ޖުލައި 6, 2024

ބިން ހިއްކުމުގެ މަޝްރޫއުތައް ވަގުތީ ގޮތުން ހުއްޓާލުމަށް އަންގައިފި

ގާހުދުވުމާއި (ކޮރަލް ބްލީޗިން) ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން ބިން ހިއްކުމުގެ މަޝްރޫއުތައް ވަގުތީ ގޮތުން ހުއްޓާލުމަށް އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އަންގައިފިއެވެ.

އީޕީއޭއިން މިރޭކުރި އިއުލާނެއްގައި ބުނީ މި ދުވަސްވަރަކީ ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުން ގާހުދުވަމުންދާ ދުވަސްވަރެއް ކަމަށެވެ. ރާއްޖޭގެ ފަރުތަކުން ފުޅާ ދާއިރާއެއްގައި ގާހުދުވުމުގެ ހާދިސާއެއް އެންމެ ފުރަތަމަ ފަހަރަށް 1998 ވަނަ އަހަރު ފާހަގަ ކުރެވުނު ފަހުން، އެފަދަ ހާދިސާތައް މެދުވެރިވާ މިންވަރު ގާތްވަމުން އަންނަކަމަށް ފާހަގަ ކުރެވިފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ.

މިފަދަ ދުވަސްވަރެއްގައި ހިންގާ ހަރަކާތްތަކުން ފަރުތަކަށް ކުރާ އަސަރުގެ ސަބަބުން ފަރުތައް އަލުން އިއާދަވާ މިންވަރު ލަސްވުން، އަދި އިއާދަވުމަށް ހުރަސް އެޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް އީޕީއޭއިން ބުންޏެވެ. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދާ ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތަކް އަދި ބީޗް ނަރިޝްމަންޓް މަސައްކަތްތަކަކީ ފަރުތަކުގެ މާހައުލަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަންކަމަށް އީޕީއޭއިން ބުންޏެވެ.

”ދުނިޔޭގެ ކަނޑުތަކުގެ ފިނި ހޫނުމިން ބެލުމަށް، އަދި ކަނޑުތަކުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުގެ ގާހުދުވުމުގެ ހާދިސާތައް ކުރިއާލައި ލަފާ ކުރުމަށް އެމެރިކާގެ ނޭޝަނަލް އޯޝިއޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (NOAA) އިން ހިންގާ ’ނޭޝަނަލް އެންވަޔަރަންމަންޓަލް ސެޓަލައިޓް ޑޭޓާ އެންޑް އިންފޮރމޭޝަން ސާވިސް‘ ޕްރޮގްރާމުން އެންމެ ފަހުން ނެރެފައިވާ ސެޓަލައިޓް މައުލޫމާތަށް ބަލާއިރު ރާއްޖެ މި ވަގުތު އޮތީ ”އެލާރޓް ލެވަލް 1″ ގައެވެ. އަދި ރާއްޖޭގެ ގިނަ ސަރަހައްދުތަކަކުން ގާހުދުވާ ކަމުގެ ރިޕޯޓާއި އެކަމާއި ގުޅޭ މައުލޫމާތު ދަނީ ލިބެމުން“ އީޕީއޭއިން ބުންޏެވެ.

ރާއްޖޭގެ ސަރަހައްދު ”އެލާރޓް ލެވަލް 1“ ގައި އޮތުމުންނާއި ގިނަ އަދަދަކަށް ގާހުދުވަމުންދާ ކަމަށް ރިޕޯޓް ލިބެމުންދާތީ މިއަދުން ފެށިގެން 10 ޖޫން 2024 ވަނަ ދުވަހުގެ ނިޔަލަށް ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމައިފައި ކަމަށް އީޕީއޭއިން ބުންޏެވެ.

– ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ފަރުތަކަަށް ސީދާ އަދި ނުސީދާ ގޮތުން އަސަރުކުރާ ތިރީގައި ބަޔާންކޮށްފައިވާ މަސައްކަތްތައް އީ.އައި.އޭ އާއި ބިންހިއްކުމާއި ފަޅު ފުންކުރުމުގެ ހުއްދައިގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވަގުތީ ގޮތުން ހުއްޓާލުން.
1.1. ބިންހިއްކުން، ފަޅުކޮނުން، ގޮނޑުދޮށަށް ވެލިއެޅުން، ޕަމްޕު ބޭނުންކޮށްގެން ވެލި ނެގުން، ފަރުމަތީ ހޮޅި އަދި ކޭބަލް އެޅުން، ބަންޑުވޯލް ޖެހުން އަދި މިނޫނަސް މެޝިނަރީ ބޭނުންކޮށްގެން ފަރުމަތީގައި މަސައްކަތް ކުރުން
2. މިހާރު ހިނގަމުންދާ މަޝްރޫއުތަކާއި އީ.ޕީ.އޭ އަށް ހުށަހަޅާ އެޕްލިކޭޝަންތަކުގެ ތެރެއިން 1.1 ގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ކުރުމުގެ ގޮތުން 10 ޖޫން 2024 ގެ ފަހަށް އެ މަސައްކަތްތަކުގެ މަސައްކަތުގެ ތާވަލް މުރާޖައާކުރުން

ރައްޔިތުންގެ ދިރިއުޅުމާއި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފަރުތައް ގުޅިލާމެހިފައިވާއިރު، ދުނިޔޭގެ ފިނިހޫނުމިން މަތިވުމާއި ގުޅިގެން މެދުވެރިވާ ހާދިސާތަކުގެ ސަބަބުން ފަރުތަކަށް ކުރާ އަސަރު ކުޑަކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއްކޮށް ރާއްޖޭގެ ފަރުތަކުގެ ދަމަހައްޓަން ޖެހޭ ކަމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު ދެ ސިނާއަތް ކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަން ވެސް ފަރުތަކުގެ މައްޗަށް ބަރޯސާވާއިރު، އެ ސިނާއަތަށް ކޮށްފާނެ ނޭދެވޭ އަސަރުން ސަލާމަތްވުމަށް ފަރުތަށް ރަނގަޅު ގޮތެއްގައި ދަމަހައްޓަންޖެހޭ ކަމަށް އީޕީއޭން ބުންޏެވެ.