އޮކްޓޯބަރ 5, 2024

ޗިކުންގުންޔާ އަދިވެސް ކޮންޓްރޯލެއް ނުވޭ، މިހާތަނަށް 134 ކޭސް ފެނިއްޖެ!

ޗިކުންގުންޔާ ފެތުރުން އަދިވެސް ކޮންޓްރޯލް ނުވާ ކަމަށާއި މިހާތަނަށް 134 ކޭސް ފެނިފައިވާ ކަމަށް އެޗްޕީއޭން ބުނެފިއެވެ.

އެޗްޕީއޭން މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން މާލެއިން ޗިކުންގުންޔާގެ 96 ކޭސް، ހުޅުމާލެއިން ޗިކުންގުންޔާގެ 34 ކޭސް އެއް ވަނީ ފެނިފައެވެ. ބާކީ ހަތަރު ކޭސް ފެނިފައިވަނީ ހއ. އަތޮޅު، ބ. އަތޮޅު އަދި ށ. އަތޮޅުންނެވެ.

ތަފާސްހިސާބުގައިވާ ގޮތުން ޗިކުންގުންޔާއަށް އެންމެ ގިނައިން ޕޮޒިޓިވްވެފައިވަނީ އުމުރުން 25 އަހަރުން މަތީގެ މީހުންނަށެވެ. މިހާތަނަށް އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 115 މީހުންނަކީ އުމުރުން 25 އަހަރުވެފައިވާ ފަރާތްތަކެވެ. ބާކީ 19 ކޭހަކީ އުމުރުން 25 އަހަރަށްވުރެ ދަށް ފަރާތްތަކެވެ.

އެޗްޕީއޭން ބުނީ ޗިކުންގުންޔާއަކީ ޑެންގޫ ފަތުރާ އީޑީސް މަދިރިން ފެތުރޭ ވައިރަލް ހުމެއް ކަމަށެވެ. އެ ބަލި ޖެހުމުން ހުޅުހުޅުގައި ރިއްސައި ބައެއް ފަހަރު ހުޅު ދުޅަވާނެ ކަމަށާއި ބަލި ރަނގަޅުވި ނަމަވެސް އެކަންކަން ގިނަ ދުވަސްތަކަކަށް ދެމިގެންދާނެ ކަމަށެވެ.

އެ ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ވައިރަސް އެކުލެވޭ މަދިރި ހަފާތާ 3-7 ދުވަސް ތެރޭގައެވެ.