ޑިސެމްބަރ 3, 2024

ވެރިކަމުގައި މިހާރު މި ހުރީ އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ: ހުސެއިން

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ބަދަލުވި ނަމަވެސް މިހާރު ވެރިކަމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒަކީވެސް ސޯލިހު ފަދަ ބޭފުޅެއް ކަމަށާއި އެއީ އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ކަމަށް ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވެއްޖެ އެވެ.

ޕީޕަލްސް ނޭޝަނަލް ޕްރޮންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހުސެއިން ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައީ ހުރިހާ ކަމަކަށް ތައްޔާރުވެގެން ކަމެއް ބުނެ ކަމަށެވެ. ނަމަވެސް ސަރުކާރުގެ ބަހާއި އަމަލާ ދިމާނުވާތީ ރައްޔިތުން ތިބީ މާޔޫސްވެފައި ކަމަށް ވިދާޅުވި އެވެ.

ހުސެއިން ވިދާޅުވީ، މި ވެރިކަން ގެންނަން މަސައްކަތްކުރީ ރައީސް ޔާމީންގެ ބައިވެރިވުމާއި މަޝްވަރާއާއި ލަފާ ނަންގަވާނެ ކަމަށް ހީކޮށް ކަމަށެވެ. ނަމަވެސް ފެންނަމުންދަނީ ރައީސް ޔާމީނާ އިދިކޮޅަށް، ސޯލިހުގެ ސަރުކާރު ކޯލިޝަންގެ ތެރޭގައި ތިބި އެންމެން މިއަދުގެ ސަރުކާރުގެ ތެރޭގައިވެސް ތިބި މަންޒަރު ކަމަށް ވިދާޅުވި އެވެ.

”އަޅުގަނޑުމެންނަށް ބަދަލުވީ އެންމެ އެއްޗެއް. އެންމެ ކަމެއް ބަދަލުވީ. އަޅުގަނޑުމެންގެ މަސައްކަތުން، ވަރަށް މަސައްކަތުން ރައީސް ޔާމީންގެ އެތައް ބޮޑެތި ގުރުބާނީތަކާއި ރައީސް ޔާމީން އާއިލާއާ ދުރުގައި ޖަލުގައި ހޭދަކުރި ނަތީޖާއެއްގެ ގޮތުން އިބްރާހިމް މުހައްމަދު ސޯލިހު އެކެއް ބޭރުކުރެވުނީ. މިހާރު މި ހުރީ އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ވެރިކަމުގައި،“ ހުސެއިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރައީސް ޔާމީން މިނިވަން ކުރަން މި ސަރުކާރުގެ އިސްވެރިން މަސައްކަތް ނުކުރައްވާ ކަމާއި އެ ބޭފުޅުންގެ ރިޔާސީ ކެންޑިޑޭޓަކީވެސް ރައީސް ޔާމީން ނޫން ކަމާއި ރައީސް ޔާމީނާ ދޭތެރޭގައި އެއްވެސް ވަރެއްގެ އިހުލާސްތެރިކަމެއް އެ ބޭފުޅުންގެ ނެތް ކަމަށް ތަކުރާރުކޮށް އެ މަނިކުފާނުގެ އަރިހުގައި ވިދާޅުވަމުން ގެންދެވި ކަމަށެވެ.

ނަމަވެސް ރައީސް ޔާމީންގެ ޖަވާބަކަށްވީ މި ވަގުތު އޮތް ހަމައެކަނި ގޮތަކީ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ބަދަލުކުރުން ކަމަށާއި އެކަން ކުރެއްވިއްޖެ ކަމަށް ވިދާޅުވި އެވެ.