ޖުލައި 6, 2024

ގދ. އަތޮޅު ކައުންސިލަރުން ތުރުކީ އާއި ދުބާއީއަށް ކުރި ދަތުރަށް 837,000ރ.!

ގދ. އަތޮޅު ކައުންސިލުން ތުރުކީ އަށާއި ދުބާއީއަށް ކުރި ދަތުރަކަށް 837,000 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލަށް ބަހުސް ކުރައްވަމުން ދިއްގަރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވީ ކައުންސިލްތަކުގެ ގާނޫނުގެ ދަށުން ދީފައިވާ ބާރު ކައުންސިލްތަކުން ހިފަނީ އެއްވެސް މަލީ ޒިންމާދާރުކަމެއް ނެތި ކަމަށެވެ. އަދި އިގުތިސޯދު މިހާ ދަތިވެފައި އޮތް ދަނޑިވަޅެއްގައި އަތޮޅު ކައުންސިލްތަކުން ތުރުކީ، ދުބާއީ އަދި ބެންކޮކަށް ދަތުރުކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

އެގޮތުން އަންނަ ޖުލައި 26ގެ ބަންދުގައި ހއ. އަތޮޅު ކައުންސިލަރުން ބެންކޮކަށް ދަތުރެއް ރާވާފައިވާއިރު، ގދ. އަތޮޅު ކައުންސިލަރުން މި އަހަރުގެ ތެރޭގައި ތުރުކީއަށާއި ދުބާއީއަށް ކުރި ދަތުރަށް 837،000 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ

”ގދ. އަތޮޅު ކައުންސިލަރުން 12 ދުވަހަށް ތުރުކީއަށް ތިން ދުވަހަށް ދުބާއީއަށް ދަތުރުކުރުމަށް 837,078.96 ރުފިޔާ ހަރަދުކޮށްފައިވޭ. ޑޮލަރު ގަތީ ކަޅު ބާޒާރުން 17.60 ރުފިޔާ އަށް. މިއީއެއް ނޫން އަޅުގަނޑުމެން ކުރަންވީ ކަމަކީ. އަޅުގަނޑުމެން އެބަޖެހޭ ޒިންމާދާރުވާން,“ ނާޒިމް ވިދާޅުވި އެވެ.

ގދ. އަތޮޅު ކައުންސިލްގެ ރައީސަކީ ޕީޕީއެމްގެ ޓިކެޓުގައި އިންތިހާބުވެވަޑައިގެންނެވި ހަސަން ފައިހަތު ގުދުރަތުالله އެވެ. އޭނާގެ އިތުރުން އެ ކައުންސިލުގައި އެމްޑީޕީގެ ހަތަރު މެންބަރުންނާއި ޕީއެންސީގެ ހަތަރު މެންބަރުން އަދި މިނިވަން މެންބަރަކު ހިމެނެ އެވެ.

ނާޒިމް އިތުރަށް ވިދާޅުވީ، ކައުންސިލްތަކުގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހެއް ގެނެސްގެން ނަމަވެސް ދައުލަތުގެ ވިސްނުމާ އެއްގޮތަށް ކައުންސިލްތަކުގެ ވިސްނުންވެސް އެއްގޮތް ކުރައްވާނެ ކަމަށެވެ.