ޑިސެމްބަރ 12, 2024

ހަންގޭރީ ބަލިކޮށް ސްވިޒަލޭންޑުން ފެށީ މޮޅަކުން، ޑުއާ އާއި އަބީޝާއަށް ތާރީހީ މެޗެއް

ޔޫއެފާ ޔޫރޯ 2024 ގެ ގްރޫޕް އޭގައި ދެވަނަ މެޗުގައި ސްވިޒަލޭންޑުން ހަންގޭރީ ބަލިކޮށްފި އެވެ.

ކޮލޯންގައި ސްވިޒަލޭންޑުން މިރޭ ހަންގޭރީ ބަލިކުރީ 3-1 ގެ ނަތީޖާ އަކުންނެވެ. ހަންގޭރީ އަށް ސްވިޒަލެންޑް ބަލި ނުކުރެވޭތާ 26 އަހަރު ވެއްޖެ އެވެ. އެ ގައުމުން އެންމެ ފަހުން ހަންގޭރީ ބަލި ކުރީ ނޮވެމްބަރު 1998 ގަ އެވެ.

ސްވިޒަލެންޑާއި ހަންގޭރީ ވަނީ އެންމެ ފަހުން ބޭއްވި ޔޫރޯ 2020 ގައިވެސް ވާދަކޮށްފަ އެވެ. އެ ފަހަރުގެ މުބާރާތުން ސްވިޒަލޭންޑް ވަކިވާން ޖެހުނީ ކުއާޓާ ފައިނަލުންނެވެ. އެއީ ޕެނަލްޓީގައި ސްޕެއިން އަތުން ބަލިވެގެންނެވެ.

އަނެއްކޮޅުން ހަންގޭރީ އޮތީ ފްރާންސާއި ޖަރުމަން އަދި ޕޯޗުގަލް އާއެކު އެ ފަހަރުގެ މަރުގެ ގުރޫޕުގަ އެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޕޯޗުގަލް އަތުން ބަލިވި ނަމަވެސް، ހަންގޭރީން ވަނީ ފްރާންސް އާއި ޖަރުމަނާ އެއްވަރުކޮށް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

މިރޭގެ މެޗުގައި ފުރަތަމަ ގޯލު ފެނިގެންދިޔައީ ސްވިޒަލެންޑުގެ ފަރާތުންނެވެ. އެ ގޯލު އެ ޓީމަށް ޖަހައި ދިނީ މިޝޭލް އަބީޝާ ދިން ބޯޅައަކުން ފޯވާޑް ކްވަޑްވޯ ޑުއާ އެވެ. އެއީ ސްވިޒަލޭންޑުގެ ގައުމީ ޖާޒީގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ.

އޭނާ ލަނޑު ޖަހަން ބޯޅަ ލިބުނު އިރު އޮފްސައިޑް ވެފައިވާ ކަމަށް ލައިސްމަން އޮތީ ދިދަ ނަގައިގެންނެވެ. ނަމަވެސް ފަހުން ވީއޭއާރް ބެލުމަށްފަހު ރެފްރީ ނިންމީ އޭނާ އޮފްސައިޑް ނުވާ ކަމަށެވެ.

ސްވިޒަލެންޑުން މެޗުގައި ދެވަނަ ގޯލެއް ޖަހައި ނަތީޖާ ފުޅާކުރީ މެޗުގެ 45 ވަނަ މިނެޓުގަ އެވެ. މިއީ ރީމޯ ފްރެއިލާ ދިން ބޯޅައެއް އޭރިއާގެ ބޭރުން ކޮންޓްރޯލް ކޮށްލުމަށް ފަހު ގޯލްގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން އަބިޝާ ޖެހި ގޯލެކެވެ. އެ ގޯލަކީ އަބިޝާ ގައުމީ ޖާޒީގައި ކާމިޔާބު ކުރި ފުރަތަމަ ގޯލެވެ.

ފުރަތަމަ ހާފުގައި ހަންގޭރީގެ ފަރާތުން މާބޮޑު ނުރައްކާތެރި ހަމަލައެއް ފެނިފައި ނުވި ނަމަވެސް ދެވަނަ ހާފުގައި ސްވިޒަލެންޑްގެ ކީޕަރު ޔޭޏް ސޮމާ ހަންގޭރީން ބާރުބޮޑު ކުރި އެވެ. ހާއްސަކޮށް އެ ޓީމުން ހިލޭ ޖެހުންތަކުގައި އުފެއްދި ފުރުސަތައް ފެނިގެންދިޔައީ ނުރައްކާ ކޮށެވެ.

އެގޮތުން މެޗުގައި ހަންގޭރީން ޖެހި ހަމައެކަނި ގޯލު، 66 ވަނަ މިނެޓުގައި ބާނަބަސް ވާގާ ޖެހީ ޑޮމިނިކް ސޮބޯސްލައި ނަގައިދިން ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ.

ސްވިޒަލެންޑްގެ ތިންވަނަ ލަނޑެއް ޖަހައި އަނެއްކާވެސް ލީޑު ފުޅާކުރީ މެޗުގެ އިތުރު ވަގުތުގެ ތެރޭގަ އެވެ. އެ ގޯލު އެ ޓީމަށް ޖަހައި ދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ބްރީލް އެމްބޯލޯ އެވެ.