ފުލުހުންގެ މުއައްސަސާގެ ބޭނުމަށް ބިދޭސީން ގެނެސްދޭނެ ބަޔަކު ހޯދަން އެ މުއައްސަސާއިން މިއަދު އިއުލާނުކޮށްފިއެވެ.
ފުލުހުން ގެޒެޓުގައި މިއަދުކުރި އިއުލާނެއްގައި ބުނީ ރާއްޖެއިން ބޭރުން ބިދޭސީން ގެނައުމާއި ބިދޭސީންނާ ގުޅޭގޮތުން ސަރުކާރު އިދާރާތަކުން ކުރަންޖެހޭ އެންމެހައި ކަންކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. އެހެންކަމުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލާ ކަމަށެވެ.
ބީލަން ފޮނުވަންވާނީ ގެޒެޓުގައިވާ ފޯމު ފުރިމަހަ ކުރުމަށްފަހު fzmm_c2300@police.gov.mv އަށް ކަމަށާއި އަދި އެ ފޯމުގެ ކޮޕީއެއް procurement@police.gov.mv އަށް ކޮޕީ ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް މެއިލް ކުރާނެ ކަމަށެވެ.
އިއުލާނުގައިވާ ގޮތުން ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ މި މަހުގެ 14ވަނަ ދުވަހުގެ 14:00 އެވެ. ބީލަން ހުށަހެޅުމާ ގުޅޭ އިތުރު މައުލޫމާތު ފުލުހުންގެ ދުމަތުންނާއި، 9790052 ނަމްބަރަށް ގުޅައިގެން ލިބެން ހުންނާނެ ކަމަށެވެ.
ފުލުހުން، އެ މުއައްސަސާގެ ބޭނުމަށް ބިދޭސީން ހޯދަން އިއުލާން ކޮށްފައިމިވަނީ ސަލާމަތީ ހިދުމަތްތައް ފޯރުކޮށްދޭ ތަންތަނުގައި ބިދޭސީން ގެންގުޅުމަކީ ބޭނުންވާ ގޮތެއް ނޫން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
”ވަކިން ހާއްސަކޮށް ސަލާމަތާ ރައްކާތެރިކަމާ ގުޅޭ ހިދުމަތް ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި އެއްވެސް ހާލެއްގައި ބިދޭސީއަކު ހުރުމަކީ އެއީ އަޅުގަނޑުމެން ބޭނުންވާ ގޮތެއް ނޫން“ އިހުސާން ވިދާޅުވެފައިވެއެވެ.
އިހުސާން ވިދާޅުވެފައިވަނީ ފުލުހުންގެ ތެރެއިން ރައްޔިތުންނަށް ސީދާ ދޭ ހިދުމަތްތަކުގައި ބިދޭސީން ޝާމިލުނުވާ ކަމަށާއި ނަމަވެސް ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަނުގައާއި އަންސްކިލްޑް މަސައްކަތްތަކުގައި ކޮންމެވެސް ވަރަކަށް ބިދޭސީން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތަށް ތިބި ބިދޭސީ މުވައްޒަފުންނަކީ ދިވެހިން ނުލިބުމުގެ ސަބަބުން މަސައްކަތް ކުރަމުންދާ ބިދޭސީން ކަމަށް އިހުސާން ވިދާޅުވެފައިވެއެވެ.