ނޮވެމްބަރ 7, 2024

އަރަފާތު ދުވަހަށް ވުރެ ގިނައިން ﷲގެ އަޅުން ނަރަކަ އިން މުއްތިކުރާ އެހެން ދުވަހެއް ނުވެއެވެ.

އަރަފާތު ދުވަހަށް ވުރެ ގިނައިން اللهُ تَعَالَى އެކަލާނގެ އަޅުން ނަރަކައިން މުއްތިކުރައްވާ އެހެން ދުވަހެއް ނުވާ ކަމަށް ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

”އަރަފާތް ދުވަސް“ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، މުސްލިމުން އަރަފާތު ބިމުގައި ތިބޭ މަންޒަރަކީ ޝައުގުވެރިކަމާ އެކު، މީސްތަކުންގެ ކަޅި އެ ދިމާއަށް އަނބުރައިލެވޭ އަދި ހިތްތަކަށް ފިނިކަމާއި އުފާވެރިކަން ގެނުވާ މަންޒަރެއް ކަމަށެވެ. އެކަމުން ދައްކައިދެނީ މުސްލިމުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން ކަމަށްވެސް ބުންޏެވެ.

ހުތުބާގައި ބުނީ، މާތް اللهގެ ދީނުގައި ހިފަހައްޓާށޭ އެންގެވުމުން، ދީނުގެ ހައްދުގެ ތެރޭގައި ހިފެހެއްޓިގެން ހުރުމަކީ ލާޒިމުކަމެއްކަން ދޭހަވާ ފަދައިން ވަކިވަކިވެ ނުގަންނާށޭ އަންގަވައިފައި ވަނީ ބައިބައިވުމަކީ ނިކަމެތި ކަމަކަށް ވާތީ ކަމަށެވެ.

އަދި މާތް ނަބިއްޔާގެ އަސްހާބުބޭކަލުން ވެސް އެއްބައިވަންތަކަމުގެ ތަރަހައިގެ ތެރޭގައި ތިއްބެވީ އިސްލާމްކަމުގެ ދިދައިގެ ހިޔަލުގައި، އަދި އެބޭކަލުންގެ ޝިއާރެއްގެ ގޮތުގައި (لَا إِلَـٰهَ إِلَّا اللهُ مُحَمَّدٌ رَّسُوْلُ اللهِ) މި ކަލިމަފުޅު ހިއްޕަވައިގެން ކަމަށާއި އެއް ލަނޑުދަނޑިއަކަށް އަމާޒުހިއްޕަވައިގެން ކަމަށް ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ، އެ އަމާޒަކީ އެ ކަލިމަފުޅު މަތިވެރިކުރުން ކަމަށާއި މާތް اللهއަށް އިހުލާސްތެރިވެ، އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންގަތުމުގައި ގުރްބާންވެ، ތަގުވާގެ މަގުގައި ހިންގެވުން ކަމަށެވެ.

ހައްޖު ދުވަހަކީ، އަހަރުތެރޭގައިވާ އެންމެ މާތް ދުވަސްކަން ފާހަގަކޮށް ހުތުބާގައި ބުނީ، އެ ދުވަހަކީ ހައްޖުގެ އެންމެ މަތިވެރި ރުކުން އަދާކޮށް، އަރަފާތު ބިމުގައި ހައްޖުވެރީން އެ ދުވަހުގެ އިރުއޮއްސުމާ ހަމައަށް ތިބޭ ދުވަސް ކަމަށެވެ. އަދި އެ ދުވަހު ކުރާ އެންމެ މާތް ދުއާ ކީރިތި ރަސޫލާގެ ހަދީޡްގައި ބަޔާންކޮށް ދެއްވާފައިވާ ކަމަށް ބުންޏެވެ.

އެކަލޭގެފާނު ހަދީޡްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.

”އެންމެ މާތް ދުއާއަކީ، އަރަފާތު ދުވަހުގެ ދުއާ އެވެ. އަދި ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ ކުރީން ފޮނުއްވުނު ނަބީބޭކަލުން ކުރެއްވި އެންމެ މާތް ދުއާއަކީ (لَا إِلَـٰهَ إِلَّا اللهُ وَحْدَهُ لَا شَرِيْكَ لَهُ، لَهُ الْـمُلْكُ وَلَهُ الْـحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيْرٌ) މިއެވެ.

ހުތުބާގައި ބުނީ، އަރަފާތު ދުވަހު ހައްޖުވެރީން ނޫން މީހުން ރޯދަހިފުމީ، މުސްތަހައްބު ކަމެއް ކަމަށާއި ހައްޖުވެރިޔާ އެ ދުވަހު ރޯދައަށް ހުރުމެއް ނުވާ ކަމަށެވެ. އަދި އަރަފާތު ދުވަހުގެ ރޯދައާ ބެހޭ ގޮތުން ސުވާލުކުރެވުމުން މާތް ނަބިއްޔާ ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.

”(އެ ދުވަހުގެ ރޯދައިގެ ދަރުމައަކީ) އިސްވެދިޔަ އަހަރުގައި ކުރެވިފައިވާ ކުދިފާފަތަކާއި ކުރިއަށް އޮތް އަހަރުގައި ކުރެވިދާނެ ކުދި ފާފަތަކުގެ ކައްފާރާއެކެވެ.“

ހުތުބާގައި ބުނީ، އަރަފާތު ދުވަހު އެ ޖަމާއަތުގައި ބައިވެރި ނުވެވޭ މީހުން ވެސް އެ ދުވަހު ގިނަގިނައި ޒިކުރުކުރުމާއި ދުއާކުރުމާއި ރޯދަހިފުމާއި އެ ނޫން ވެސް ހެޔޮ އަމަލު ގިނަކުރުން މުހިންމު ކަމަށް ބުންޏެވެ.