މި އަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން, ފިޝަރީޒް މިނިސްޓްރީ އާއި ރަށު ކައުންސިލްތައް ގުޅިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ފަރުމަސްވެރިކަމުގެ މުބާރާތެއް ބާއްވަން ނިންމައި, ބައިވެރިވާން ހުޅުވާލައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ, މި މުބާރާތް އޮންނާނީ 19 ޖޫން 2026ވާ ހުކުރު ދުވަހުގެ މެންދުރުފަހު 3:00 އިން ރޭގަނޑު 9:00 އަށް ކަމަށެވެ. މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއް ނަމަވެސް މާލެ ސިޓީން މުބާރާތުގައި ބައިވެރިވެވޭނީ އިސްވެ ފޯމު ހުށަހަޅާ, ޝަރުތު ހަމަވާ ފުރަތަމަ 20 ޓީމަށް ކަމަށްވެސް ބުންޏެވެ.
މިނިސްޓްރީން އާންމުކޮށްފައިވާ ގަވާއިދުގައިވާ ގޮތުން:
- ކޮންމެ ޓީމެއްގައި ހިމެނޭނީ މެނޭޖަރަކާއެކު ގިނަވެގެން 13 މެންބަރުން
- ފަޅުވެރިންނަށް މަސްވެރިކަމުގައި އަމަލީ ގޮތުން ބައިވެރިއެއް ނުވެވޭނެ
- ކޮންމެ ޓީމަކަށްވެސް މަހަށް ފުރޭނީ ޓީމުގެ ތިންބައިކުޅަ ދެބައި މެންބަރުން ހަމަވާނަމަ
- ކަނޑައާޅާފައިވާ ވަގުތަށް ޓީމެއް ހާޒިރު ނުވެއްޖެނަމަ އެ ޓީމެއް ޑިސްކޮލިފައިވާނެ
- ދިރޭ އެން ބޭނުންކުރުމަކީ މަނާކަމެއް
- ހިފުން ނުވަތަ ބޭނުންކުރުން މަނާކޮށްފައިވާ ބާވަތްތައް ހިފުމާއި ބޭނުންކުރުން މަނާވާނެ
- ޕޮއިންޓް ދޭނީ ބޭނި މަހުގެ ބާވަތް ހިމެނޭ ކެޓެގަރީއަށާއި އޭގެ ބަރުދަނަށް ބަލައިގެން
- 8 އިންޗިއަށްވުރެ ކުދި މަހަށް ޕޮއިންޓެއް ނުލިބޭނެ
ވަނަތަކާއި އިނާމު
- މުބާރާތުގެ 1 ވަނަ: 30,000ރ.
- މުބާރާތުގެ 2 ވަނަ: 25,000ރ.
- މުބާރާތުގެ 3 ވަނަ: 20,000ރ.
- އެންމެ ބަރުމަސް ބޭނި ފަރާތް: 5,000ރ.


