ކުށްވެރިންނަށް ފޯނާއި މަސްތުވާތަކެއްޗާއި އެހެނިހެން ސާމާނު ފޯރުކޮށްދެމުންދިޔަ ކަރެކްޝަންސް އޮފިސަރެއްގެ އެކައުންޓަށް އަހަރެއްގެ ތެރޭގައި 24 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ފުލުހުން ދާދި ދެންމެއަކު ހާމަކޮށްފި އެވެ.
އިސްކަންދަރު ކޮށީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މާފުށީ ޖަލުގައި ތިބޭ ކުށްވެރިންނަށް ޑުރަގާއި ފޯނު ވެއްދުމުގައި ކަރެކްޝަންސްގެ އޮފިސަރުންތަކެއް ބައިވެރިވާ ކަމަށް ތުހުމަތުކުރެވިގެން މިރޭ އެ ޖަލުގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންދާ ކަމަށެވެ. އެ އޮޕަރޭޝަން ފެށީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށްވެސް ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ، އެ ތުހުމަތާ ގުޅިގެން މިހާތަނަށް ބެލިބެލުމުން އެ މައްސަލާގައި ހިމެނޭ ހަ މީހަކު މިދިޔަ އަހަރު ވަޒީފާ އިން ވަކިވެފައިވާ ކަމަށެވެ. އަދި އެކަމުގެ ތުހުމަތު ކުރެވޭ ހަ އޮފިސަރަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، އެ މައްސަލައާ ގުޅިގެން އިންޓެލިޖެންސް އިން ހޯދި ހޯދުންތަކުން ޖަލަށް ފޯނާއި ޑުރަގް ވެއްދުމަށް ކަރެކްޝަންސްގެ 18 އޮފިސަރެއްގެ ބައިވެރިވުން ހިމެނޭކަން ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެ އޮފިސަރުންގެ އެކައުންޓްތަކަށް އާދަޔާ ހިލާފަށް ގިނައިން ފައިސާ ޖަމާވެފައި ހުރިކަން ފާހަގަވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
އެގޮތުން އެއް އޮފިސަރެއްގެ އެކައުންޓަށް އެކި ފަހަރު މަތިން ޖުމުލަ 24 މިލިއަން ރުފިޔާ ޖަމާކޮށްފައިވާއިރު އެ މައްސަލައިގައި ހިމެނޭ 18 އޮފިސަރުންގެ އެކައުންޓަށް ޖުމުލަ 73.6 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ޝަރީފު ވިދާޅުވި އެވެ. އަދި ވިދާޅުވީ، އެ ފައިސާތައް ޖަމާކޮށްފައިވަނީ ޖަލު ބަންދުގައި ތިބި މީހުންގެ އެކައުންޓުންނާއި މާލޭގައި ހަރަކާތްތެރިވާ ކުށުގެ ވެށީގައި އުޅޭ އެކި މީހުންގެ އެކައުންޓުން ކަމަށެވެ.
ޝަރީފު އިތުރަށް ވިދާޅުވީ، ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި މުވައްޒަފުންގެ އިތުރަށް، އެ މުވައްޒަފުންގެ އެކައުންޓުތަކަށް ފައިސާ ޖަމާކުރި މީހުންވެސް ހޯދައި އެމީހުންނާ ގުޅޭ މައްސަލަތައް ތަހުގީގުކޮށް، އެ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
އިހުސާން ވިދާޅުވީ ގިނަ އޮފިސަރުންގެ އެކައުންޓުތަކަށް ފައިސާ ޖަމާކޮށްފައިވަނީ ކުދި އަދަދުތަކުން ކަމަށާއި އެހެންވެ އެކަމުގައި ގޯހެއް އުޅޭކަން ފާހަގަނުވީ ކަމަށެވެ. އެގޮތުން ބައެއް އޮފިސަރުންގެ އެކައުންޓުތަކަށް 5،000 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިސާ ޖަމާވެފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

ގުޅުންހުރި
މިނިވަންދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ހުކުރު ދުވަހު މޯދީ ރާއްޖެ ވަޑައިގަންނަވަނީ
70،000 ރުފިޔާ ރިޓާޔަމެންޓް އެލެވެންސްގެ ގޮތުގައި މުއުތަސިމްއަށް ނުދޭން ނިންމައިފި
މާންދީ ދެއްކި ވާހަކައިގެ ސަބަބުން ރައީސްގެ ދަރިކަލުންގެ އަބުރު ގެއްލުނު ކަން
އުފަންވި އިރު ހަށިގަނޑުގައި މަސްތުވާތަކެތީގެ އަސަރު، ކުއްޖާގެ މަންމަ ހޯދުމުގެ މަސައްކަތް
އަނބިމީހާ/ ފިރިމީހާއަށް ގޯތި ލިބުނަސް ފްލެޓް ލިސްޓުން އުނި ނުކުރަން ނިންމައިފި
ކޯމާ އެއްގައި 20 އަހަރު އޮންނެވުމަށް ފަހު ސައުދީގެ ”ސްލީޕިން ޕްރިންސް“