ޖުލައި 6, 2024

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗުން 13 ބިމެއް ވިއްކަނީ، އެންމެ ކުޑަ އަގަކަށް ހުށަހެޅޭނީ 7.4 މިލިއަން!

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗު ސައިޑުން 13 ބިމެއް ވިއްކާލަން ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހުޅުވާލައިފި އެވެ.

ދިރިއުޅުމަށް ވިއްކާލާ އެ ބިންތަކުގެ ތެރޭގައި ހިމެނެނީ 1،864 އަކަފޫޓާއި 2،408 އަކަފޫޓާ ދެމެދުގެ ބިންތަކެވެ. ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 4,000ރ. އެވެ. އެއީ 1،864 އަކަފޫޓުގެ ބިމަކަށް ބަލާނަމަ 7.45 މިލިއަން ދިވެހި ރުފިޔާ އެވެ. އެންމެ ބޮޑު ބިމަކަށް ބަލާނަމަ 9.6 މިލިއަން ރުފިޔާ އެވެ.

އެޗްޑީސީން ބުނި ގޮތުގައި ބިން ވިއްކުން ކުރިއަށް ގެންދާނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ.

މިއަދު ހުޅުވާލީ ބިން ވިއްކުމުގެ ދެ މަރުހަލާގެ ތެރެއިން ފުރަތަމަ މަރުހަލާ ކަމަށްވާ ޝައުގުވެރިކަން ފާޅުކުރުމަށެވެ. ދެވަނަ މަރުހަލާގައި އޮންނާނީ ޝައުގުވެރިކަން ފާޅުކުރާ މީހުންގެ ތެރެއިން ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށްވުރެ ގިނަ ފަރާތުން ޝައުގުވެރިކަން ފާޅުކޮށްފައިވާނަމަ ބިޑު ކުރުމެވެ.

އެޗްޑީސީގެ ބިޑް ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ކުރިމަތިލެވޭއިރު ބީލަމުގައި ބައިވެރިވެވޭނީ ހަމައެކަނި ދިވެހިންނަށެވެ. އަދި ކުންފުނީގެ ގޮތުގައި ކުރިމަތިލެވޭނީ ސައްތައިން ސައްތަ ދިވެހި ކުންފުނިތަކަށް ކަމަށް ބުންޏެވެ.

ހުޅުމާލެއިން 13 ބިމެއް ވިއްކުމަށް މިއަދު ހުޅުވާލިއިރު 15 ބިމެެއް ވިއްކުމަށް އެޕްރީލް 2023 ގައި އާއި ޑިސެމްބަރު 2021، ގައި 60 ބިމެއް ވިއްކުމަށް ވެސް ހުޅުވާލި އެވެ.