285 އެކައުންޓް ފްރީޒްކޮށް 90 މިލިއަން ރުފިޔާ ހޯދައިފި

މިދިޔަ އަހަރުގެ ތެރޭގައި 200 އަށް ވުރެ ގިނަ ފަރާތެއްގެ ބޭންކް އެކައުންޓް ފްރީޒްކޮށް 90 މިލިއަން ރުފިޔާ ނުދައްކާހުރި ޓެކްސް ފައިސާގެ ގޮތުގައި ހޯދައިފި އެވެ.

މޯލްޑިވްސް އިންލެންޓް ރެވެނިއު އޮތޯރިޓީ (މީރާ)އިން ބުރާސްފަތި ދުވަހު ބުނީ ޓެކުހުގެ ގޮތުގައި މީރާއަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ނޯޓިސް ފޮނުވުމުން ވެސް ޓެކުހުގެ ފައިސާ ނުދެއްކި 285 ފަރާތެއްގެ އެކައުންޓް ފްރީޒްކޮށް 90.3 މިލިއަން ޓެކުހުގެ ފައިސާގެ ގޮތުގައި ހޯދައިފައިވާ ކަމަށެވެ.

ޓެކުހުގެ ފައިސާ ނުދެއްކުމުގެ ސަބަބުން 10،013 ފަރާތަކަށް ނޯޓިސް ފޮނުވައިފައިވާނެ ކަމަށާއި ނޯޓިސް ފޮނުވުމުގެ ސަބަބުން ނުދައްކާހުރި ޓެކުހުގެ ފައިސާގެ ތެރެއިން 2.2 ބިލިއަން ރުފިޔާ ހޯދިފައިވާ ކަމަށް މީރާއިން ބުންޏެވެ.

ޓެކްސް ނުދެއްކުމުގެ ސަބަބުން ޖުމްލަ 17،054 ފަރާތަކަށް މިދިޔަ އަހަރު ފިޔަވަޅު އަޅައިފައިވާނެ ކަމަށް މީރާއިން ބުންޏެވެ. މިދިޔަ އަހަރު 6،234 ފަރާތަކުން ވަނީ އަމިއްލަ އިސްނެގުމުގައި ޓެކްސްގެ ފައިސާގެ ގޮތުގައި ނުދައްކާހުރި 1.4 ބިލިއަން ރުފިޔާ ދައްކައިފައި ކަމަށް މީރާއިން ބުންޏެވެ.

އަދި ޝަރީއަތް މެދުވެރިކޮށް 20 ފަރާތަކުން 335،429 ރުފިޔާ ހޯދައިފައިވާނެ ކަމަށް މީރާއިން ބުންޏެވެ.