ނޭޕާލްގައި ހިނގި ފެންބޮޑުވުމުގެ ކާރިސާގައި ދިވެއްސަކަށް އަސަރެއް ނުކުރޭ: މިނިސްޓްރީ

ނޭޕާލްގައި ހިނގި ފެންބޮޑުވުމުގެ ނުރައްކާތެރި ކާރިސާގައި ބައެއް ގެތައް ކިސަޑުތަކުގެ އަޑީގައި ވަޅުލެވިފައި ---

ނޭޕާލްގައި އިއްޔެ ހިނގި ފެންބޮޑުވުމުގެ ނުރައްކާތެރި ހާދިސާގެ އަސަރު އެ ގައުމުގައި ދިރިއުޅޭ އެއްވެސް ދިވެއްސަކަށް ކޮށްފައިނުވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

މި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާ ހިނގަން މެދުވެރިވީ ކޯރަކަށް, ހިމާޔަލާ ފަރުބަދަތަކުގެ އުސް ސަރަހައްދަކުން ގަނޑުފެނާއި ކިސަޑު ފައިބައިގެންނެވެ. އެ ހާދިސާގައި މިހާތަނަށް 270 އަށްވުރެ ގިނަ މީހުން މަރުވެ, 1,300 އަށްވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ, ކާރިސާ ހިނގި ސަރަހައްދުގައި އެއްވެސް ދިވެހި ރައްޔިތަކު ހުރިކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައި ނުވާ ކަމަށެވެ. އަދި އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނާއި ކަތުމަންޑޫގައި ހުންނަ ރާއްޖޭގެ އޮނަރަރީ ކޮންސުލް މެދުވެރިކޮށް ބެލިބެލުމުން ނޭޕާލްގައި ދިރިއުޅޭ އެއްވެސް ދިވެއްސަކަށް އެ ހާދިސާގެ އަސަރުކޮށްފައި ނުވާ ކަމަށްވެސް ބުންޏެވެ.

މިނިސްޓްރީން ވަނީ މި ކާރިސާއާ ގުޅިގެން ނޭޕާލްގައި ތިބި ދިވެހިންގެ ތެރެއިން އެއްވެސް މީހަކަށް އެހީތެރިކަމެއް ބޭނުންވާނަމަ ނުވަތަ އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ މިނިސްޓްރީގެ ހޮޓްލައިން ނަންބަރަށް ގުޅުމުން ނުވަތަ ކޮންސިއުލާ އީމެއިލްއަށް އީމެއިލް ކުރުމަށް އެދިފަ އެވެ.

މިނިސްޓްރީގެ ހޮޓްލައިން ނަންބަރު: 9607983400+

ކޮންސިއުލާ އީމެއިލް: consular@foreign.gov.mv