ޗާގޯސްގެ މައްސަލައިގައި ރަސްމީ ވާހަކަތައް ފެށުމަށް ރައީސްގެ ދައުވަތު ޔޫކޭ ބޮޑުވަޒީރަށް

ރައީސް ޑރ. މުހައްމަދު މުއިއްޒު ---

ޗާގޯސްގެ ސިޔާދަތީ މިލްކުވެރިކަމާ ބެހޭ މައްސަލައިގައި އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު ރަސްމީ ވާހަކަތައް ފެއްޓެވުމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ދަ ރައިޓް ހޮނަރަބަލް އެންޑީ ބާންހަމްއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދައުވަތު ދެއްވައިފިއެވެ.

މި ދައުވަތު ރައީސް ދެއްވާފައިވަނީ ޗާގޯސްގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި އިނގިރޭސި ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅެއްގައެވެ.

ރައީސް އޮފީހުން މިއަދު ބުނީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ރައީސް ފޮނުއްވި ސިޓީފުޅުގައި ޗާގޯސްއަކީ ރާއްޖޭގެ ތަނެއްކަމުގައި ތާރީހީގޮތުންވެސް ފެންނާން އޮތްކަމާއި، ޖިއޮގްރަފީ ގޮތުންވެސް ޗާގޯސްއަކީ ރާއްޖެއާ މާ ގާތުގައި އޮތް ތަނެއްކަން ފާހަގަކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން ޗާގޯސްގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރެއްވުމަށް ކުރައްވާ މަސައްކަތްތައް ކުރިއަށް ގެންދަވާތީ ރައީސް ކަންބޮޑުވުން ފާޅުކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ސިޓީފުޅުގައި އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ ގުޅުން އިތުރަށް ކުރިޔަށް ގެންދަވާނޭ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި ދިވެހި ދައުލަތާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރެވޭނޭ ފަދަޔަކުން، ޗާގޯސްގެ މައްސަލައިގައި ރާއްޖެއިން އިނގިރޭސި ސަރުކާރަށް އެއްބާރުލުން ދެއްވާނޭ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ވަނީ އަރުވައިފައެވެ.

2023 ވަނަ އަހަރު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނެރުނު ހުކުމުގެ ސަބަބުން ޗާގޯސްގެ މައްޗަށް މޮރިޝަސްއިން ކުރާ ދައުވާތަކަށް ވަނީ އިތުރު ބާރެއް ލިބިފައެވެ. މިކަން ކޮށްފައިވަނީ 2019 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރުނު އިސްތިޝާރީ ލަފަޔަކަށް ތާއީދުކޮށްގެންނެވެ.

އައިސީޖޭ އިން ނިންމާފައިވަނީ 1965 ވަނަ އަހަރު އިނގިރޭސިވިލާތުން މޮރިޝަސްއާ ޗާގޯސް ޖަޒީރާތައް ވަކިކުރުމަކީ ގައިރު ގާނޫނީ ކަމެއް ކަމަށާއި، ވީ އެންމެ އަވަހަކަށް އެ ސަރަހައްދު ހިންގުން އިނގިރޭސިވިލާތުން ހުއްޓާލަންޖެހޭނެ ކަމަށެވެ.

މި އިސްތިޝާރީ ލަފަޔަކީ އަމަލުކުރުން މަޖުބޫރު ނިންމުމަކަށް ނުވި ނަމަވެސް، މީގެ ގާނޫނީ ބަރުދަނެއް ހުރުމާއެކު، 2019 ވަނަ އަހަރު އދ. ގެ އާންމު މަޖިލީހުން ވަނީ ގާތްގަނޑަކަށް ހުރިހާ ގައުމެއްގެ އިއްތިފާގުން އެ ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލައިފައެވެ.

ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް ވެފައިވާ އެއްބަސްވުން ގަބޫލު ނުކުރާކަން ރަސްމީކޮށް ދިވެހި ސަރުކާރުން ވަނީ މީގެ ކުރިން އިނގިރޭސިވިލާތަށް އަންގައިފައެވެ.

މޮރިޝަސްއާއެކު އިނގިރޭސި ސަރުކާރުން ވެފައިވާ އެއްބަސްވުމަށް ރަސްމީކޮށް އިއުތިރާޒުކޮށް، ރާއްޖެއިން އިނގިރޭސި ސަރުކާރަށް ސިޓީ ފޮނުވާފައިވަނީ 2024 ނޮވެމްބަރު އަދި 2026 ޖެނުއަރީގައެވެ.

ޗާގޯސްގެ މައްސަލައިގައި މޮރިޝަަސް އިން ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 27 ގައި ރާއްޖެއާއެކު ހާރިޖީ ގުޅުން ސަސްޕެންޑު ކުރަން ނިންމައިފައެވެ. ނަމަވެސް ސިޔާސީ ގުޅުން ކަނޑާލިޔަސް މޮރިޝަސްއަށް ޗާގޯސް ހައްގު ނުވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.