ގޭންގު ކުށްތައް ހުއްޓުވަން ހާއްސަ ޑިޕާޓްމަންޓެއް ހަދައި، ފުލުހުންގެ އިދާރީ ހިންގުމުގެ އޮނިގަނޑު އަލުން އެކުލަވާލައިފި އެވެ.
ފޮލިސް ވެބްސައިޓުގައި މިއަދު ބުނީ، އިދާރީ ހިންގުމުގެ އޮނިގަނޑު އަލުން އެކުލަވާލީ ފުލުހުންގެ ހިދުމަތުގެ ކުރިއަށް އޮތް ހަތަރު އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭނުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކޮށް، ފުލުހުންގެ ހިދުމަތުގެ މައްޗަށް ލާޒިމުކުރާ ކަންކަން ކުރުމަަށްޓަކައި ބޭނުންވާ އެންމެހާ ކަންކަން ހަމަޖެއްސުމަށް ކަމަށެވެ.
އަލުން އެކުލަވާލި އޮނިގަނޑަށް މާދަމާ އިން ފެށިގެން އަމަލުކުރަން ފަށާނެ އެވެ.
ފުލުހުން ބުނީ، އަލުން އެކުލަވާލި އޮނިގަނޑު ހަދާފައިވަނީ ލޯކަލް ޕޮލިސިން ރީޖަންތައް ހިމެނޭ ގޮތަށް ކޮމާންޑް/ ޑައިރެކްޓްރޭޓް ލެވަލްގެ 17 ދާއިރާއެއްގެ މައްޗަށް ބަހާލައިގެންނެވެ.
އޭގެ ތެރޭގައި ގޭންގު ކުށްތައް ބަލަން ގޭންގް ކްރައިމް އެންފޯސްމަންޓްގެ ނަމުގައި ވަކި ޑިޕާޓްމަންޓެއް ހެދުން ހިމެނެ އެވެ. ގޭންގު ކުށްތަކާ ބެހޭ މައްސަލަ މިހާރު ބަލަނީ އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުންނެވެ.
އޭގެ އިތުރުން ޑިޖިޓަލް ޑާޓާ އެންޑް ޓެކްނޮލޮޖީ އެންޑް ޑޭޓާ ޑްރައިވަން އަދި ޒަމާނީ މުއައްސާސާއެއް ބިނާ ކުރުމަށްޓަކައި ޑިޖިޓަލް ކޮމާންޑެއް މުޅިން އަލަށް ގާއިމުކުރުންވެސް އަލުން އެކުލަވާލި އޮނިގަނޑުގައި ހިމެނެ އެވެ.
އެ އޮނިގަނޑުގައި ދެން ހިމެނެނީ ހުޅުމާލޭގައި ޕޮލިސިން އިތުރަށް ހަރުދަނާކޮށް ތަނާ އެކަށީގެންވާ ހިދުމަތެއް ދިނުމަށްޓަކައި ހުޅުމާލެ ޕޮލިސްގެ ނަމުގައި ވަކި ޕޮލިސިން ކޮމާންޑެއް ގާއިމުކުރުމެވެ. ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި މިހާރުވެސް ޕޮލިސް ސްޓޭޝަނެއް ހުރެ އެވެ. އެކަމަކު ދެ އެ ދެ ތަން ހިންގާނީ، ހުޅުމާލެ ޕޮލިސް ކޮމާންޑުގެ ދަށުންނެވެ.
އޭގެ އިތުރުން ސްކޭމްގެ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރުމަށްޓަކައި އެންޓި ސްކޭމް ސެންޓަރެއް ގާއިމުކުރުމުގެ އިތުރުން މާލެއާއި ހުޅުމާލޭގައި ޓްރެފިކް ޕޮލިސް ވަނީ ގާއިމުކޮށްފަ އެވެ.
ފުލުހުން ބުނީ، ތަައުލީމާއި ތަމްރީނާ ގުޅޭ ގޮތުން ކޮމާންޑް/ ޑައިރެކްޓްރޭޓް އަދި ޑިޕާޓްމަންޓްތަކުގެ ވެރިން އައްޔަންކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ބޭފުޅުންނެއް ކަމެއް ނުބުނެ އެވެ.




ގުޅުންހުރި
މާރާމާރީ ހިންގި މައްސަލައެއްގައި އަނެއްކާވެސް ފުލުހަކު ހައްޔަރަށް
ދޯންޏެއްގައި އެކަނި ދަތުރަކަށް ނުކުމެ އުޅުނު މީހަކު ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްފި
އޭސީ އައުޓްޑޯ ޔުނިޓެއް ވަގަށް ނެގި މީހާ ބުނީ އެއީ މީހަކު
މަސްވެރިންގެ މުޒާހަރާ: ފުލުހުންގެ ފައުޖެއް އަރައި މައުރޫފާއި 3 މީހަކު ހައްޔަރުކޮށްފި
64 އަހަރުގެ ލޯބިވެރިޔާގެ ބުރަކައްޓަށް ވަޅިން ހަމަލާދިން 32 އަހަރުގެ މީހާ
މާރާމާރީ ހިންގި ފުލުސް މީހާ ބުނީ ނުނިދާ ހުރުމުން ހުރީ ހަމައިގައި