މަރާލާންވެފައި ހުރި މީހެއް ކަމަށް ބުނެ އަމިއްލަ މަންމައަށް އެކި އަނިޔާކުރި މީހަކު ހަ މަހަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އެ މައްސަލައިގައި ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ ހ. ގާޑަން ބިއުޓީ/ އިބްރާހިމް އިކްރާމް އެވެ.
ދައުލަތުން އިކްރާމްގެ މައްޗަށް ދައުވާ ކުރީ، އޭނާގެ މަންމަ އާއިޝަތު ސައީދާއަށް އަނިޔާ ނުކުރުމަށާއި ބަހުގެ ހަމަލާ ނުދިނުމަށާއި ނަފުސާނީ ގޮތުން އަނިޔާ ނުކުރުމަށާއި މާލީ ގޮތުން ނުވަތަ އިގުތިސޯދީ ގޮތުން ދަތި ނުކުރުމަށާއި ބިރު ނުދެއްކުމަށާއި ގޯނާ ނުކުރުމަށާއި މުދަލަށް ގެއްލުން ނުދިނުމަށް ޖޫން 2022 ގައި ސިވިލް ކޯޓުން އޭނާގެ މައްޗަށް ކޮށްފައިވާ އަމުރާ ހިލާފު ވެގެންނެވެ.
މި މައްސަލައިގައި ކުރިމިނަލް ކޯޓުގައި ކުރި ދައުވާގައި ބުނެފައިވަނީ، ސިވިލް ކޯޓުގެ އަމުރާ އިކްރާމް ހިލާފުވެ 24 ފެބްރުއަރީ 2023 ވަނަ ދުވަހުން ފެށިގެން އެކި ދުވަސް މަތިން އެކި އަނިޔާތައް އޭނާގެ މައްމައަށް ކޮށްފައިވާ ކަމަށެވެ.
އެގޮތުން މަންމަ ނިދާކޮޓަރީގައި އޮއްވައި، ”ތިއީ ޝައިތޯނެކޭ“ އަދި ޖަނަވާރެކޭ ބުނެ މަރާލަންވީ ކަމަށް ބުނެ ބިރުދައްކައި އޭނާގެ އަތުން މަންމަގެ ދެ އަތުގައި ތަޅައި އަނިޔާކޮށްފައިވާ ކަމަށާއި ގޭގެ ދޮރުމަތީގައި ހުރި ގޮނޑިއެއްގައި މަންމަ އިންދައި އެއްލި ލައިޓަރަކުން ޖެހި އަނިޔާވުމާއި އޭނާގެ ދެއަތުން މަންމަގެ ބޮލުގައި ތަޅާ އަނިޔާ ކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
އޭގެ އިތުުރުން މަންމަ ނިދާ ކޮޓަރީގައި އިންދައި މަންމަގެ އަތުގައި ފައިން ތަޅައި އަނިޔާ ކުރުމާއި އޭނާގެ މަންމައާ ދިމާލަށް 500 އެމްއެލްގެ ފެންފުޅިއެއް އެއްލުމުގެ ސަބަބުން މޭމަތީގައި ޖެހި އަނިޔާވުމާއި ދެ ފޫޓު ހުންނަވަރުގެ އެސްލޯން ހޮޅިބުރިއަކުން ތަޅައި ތަކުރާރުކޮށް ގެވެށި އަނިޔާ އިން ރައްކާތެރިކުރުމުގެ އަވަސް އަމުރާ ހިލާފުވެފައިވާ ކަމަށްވެސް ދައުލަތުން ބުނެފައިވެ އެވެ.
މި ދައުވާއަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދިނުމުން ދައުވާ ސާފުވެއްޖެ ކަމަށް ބުނެ ދައުވާގައި ބަޔާންކޮށްފައިވާ އެންމެހާ ކަންތައްތަަކަށް އިކްރާމް ވަނީ އިއުތިރާފުވެފަ އެވެ. އަދި ދައުވާގައިވާ ގޮތަށް އެހާދިސާތައް ހިނގާފައިވާ ކަމަށާއި އެއީ އެއްވެސް ނުފޫޒެއް، މަޖުބޫރު ކަމެއް ނެތި ވާ އިއުތިރާފެއް ކަމަށްވެސް ބުނެފައިވެ އެވެ.
އެހެންކަމުން އިކްރާމްގެ އިއުތިރާފުން، އެއީ ގާނޫނުގައި ބަޔާންކޮށްފައިވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ދައުވާއެއް ކަމަށް ކަނޑައަޅައި، މި ކުށުގެ އުގޫބާތެއްގެ ގޮތުން އިބްރާހިމް އިކްރާމް ހަ މަހުގެ މުއްދަތަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ގުޅުންހުރި
މެންބަރުކަން ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީއަށް ދިނުމުން ރައްޔިތުންގެ ބާރު ގެއްލޭ:
ސްޓެލްކޯގެ ފުރިހަމަ މަސައްކަތެއް؛ އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކޮށް ރީތިކޮށްލައިފި
އައިކޮމްގެ އަޑުއެހުމަށް ހާޒިރުނުވުމުން ހައުސިން މިނިސްޓްރީ ޖޫރިމަނާކޮށްފި
މަނާކުރަންވީ ފަލަސްތީނުގައި ގަތުލުއާންމު ހިންގާ މީހުންގެ ޕާސްޕޯޓް އެކަނި: ނާޒިމް
މަޖިލީހުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދިއްޖެ، ކޯޓަށް ދާން މަޝްވަރާކުރާނަން:
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލާ ގުޅޭ ގަރާރު ބޭރުކުރީ އެމްޑީޕީގެ ހެޔޮނިޔަތް