ޖުލައި 4, 2024

ޖަމީލުގެ ނަސޭހަތެއް އަބްދުއްރަހީމަށް: ބޮޑާނުވޭ، މުސްކުޅިވާއިރު އައުގުރާނަ ގޮވުން ހުއްޓަން ދަސްކުރޭ

ދަރިން ލިބި މުސްކުޅިވާއިރު އައުގުރާނަ ގޮވުން ހުއްޓަން ދަސްކުރެއްވުމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު، ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ނަސޭހަތްތެރިވެވަޑައިގެންފި އެވެ.

ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ މައި ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށާއި ކުރީގެ މިނިސްޓަރު މަލީހު ޖަމީލު އަދި ޖަމީލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

އެގޮތުން އަބްދުއްރަހީމް ވަނީ ރައީސް މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެ ވަޑައިގެންނެވީ ވަކި މީހަކަށްވުރެ ބޮޑަށް ގައުމު އިސްކުރުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށާއި އެހެންކަމުން ދެން ޔާމީނަށް އެންމެ ރަނގަޅުވާނީ ރައްޔިތުންގެ ނިންމުން ގަބޫލުކުރައްވައިގެން މަޑުން ހުންނެވުން ކަމަށް ވިދާޅުވެފަ އެވެ.

އަދި ޔާމީން މިހާރު ސިޔާސީ މަސައްކަތް ކުރައްވާނީ ސިޔާސީ ގޮތުން ބައި ކިލޯ ހަމަނުވާ ދެ މީހުން ކަމަށްވާ މަލީހާއި ޖަމީލާއެކު ކަމަށްވެސް ވިދާޅުވި އެވެ.

”މިއަދު ސިޔާސީ ގޮތުން ބައިކިލޯ ހަމަނުވާ މީހުން ގޮވައިގެން މަގުމައްޗަށް ނުކުމެ، އަޅުގަނޑުމެން މުޅި ގައުމުގެ ރައްޔިތުންގެ އިންސައްތައެއް އޮތް ސަރުކާރަކާއި ދިމާކުރާއިރު ލަދެއް ހަޔާތެއް ނެތޭ އަޅުގަނޑު ދަންނަވާނީ، ރައްޔިތުން ބުނީ ތިމަަންނަމެން ބޭނުންވަނީ އަމާންކަމާއި އެކީގައި ރާއްޖޭގައި ދިރިއުޅޭށޭ، ތިމަންނަމެންނަކަށް މުހިންމެއް ނޫނޭ ވެރިކަން ކުރާ މީހާގެ އާއިލާއެއް ހަސަބެއް ނަސަބެއް، އުފަންވި ރަށެއް، އުފަންވި ގެއެއް، ތިމަންނަމެންނަށް މުުހިންމީ ތިމަންނަމެންނަށް ޓަކައި ވެރިކަން ކުރާނެ ވެރިއެކޭ،“ އަބްދުއްރަހީމް ވިދާޅުވެފައިވެ އެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ޔާމީންގެ ތާއީދު ނެތި މަޖިލިސް އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ޖަމީލާއި މަލީހު ވިދާޅުވަމުން ގެންދެވި ކަމަށާއި ނަމަވެސް މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީން ކާމިޔާބު ކޮށްފައިވާ ކަމަށެވެ.

”އެހެންވީމަ އަޅުގަނޑު މި ދެންނެވީ ފިނި ކޮޓަރީގައި ގޭގައި ތިއްބަވައިގެން ބައިކިލޯ ހަމަނުވާ ދެ ތިން މީހުން ނެރެގެން އަޅުގަނޑުމެންނާ ބެހެން ނަހަދާށޭ، އަޅުގަނޑުމެންނާއި ނުބެހެވޭނެޔޭ، އެއަށްވުރެ މާ ހިތްވަރުގަދަވާނެއޭ“ އަބްދުއްރަހީމް ވިދާޅުވެފައިވެ އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި ޖަމީލު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އަބްދުއްރަހީމަށް ހަތަރު ނަސޭހަތެއް ދެއްވައިފަ އެވެ.

ޖަމީލު، އަބްދުއްރަހީމަށް ދެއްވި ނަސޭހަތްތައް:

– ވަގުތު ފާއިތު ނުވަނީސް އުނގެނެން މަސައްކަތްކުރާށެވެ.
– ދަރިން ލިބި މުސްކުޅިވާއިރު އައުގުރާނަ ގޮވުން ހުއްޓަން ދަސްކުރާށެވެ.
– ތިމާއަށްވުރެ ބޮޑަތި މީހުން، ތިމާއަށް އިހްސާންތެރިވެފައި ތިބި ރައީސް ޔާމީނު ފަދަ ބޭފުޅުންނަށް އިހްތިރާމް ކުރަން ދަސްކުރާށެވެ.
– ހާއްސަކޮށް ބޮޑާ ނުވާށެވެ. މިއަދު ކިތައްމެ މަތީގައި ހުއްޓަސް ހާލަތު ބަދަލްވާން ނަގާނީ ހިނދު ކޮޅެކެވެ.

ރައީސް މުއިއްޒާ އޮތް ގުޅުން ގޯސްވެ، ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފައްދަވަން ނިންމެވި ހިސާބުން ޖަމީލު ގެންދަވަނީ އަބްދުއްރަހީމަށާއި ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން އަބްދުއްރަހީމަކީ ހިޔާނަތްތެރި ނުކިޔަވާ ހުރި ބޭފުޅެއް ކަމަށް ވިދާޅުވެ ޖަމީލް ގެންދަވަނީ އެކްސްގައި އެކިއެކި ޕޯސްޓުތައް ކުރައްވަމުންނެވެ.

ޖަމީލްގެ އެ ވާހަކަތަކަށް އަބްދުއްރަހީމް ދޭތެރެއަކުން ރައްދުވެސް ދެއްވަ އެވެ. އެގޮތުން ޖަމީލާއި މަލީހަށް ކަމުދިޔަ ވެރިކަމެއް މިހާތަނަށް ރާއްޖޭގައި އުފެދިފައިނުވާ ކަމަށާއި ކޮންމެ ސަރުކާރަކުން ވެސް އެ ދެބޭފުޅުންނަށް މަގާމެއް ދޭންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވަމުން ގެންދަވަ އެވެ.