ މައްޗަށް ޓެރަރިޒަމްގެ ދެ ދައުވާއެއް އުފުލައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، އަމީންގެ މައްޗަށް ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ މިއަދު ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އޮކްޓޯބަރު މަހުގެ ފަހުކޮޅު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މާލެއިން ހައްޔަރުކުރި އަމީން، 35، ގެ މައްޗަށް ދައުވާކުރަން ޕީޖީން ކުރިމިނަލް ކޯޓަށް ހުށަހަޅާފައި މިވަނީ، އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕީޖީއަށް ފޮނުވިތާ ފަސް ދުވަސް ތެރޭގައެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ދެވަނަ އިސްލާހުގެ ގެނައުމުގެ ގާނޫނުގެ ދަށުން، އަމީންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދެ ދައުވާގެ ތެރެއިން ދައުވާއެއް ސާބިތުވެއްޖެނަމަ އޭނާއަށް ނުވަ އަހަރާއި 12 އަހަރާ ދެމެދުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ފުލުހުން ބުނެފައިވަނީ، އަމީނަކީ ގިނަދުވަސްތަކެއް ވަންދެން ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ޖަމާއަތްތަކަށާއި ހަނގުރާމަވެރި ޖަމާއަތްތަކުގައި ބައިވެރިވުމަށް ރާއްޖެއިން މީހުން ރެކްރޫޓްކޮށް، ހަނގުރާމަތަކަށް މީހުން ފޮނުވަން އަމަލީ ގޮތުން ހަރަކާތްތެރިވެ، އެކަމަށް އެހީތެރިވެދީ ވާގިވެރިވާ ކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމަށެވެ.

އަދި ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކަށް ވާގިވެރިވުމުގެ ގޮތުން މާލީ އަދި ޓެކްނޮލޮޖިކަލް ސަޕޯޓް ދިނުމާއި ދުނިޔެގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކުގެ އިސް ފަރާތްތަކާއި ގާތްގުޅުމެއް ބާއްވާ އެފަދަ ޖަމާއަތްތަކުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި އަމީން އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އަމީނަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލައިގެ ތުހުމަތު ކުރެވުނު މީހެކެވެ. އަދި އެ މައްސަލާގައި އޭނާ ހައްޔަރު ކުރަން އުޅުމުން ލަންކާއަށް ގޮސް ފިލުމުން އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރުނެވެ. ނަމަވެސް 2011 ވަނަ އަހަރު ލަންކާއިން އޭނާ ހައްޔަރުކޮށް މާލެ ގެނެސް ދެ މަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު އޭނާ ވަނީ ދޫކޮށްލައިފައެވެ.

އޭގެ އިތުރުން އޭނާއަކީ އެމެރިކާއިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެއްސެވެ.

އެމެރިކާ އިން ބުނާގޮތުގައި، އަމީނަކީ ސީރިއާ އާއި އަފްޣާނިސްތާނުގައި ވަރަށް އިސް މީހެއްގެ ގޮތުގައި މަސައްކަތް ކޮށްދޭ މީހެކެވެ. އެގޮތުން ކުރިން ސީރިއާއަށް ހަނގުރާމަވެރިން ފޮނުވި ކަމަށާއި ނަމަވެސް މިހާރު ފޮނުވަނީ އަފްޣާނިސްތާނަށް ކަމަށް ވެސް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން ބުނެއެވެ.

ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލައިފި

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލައިފިއެވެ.

އާސަންދައިގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ކަރާއި އަތަށް ފުން ޒަހަމްތަކެއް ކޮށްފައިވާ 59 އަހަރުގެ ފިރިހެނަކު ހުޅުމާލެ ހޮސްޕިޓަލަށް މިރޭ 9:22 ހާއިރު ގެނައި ކަމަށެވެ. އަދި އޭނާ މިހާރު މަރުވެފައިވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މިރޭ މަރާލާފައިވަނީ ޓެކްސީ ޑްރައިވަރެކެވެ. އަދި އޭނާއަށް ހަމަލާދީފައިވަނީ ގުރޫޕް ހަދާފައި އައި ބައެއް ކަމަށްވެއެވެ.

ފުލުހުން ބުނީ، ހުޅުމާލެ ހިތިމަގުގައި ޒަހަމްތަކަކާއެކު މީހަކު ވެއްޓިފައި އޮތް ކަމުގެ ރިޕޯޓެއް މިރޭ 9:07 އެހާކަންހާއިރު ލިބުނު ކަމަށެވެ. ނަމަވެސް އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް މިރޭ 9:50 މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.