ޖުލައި 2, 2024

ދަރިންނަކީ ކިޔަމަންތެރި، ބަސްއަހާ ކުދިންނަށްް ހެދުމުގެ ބުރަ ޒިންމާއަށް އިހުމާލު ނުވުމަށް ހުތުބާގައި ގޮވާލައިފި

ދަރިންނަކީ އަހުލާގު ރަނގަޅު، ކިޔަމަންތެރި، މައިންބަފައިންނާއި ބެލެނިވެރިންގެ ބަސްއަހާ ކުދިންތަކަކަށް ހެދުމުގެ ބުރަ ބޮޑު ޒިންމާއަށް އިހުމާލު ނުވުމަށް މައިންބަފައިންނާއި ބެލެނިވެރިންނަށް މިއަދުގެ ހުކުރު ހުތުބާގައި ނަސޭހަތްތެރިވެއްޖެ އެވެ.

”ދިރާސީ އާ އަހަރު“ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، އިލްމަކީ މާތް ﷲ އެކަލާނގެ އަޅުތަކުންނަށް ދެއްވާ ނޫރެއް ކަމަށާއި އިލްމުގެ ތެރޭގައި ތިމާ ދުނިޔެ އާރާސްތު ކުރުމަށް ބޭނުންވާ އިލްމާއި އާހިރަތުގެ ހެވާއިލާބަ ލިބިގަތުމަށް ބޭނުންވާ އިލްމު ހިމެނޭ ކަމަށެވެ. އަދި އިލްމުގެ އަހުލުވެރިންނަކީ މާތް ﷲ އެބައެއްގެ ދަރަޖަ މަތިވެރި ކުރައްވާފައިވާ ބައެއް ކަމަށްވެސް ބުންޏެވެ.

އިލްމު އުނގެނުމަށް ވަކި އުމުރެއް އަދި ވަކި ޖިންސެއް ނޯންނަކަން ފާހަގަކޮށް ހުތުބާގައި ބުނީ، މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެން އިލްމު އުނގެނުމަށް ގަދައަޅައި މަސައްކަތް ކުރާންޖެހޭ ކަމަށެވެ. އަދި މާތް ﷲ ގެ މަގުގައި މީހަކަށް ކުރެވޭނެ އެންމެ ހެޔޮ އަމަލުތަކުގެ ތެރޭގައި އިލްމު ހޯދުމަށް މަސައްކަތް ކުރުން ހިމެނޭ ކަމަށާއި އެއީ ސުވަރުގެއަށް ވާސިލުކޮށްދޭނެ ކަމެއް ކަމަށްވެސް ބުންޏެވެ.

އަންނަ އާދީއްތަ ދުވަހު ފަށާ ދިރާސީ އަހަރާ ގުޅުވައިގެން ހުތުބާގައި ވަނީ ދަރިވަރުންނަށް ހުރިހާ ގޮތަކުންވެސް ބާއްޖަވެރި އަދި ކާމިޔާބު އަހަރެއްކަމުގައި ލެއްވުން އެދި މާތް ﷲ ގެ ހަޒުރަތުގައި ދުއު ދަންނަވާފަ އެވެ.

ހުތުބާގައި ވަނީ، ދަރީންނަށް ދުނިޔެއާއި އާހިރަތުގައި މަންފާކުރާނެ އިލްމު ހޯދައިދިނުމަށް އެހީތެރިވެ ދިނުމަށާއި އެ ކުދީންނަށް އަދާކުރަންޖެހޭ އެންމެހައި ހައްގުތައް ކުޅަދާނަވީ އެންމެ ބޮޑަކަށް އަދާކުރެވޭތޯ ބެލުމަށް މައިންބަފައިންނާއި ބެލެނިވެރިންނަށް ނަސޭހަތްތެރިވެފަ އެވެ.

ދަރިވަރުންނަށް ނަސޭހަތްތެރިވަމުން ހުތުބާގައި ބުނީ، ދަރިވަރުންނަކީ މާދަމާ ގައުމުގެ ވަހުދަތު ހިމާޔަތްކޮށް، ގައުމުގެ ބަހާތައް ނަގަހައްޓަން ތިބޭނެ ކުދިންކަން ދަންނަވާނެ ކަމަށެވެ. އަދި މާތް ﷲ ތިޔަ ދަރިވަރުންގެ އުމުރުގައި ބަރަކާތްލައްވައި އިލްމުވެރި މޮޅު ދަރިންތަކަކަށްވާނީ، އެކަލާނގެ އެންގެވި ގޮތަށް އަމަލުތައް ބަހައްޓައި މައިންބަފައިންނަށް ހެޔޮކޮށްހިތައި، މުދައްރިސުންނަށް އިހުތިރާމުކޮށް، އިލްމު ހޯދުމަށް ގަދައަޅައި މަސައްކަތް ކޮށްގެންކަން ދަންނަންވާނެ ކަމަށްވެސް ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ، މަދުރަސީ މަރުހަލާއަކީ އެ މަރުހަލާއެއް ނިމި ފާއިތުވެއްޖެނަމަ، ދެން އަލުން ލިބޭނެ މަރުހަލާއެއް ނޫންކަމާއި އެ މަރުހަލާގައި ކިޔަވައިދޭ ތަކެތި ރަނގަޅަށް ފަހުމުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް ބުނެފަ އެވެ.

އަދި ދަރިވަރުންނަށް ﷲ ގެ ރަހުމަތުން ލިބިފައިވާ ފަދަ ތައުލީމީ ފުރުސަތަކަށް އެދިއެދި ތިބި އެތައްހާސް ކުދިންނެއް ދުނިޔޭގައި އުޅޭކަން ދަނެ، ދަރިވަރުންނަށް ލިބިފައިވާ ފުރުސަތު ބޭކާރުކޮށް ނުލައި، ﷲ ގެ ވާގިފުޅާއެކު ހިންމަތާއެކު މަސައްކަތްކޮށް، ވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް އަޒުމް އާކުރުމަށްވެސް ނަސޭހަތްތެރިވި އެވެ.