ޖުލައި 2, 2024

އުއްމީދަކީ މިހާތަނަށް ދެކޭ އެންމެ ޒިންމާދާރު، ރައްޔިތުންނަށް މަންފާކުރާނެ މަޖިލީހަށް ވުން: ރައީސް

މިއަދު މަސައްކަތް ފެށި ވިހިވަނަ ރައްޔިތުންގެ މަޖިލީހަކީ އެންމެ ޒިންމާދާރު އެންމެ އިތުބާރުހުރި ގައުމަށާއި ރައްޔިތުންނަށް އެންމެ މަންފާހުރި ކަންކަން ނިންމާ މަޖިލީހަކަށް ވެގެން ދިއުމަކީ އުއްމީދެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވުނު މެންބަރުން މިއަދު ވަނީ މެންބަރުކަމުގެ ހުވައި ކުރައްވައި، މަސައްކަތް ފަށައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އާ މެންބަރުންނަށް މަރުހަބާ ވިދާޅުވެ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި މިހާތަނަށް ދެކޭ އެންމެ ޒިންމާދާރު، އެންމެ އިތުބާރުހުރި ގައުމާއި ރައްޔިތުންނަށް އެންމެ މަންފާ ހުރި ގޮތުގައި ކަންކަން ނިންމާ މަޖިލީހަށް މި ފަހަރު މަޖިލިސް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މިއަދު ހުވާކުރި 20 ވަނަ މަޖިލީހުގައި 93 މެންބަރުން ތިއްބަވާނެ އެވެ. އޭގެ ތެރެއިން ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ޕާޓީ (ޕީއެންސީ)ގެ 75 މެންބަރުން ތިއްބަވާނެ އެވެ. އެއީ ސުޕަ މެޖޯރިޓީ އެވެ. އެއާއެކު ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ބާރު ސަރުކާރު މެޖޯރިޓީއަށް އެބަ އޮތެވެ.

އެ އަދަދާއެކު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމްގެ އިތުރުން އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ އިތުރުން އެ ޕާޓީއަށް ނިސްބަތްވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވެސް މަސައްކަތް ކުރައްވާނީ ސަރުކާރާއެކު އެވެ.

އެހެންކަމުން ޕީއެންސީގެ މެންބަރުންނާއި ސަރުކާރަށް ތާއީދު ކުރާ މެންބަރުންނާއެކު އެ އަދަދު 79 އަށް އަރަ އެވެ.

އިދިކޮޅު އެމްޑީޕީއަށް މި ފަހަރުގެ މަޖިލިސް އިންތިހާބުގައި ކާމިޔާބު ކުރެވުނީ އެންމެ 12 ގޮނޑި އެވެ. ވިހިވަނަ މަޖިލީހުގައި ހިމެނެނީ އެންމެ ދެ މިނިވަން މެންބަރުންނެވެ.