ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކްލް އެނބުރި އިނގިރޭސި ވިލާތަށް ބަދަލުވުމަށް ރާވަމުން އަންނަ ކަމަށް ބީބީސީ ނިއުސް އިން ރިޕޯޓްކޮށްފި އެވެ.
ޝާހީ ޒިންމާތައް ދޫކޮށްލައްވައި, އެ ދެކަނބަލުން އެމެރިކާގެ ލޮސް އެންޖެލިސްއަށް ބަދަލުވެވަޑައިގަތީ 2020 ވަނަ އަހަރު އެވެ. އަދި އޭގެ ފަހުން ކެލިފޯނިއާގައި ވަނީ ވަޒަންވެރިވެފަ އެވެ.
ހެރީ އޭރު ވިދާޅުވީ އެމެރިކާއަށް ދިރިއުޅުން ބަދަލުކުރެއްވީ އަމިއްލަ ސާދާ ދިރިއުޅުއްވުމެއް އުޅުއްވުމުގެ އުންމީދުގައި ކަމަށެވެ. ނަމަވެސް ފަހުން ހެރީ ވަނީ ޝާހީ އާއިލާއިން އެ ދެކަނބަލުންނާ މެދުގައި ކަންތައް ކުރެއްވި އިހާނެތިގޮތުގެ ވާހަކަ ދައްކަވައިފަ އެވެ.
ޑެއިލީ ޓެލެގްރާފް އަދި ދަ ސަން އިން އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕްރިންސް ހެރީ އާއި މޭގަން މި މަހުގެ ފަހުކޮޅު އިނގިރޭސި ވިލާތަށް ބަދަލުވާން ގަސްތުކުރަނީ ލަންޑަންގެ ބޭރުގައި ހުންނަ އަމިއްލަ ގެއަކަށެވެ.
އަދި އެ ދެމަފިރިންގެ ދެ ދަރިން ކަމަށްވާ އުމުރުން ހަތް އަހަރުގެ ޕްރިންސް އާޗީ އަދި ފަސް އަހަރުގެ ޕްރިންސެސް ލިލިބެޓް އަންނަ ސެޕްޓެމްބަރު މަހު އިނގިރޭސި ވިލާތުގެ ސްކޫލަކަށް ވެއްދުމަށް އެންރޯލްކޮށްފައިވާ ކަމަށްވެސް ރިޕޯޓް ކޮށްފައިވެ އެވެ.
ބީބީސީގައި ބުނެފައިވާ ގޮތުން ޕްރިންސް ހެރީ އާއި މޭގަން އިނގިރޭސި ވިލާތަށް ބަދަލުވާ ވާހަކަ ރަސްގެފާނު ޗާލްސްއަށް މިދިޔަ އާދީއްތަ ދުވަހު ވަނީ ދަންނަވައިފަ އެވެ.
އިނގިރޭސި ވިލާތަށް އެނބުރި ބަދަލުވި ނަމަވެސް ޕްރިންސް ހެރީ އާއި މޭގަންގެ ރަސްމީ ހައިސިއްޔަތަށް އެއްވެސް ބަދަލެއް އަންނާނެ ކަމަކަށް ނުބެލެވެއެވެ. އަދި އެ ދެމަފިރިން ދެމި ތިބޭނީ އާންމު ފަރުދުންގެ ގޮތުގައެވެ.


