ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލް މެޗުގައި އާޖެންޓީނާއަށް ތާއީދުކުރާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ފާޅުގައި ހާމަކޮށްފިއެވެ.
އޭނާ ބުނިގޮތުގައި، ސްޕެއިނާ ދެކޮޅަށް ކުޅޭ މި ފައިނަލް މެޗުގައި އިޒްރޭލުގެ ގިނަ ރައްޔިތުންވެސް ސަޕޯޓްކުރާނީ ލިއޮނަލް މެސީގެ އާޖެންޓީނާ ޓީމަށެވެ.
ނިއު ޔޯކް-ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅޭ މި ފައިނަލް މެޗުގެ އެއް ދުވަސް ކުރިން، ނަތަންޔާހޫ ވަނީ އިޒްރޭލަށް ކަނޑައަޅާފައި ހުންނަވާ އާޖެންޓީނާގެ ސަފީރު ރައްބީ ޝީމޮން އެކްސެލް ވަހްނިޝްއާ ބައްދަލުކުރައްވައި މި މެޗާ ބެހޭގޮތުން މަޝްވަރާކުރައްވައިފައެވެ. މި ބައްދަލުވުމުގައި ސަފީރު ވަނީ ނަތަންޔާހޫއަށް އާޖެންޓީނާގެ ގައުމީ ޓީމުގެ ޖާޒީއެއް ހަދިޔާކުރައްވައި، އާޖެންޓީނާގެ ރައީސް ހާވިއޭ މައިލީ ފޮނުއްވި އޯޑިއޯ މެސެޖެއް އިއްވަވައިފައެވެ.
އެ މެސެޖުގައި ރައީސް މައިލީ ވަނީ އާޖެންޓީނާއަށް ތާއީދުކުރައްވާތީ ނަތަންޔާހޫއަށް ޝުކުރު އަދާކުރައްވައި، ނަތަންޔާހޫއަކީ އަބަދުވެސް އެހީތެރިވާ ގާތް ރަހުމަތްތެރިއެއް ކަމަށް ވިދާޅުވެފައެވެ. މި މެސެޖަށް ޖަވާބުދެމުން ނަތަންޔާހޫ ބުނީ، އިޒްރޭލުން ގިނަ ދާއިރާތަކަކުން އާޖެންޓީނާއަށް އެއްބާރުލުން ދޭ ފަދައިން، މި ފައިނަލް މެޗުގައިވެސް އާޖެންޓީނާއަށް ތާއީދުކުރާނެ ކަމަށެވެ.
ސަފީރާ ވާހަކަދައްކަމުން ނަތަންޔާހޫ ފަހުންވެސް ވަނީ އާޖެންޓީނާއަށް އޮތް ތާއީދު ތަކުރާރުކޮށްފައެވެ. ނަތަންޔާހޫ ބުނީ އޭނާއަކީ އާޖެންޓީނާގެ ސަޕޯޓަރެއްކަން ސިއްރު ނުކުރާ ކަމަށާއި، އިޒްރޭލުގެ ގިނަ ރައްޔިތުންވެސް ތިބީ އާޖެންޓީނާއާއެކު ކަމަށް ގަބޫލުކުރާ ކަމަށެވެ.
ލިއޮނަލް މެސީގެ ކެޕްޓަންކަމުގެ ދަށުން ކުޅޭ އާޖެންޓީނާ ނުކުންނާނީ ވޯލްޑް ކަޕްގެ ތަށި ދިފާއުކުރުމަށެވެ. އަނެއްކޮޅުން ސްޕެއިން މަސައްކަތް ކުރަމުންދަނީ 2010 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ތަށި ހޯދުމަށެވެ. ރައީސް ހާވިއޭ މައިލީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އާޖެންޓީނާ އާއި އިޒްރޭލާ ދެމެދު އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ.


