ޖުލައި 6, 2024

ކްލާސްތަކަށް ވަކިވަކި ވައިބާ ގުރޫޕް ނުހަދަން އަންގައިފި

ސްކޫލް ދަރިވަރުންނަކީ އަމިއްލައަށް ކިޔެވުމަށް ޒިންމާވާ ބަޔަކަށް ހެދުމަށްޓަކައި، ވައިބާ ގުރޫޕުތައް ޓީޗަރުންނަށް އެކަނި މެސެޖު ކުރެވޭހެން ހަދައި ވަކިވަކި ކްލާސްތަކަށް ވައިބާ ގްރޫޕު ނުހެދުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.

އެ މިނިސްޓްރީން ސްކޫލްތަކަށް މިއަދު ފޮނުވި ސާކިއުލާއެއްގައި ބުނީ ކިޔެވުމަށް ދަރިވަރުން ބާރުއެޅުމުގެ ގޮތުން ސްކޫލުތަކުން ކުރާ މަސައްކަތް އިތުރުކޮށް ހަރުދަނާ އުސޫލުތަކެއް ގާއިމްކުރަން ޖެހޭ ކަމަށެވެ. އެގޮތުން، ސްކޫލުތަކުން ބެލެނިވެރިންނާ މުއާމަލާތްކުރަން ބޭނުންކުރާ މަންސަތަކަކީ އެއް ފަރާތުން މުއާމަލާތު ކުރެވޭ ކޮމިއުނިޓީ ގްރޫޕުތަކަކަށް ހެދުމަށް އެޑިއުކޭޝަނުން ވަނީ ސްކޫލްތަކަށް އަންގައިފައެވެ. އަދި އެފަދަ ކޮމިއުނިޓީ ގްރޫޕުތައް ސްކޫލުގެ ޑިޖިޓަލް ނޯޓިސްބޯޑެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ ކަމަށް ބުންޏެވެ.

”މިއާއެކު، ބެލެނިވެރިން މުދައްރިސުންނާ މުއާމަލާތްކުރެއްވުމަށް ވަކިވަކި ކުލާސްތަކަށް ރަސްމީ ގްރޫޕުތައް ބޭނުން ނުކުރުމަށް ދަންނަވަމެވެ،“ ބަޔާނުގައި ވެއެވެ.

އެޑިއުކޭޝަނުން ބުނީ ރަސްމީ މުއާމަލާތްކުރުމަށް އިތުރު ގްރޫޕެއް ހަދާނަމަ، ވަކިވަކި ކީސްޓޭޖުތަކަށް ނުވަތަ ގްރޭޑްތަކަށް ހާއްސަ ގްރޫޕެއް ސްކޫލްތަކަށް ހެދިދާނެ ކަމަށެވެ.

އަދި ބުނީ ސްކޫލްތަކުގެ ކޮމިއުނިޓީ ގްރޫޕުތަކަށް މެސެޖުކުރާ އެންމެ ލަސް ގަޑިއަކީ ސްކޫލުގައި ކިޔަވައިދޭ ދަންފަޅި ނިމޭތާ ދެ ގަޑިއިރަށްވުރެ ލަސް ގަޑިއަކަށް ވެގެން ނުވާނެ ކަމަށެވެ.

ދަރިވަރުންނާ ހަވާލުކުރެވޭ މަސައްކަތްތައް ބެލެނިވެރިޔާއަށް އެންގުމަށް އެފަދަ ގްރޫޕުތައް ބޭނުން ކުރުމުގެ ބަދަލުގައި، ދަރިވަރުން އަމިއްލައަށް އުނގެނުމަށް ޒިންމާވާނެ ފަދަ އާދަތައް ގެންގުޅުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.