ޑިސެމްބަރ 3, 2024

ދައުލަތަށް ލިބެންޖެހޭ 50 މިލިއަން ރުފިޔާ ހޯދުމަށް އޭސީސީން އެންގުމުންވެސް އެންމެ ރުފިޔާއެއް ވެސް ނުހޯދުނު!

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މިދިޔަ އަހަރު ބެލި 10 މައްސަލައެއްގައި ދައުލަތަށް ގެއްލިފައިވާ 50,370,512.75 ރުފިޔާ ހޯދަން ސަރުކާރު ބައެއް ކުންފުނިތަކަށް އެންގުމުން ވެސް އެންމެ ރުފިޔާއެއް ވެސް ހޯދުމަށް އެ ކުންފުނިތަކުން މަސައްކަތް ކޮށްފައިނުވާ ކަމަށް އޭސީސީން ބުނެފިއެވެ.

އޭސީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިދިޔަ އަހަރު ތަހުގީގުކޮށް ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން 10 މައްސަލައެއްގައި، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާނެ ކަމަށެވެ. އެގޮތުން އެމްއެމްޕީއާރްސީ 40,475,200.00 ރުފިޔާ ހޯދުމަށް އެންގިއިރު އެމްޓީސީސީއަށް 8,481,000.00 ރުފިޔާ ހޯދުމަށް އަންގާފައިވާނެ ކަމަށެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް 1,389,342.00 ރުފިޔާ ހޯދުމަށް އަންގާފައިވާނެ ކަމަށް އޭސީސީން ބުންޏެވެ.

މީގެއިތުރުންވެސް، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ދައުލަތުގެ ބައެއް އިދާރާތަކަށް އަންގާފައިވާނެ ކަމަށާއި 2023 ވަނަ އަހަރު ދައުލަތަށް ހޯދުމަށް އަންގާފައިވާ އެއްވެސް ފައިސާއެއް މިހާތަނަށް ދައުލަތަށް އަނބުރާ ލިބިފައިނުވާ ކަމަށް އޭސީސީން ބުންޏެވެ.

ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާ، އަނބުރާ ހޯދުމަށްޓަކައި އިދާރާތަކުން މަސައްކަތްކޮށްފައިވާ މިންވަރު ބަލައި މޮނިޓަރކުރުމަށް 2022 ވަނަ އަހަރު އެކަމަށް ހާއްސަ ނިޒާމެއް ގާއިމްކޮށްފައިވާނެ ކަމަށާއި އެ ނިޒާމުގެ ތެރެއިން އިދާރާތަކުން އަމަލުކޮށްފައިވާ މިންވަރު ބެލިބެލުމުގައި، ދައުލަތުގެ އިދާރާތަކުން އެކަމުގައި އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާތީ، ގާނޫނީގޮތުން އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އޭސީސީން ބުންޏެވެ.

ކޮރަޕްޝަނުގެ މައްސަލަތަކާ ގުޅިގެން ދައުލަތަށް ހޯދަންޖެހޭ ފައިސާ ހޯދުމުގެ މަސްއޫލިއްޔަތު އޮންނަނީ އޭސީސީން ނޫން ކަމަށެވެ. ނަމަވެސް އެ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކުގައި، ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ހިމެނޭކަން ތަހުގީގަށް ފާހަގަކުރެވިއްޖެނަމަ އެ ފައިސާއެއް ދައުލަތަށް ހޯދުމަށްޓަކައި، އެކަމުގެ ޒިންމާ އޮންނަ ފަރާތަކަށް ކޮމިޝަނުން އަންގަމުން ގެންދާ ކަމަށް އޭސީސީން ބުންޏެވެ.