ފައިނަލް މެޗަށް ފަހު އުފާފާޅުކުރަން ސައިކަލު ބުރާއި އެއްވުންތައް ނުބާއްވަން އަންގައިފި

ވޯލްޑް ކަޕްގެ ފައިނަލް މެޗަށް ފަހު ސައިކަލު ބުރުޖެހުމާއި ބައިބަޔަށް އެއްވުންތައް ނުބާއްވަން ފުލުހުން އަންގައިފި އެވެ.

ވޯލްޑް ކަޕްގެ ފައިނަލްގައި މިރޭ މެންދަމު 12:00 ގައި އާޖެންޓީނާ އާއި ސްޕެއިން ވާދަކުރަން ހަމަޖެހިފައިވާއިރު ދިވެހި ފުލުހުން ދެންމެ ވަނީ އާންމު އިލްތިމާސްއެއް ނެރެފަ އެވެ.

އެ އިލްތިމާސްގައި ބުނެފައިވަނީ، އުފާފާޅުކުރުމުގައި އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމު ކުރުމަށާއި އަމާންކަން ގެއްލިދާނެ އެއްވެސްކަމެއް ނުކުރުމަށް އެދިފަ އެވެ.

އަދި ދަންވަރުގެ ވަގުތުތަކަކީ ގިނަ ރައްޔިތުން އަރާމުކުރާ ވަގުތުތަކަކަށް ވުމާއެކު، އާންމު މަގުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އަޑުގަދަކުރުމާއި ބާރަށް ލަވަޖެހުމާއި އުޅަނދުފަހަރުގެ ބަރުގޮނު އެޅުން ފަދަ، އެހެން މީހުންނަށް އުނދަގޫވާނޭ ކަންކަމުން ދުރުވުމަށްވެސް އެދިފައިވެ އެވެ.

މީގެ އިތުރުން، އާންމު ސަރަހައްދުތަކުގައި ބަހައްޓާފައިވާ ސްކްރީންތަކުން މެޗު ބަލާއިރު، މަގު ބޭނުންކުރާ އެހެނިހެން ފަރާތްތަކަށް ދަތިވާނެހެން ސައިކަލުތައް މަޑުކޮށްގެން ނުތިބުމަށާއި މެޗު ނިމުމަށްފަހު ބައިބަޔަށް އެއްވުމާއި ސައިކަލު ބުރު ޖެހުން ފަދަ ކަންކަން ނުކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ފުލުހުން ވަނީ މެޗުގެ ފޯރީގައި ބައިވެރިވާއިރު، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި އަވައްޓެރިންގެ ހައްގުތަކަށް އިސްކަން ދިނުމަށްވެސް އިލްތިމާސްކޮށްފަ އެވެ.

އާޖެންޓީނާ ކުޅޭ މެޗުތައް އޮންނަ ރޭރޭ އާންމުކޮށް މާލޭގެ މަގުމަތި ވަރަށް ބޮޑަށް ހަލަބޮލިވެ އެވެ. މެޗަށް ފަހު އުފާ ފާޅުކުރުމުގެ ގޮތުން މަގުމަތީ ހިނގާލުމާއި ދިދަތައް ހިފައިގެން ސައިކަލް ބުރު ޖެހުން ފަދަ ކަންކަން ކުރެ އެވެ.