ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް އުމުރުފުޅުން 65 އަހަރު މިއަދު ފުރިއްޖެ އެވެ.
ޔާމީންގެ އުފަން ދުވަހަކީ 1959 މޭ 21 އެވެ. އެ މަނިކުފާނުގެ އުފަން ދުވަހުގެ މުނާސަބަތުގައި ޕީއެންއެފްގެ ވަގުތީ ލީޑާޝިޕުގެ ބޭފުޅުން މިއަދު ވަނީ އެކްސްގައި އެ މަނިކުފާނަށް އުފަން ދުވަހުގެ ތަހުނިޔާ ވިދާޅުވެފަ އެވެ.
ޕީއެންއެފްގެ ވަގުތީ ސެކްރެޓަރީ ޖެނެރަލް މަލީހު ޖަމާލް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ ބަދަލުކޮށްދެއްވި އަދި ދިވެހިންގެ ހިތްތަކުން ތަނަވަސް ޖާގައެއް ހޯއްދެވި ރައީސަށް އުފަން ދުވަހުގެ ތަހުނިޔާ ދަންނަވާ ކަމަށެވެ.
ވަގުތީ ގޮތުން ހިންގާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޔާމީންގެ ފުރަތަމަ ނައިބު ރައީސް އަދި އެ މަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޔާމީންގެ ޒައާމަތެއް އަދިވެސް ރާއްޖެއަށް މިންވަރުކޮށް ދިނުމަށް އެދި ދުއާ ކުރައްވާ ކަމަށެވެ.
ޔާމީނަށް 65 އަހަރު ފުރިފައިވާތީ ގާނޫނުގައިވާ ގޮތުން މުސްކުޅިންނަށް ސަރުކާރުން ދޭ އިނާޔަތަށް އެ މަނިކުފާނު ޝަރުތު ހަމަވާނެ އެވެ. ނަމަވެސް އެ މަނިކުފާނު އެ އިނާޔަތް ހޯދުމަށް އެދި ހުށަހެޅިކަން އަދި އެނގިފައެއް ނުވެ އެވެ.
އެ މަނިކުފާނަކީ މިހާރު މުސާރަ ލިބޭ އެއްވެސް މަގާމެއް ހުންނެވި ބޭފުޅެއް ނޫނެވެ. ނަމަވެސް ކުރީގެ ރައީސުންގެ އިނާޔަތާއި ކުރީގެ ރައީސުންނަށް އޮފީސް ހިންގެވުމަށް ގާނޫން ދޭ އިނާޔަތް އެ މަނިކުފާނަށް ލިބިވަޑައިގަންނަވާނެ އެވެ.




ގުޅުންހުރި
ނަރުހުންނާއި ޓީޗަރުން ހިމެނޭހެން ވަޒީފާތަކަށް ބިދޭސީން ގެނައުން މަނާކުރަނީ
ފިހިގެން ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ޖަނާޒާ މިރޭ ހުޅުމާލޭގައި ބާއްވަނީ
މާރާމާރީ ހިންގި މައްސަލައެއްގައި އަނެއްކާވެސް ފުލުހަކު ހައްޔަރަށް
ދޯންޏެއްގައި އެކަނި ދަތުރަކަށް ނުކުމެ އުޅުނު މީހަކު ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްފި
ބޭސްފަރުވާގެ އެހީގެ ގޮތުގައި މިދިޔަ މަހު 35 މިލިއަން ރުފިޔާ ދިނިން:
ހައްލު ނުލިބެނީސް، ބޮޑުކަންނެލީގެ މަސްވެރިން ތިބީ އިހުތިޖާޖު ހުއްޓާލާ ގޮތަކަށް ނޫން!