ޑިސެމްބަރ 13, 2024

ބޭކާރު ހަރަދުތައް ނުކުރުމުގެ އާދަ އެންމެން ހިފައިފިނަމަ, ގައުމުގެ އިގުތިސާދު ހަރުދަނާވާނެ: ރައީސް

ބޭކާރު ހަރަދުތައް ނުކުރުމުގެ އާދައިގައި އެންމެން ހިފައިފިނަމަ, ގައުމުގެ އިގުތިސާދު ހަރުދަނާވާނެ: ރައީސް

އިސްރާފު ނުކުރުމާއި ބޭކާރު ހަރަދުތައް ދޫކޮށްލުމުގެ އާދަ އެންމެން ހިފަައިފިނަމަ, މުޅި ގައުމުގެ އިގުތިސާދު ހަރުދަނާވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ރައީސް ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައި ވިދާޅުވީ ހިޖުރީ އާ އަހަރު ހަނދާން އާކޮށްދެނީ ކީރިތި ރަސޫލާގެ ހަަޔާތްޕުޅުގައި އެކަލޭގެފާނު ނިންމެވި އެންމެ ހައްސާސް އެއް ނިންމެވުން ކަމަށެވެ.

އަދި ހިޖުރައިގެ ދަތުރުފުޅުގެ މަތީގައި ކީރިތި ރަސޫލާ ކަންކަން ކުރެއްވި ގޮތާއި މަދީނާއަށް ވަޑައިގެން އިސްލާމީ ދައުލަތެއް ގާއިމުކުރުމަށް އެޅުއްވި ފިޔަވަޅުތަކާއި މައްކާ ފަތަހަ ކުރެއްވުމުގެ ބޮޑު ކާމިޔާބީ, އޭގެ 10 ވަރަކަށް އަހަރު ފަހުން ހާސިލުކުރެއްވި ގޮތަކީ, ކޮންމެ ގައުމެއްގެ ކުރިއެރުމާއި ކާމިޔާބީއަށްވެސް އަގުހުރި ދަރުސްތަކެއް ކަމަށްވެސް ވިދާޅުވި އެވެ.

ކީރިތި ރަސޫލާގެ މުޅި ދިރިއުޅުއްވުމުންވެސް ފެންނާން އޮތީ, ނަމޫނާ ލިބިގަންނަންޖެހޭ ފަދަ އެތައް މިސާލެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ, މަދީނާގައި އެކަލޭގެފާނު ކުރެއްވި މަސައްކަތްޕުޅުތަކުގެ ކާމިޔާބުން ލިބޭ އެއް ފިލާވަޅަކީ ގައުމެއްގެ ކުރިއެރުމަށްޓަކައި ރައްޔިތުންގެ އެއްބައިވަންތަކަމުގެ މުހިންމުކަމާއި އާއިލާތައް ބަދަހިވާންޖެހޭ ކަމާއި މުރާލިކަމާއި ހީވާގިކަމާއެކު މަސައްކަތް ކުރަންޖެހޭކަން ކަމަށެވެ.

އޭގެ އިތުރުން އަވަށްޓެރިކަމުގެ ގުޅުންތައް ދަމަހައްޓަންޖެހޭ ކަމާއި ކޮންމެ ފަރުދަކުވެސް ފުދުންތެރި ދިރިއުޅުމަކަށް އަމާޒު ހިފައި, އިސްރާފު ނުކުރުމާއި ބޭކާރު ހަރަދުތައް ދޫކޮށްލުމުގެ އާދަ އެންމެން ހިފައިފިނަމަ މުޅި ގައުމުގެ އިގުތިސާދު ހަރުދަނާވާނޭ ކަމަކީވެސް ލިބޭ ފިލާވަޅެއްކަން ރައީސް ފާހަގަކުރެއްވި އެވެ.

އެ މަނިކުފާނު ވިދާޅުވީ, ހިޖުރީ އާ އަަހަރެއްގައި ދިވެހި ރައްޔިތުން އެއްބައިވަންތަވެ, މިއަދު އާ ކުރަންވީ އެއް އަޒުމަކީ ގައުމުގެ ކަންކަން އިސްލާހުކުރުމުގައި އެންމެން އެކަތިގަނޑަކަށްވުން ކަމަށެވެ.

”ވޭތުވެ މިދިޔަ އެތައް އަހަރަކު އަޅައިނުލެވި ދޫކޮށްލާފައި ހުރުމުގެ ސަބަބުން ދިވެހި ފަސްގަނޑުގައި ދިވެހިރާއްޖޭގެ ގާނޫނުތަކާ ހިލާފަށް އެތައް ބިދޭސީއަކު ދަނީ ދިރިއުޅެމުންނެވެ. މަސްތުވާތަކެއްޗާއި ގޭންގު ކުށްތައް ފަދަ ކަންކަން ހުއްޓުވައި, މީހުންނަށް ހެޔޮ ވިސްނައިދިނުމުގެ މުޖުތަމައު ވަނީ އިހުލާމުވެފައެވެ. ލިބޭ އެއްޗަކުން ދެކޮޅު ޖެއްސުމާއި ހަރަދުބަރަދު ކުޑަކުރުން ފަދަ އާދަތަކަށް އަޅުގަނޑުމެން އަހުލުވެރިވުން ކުޑައެވެ,“ ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ, މާނަވީ ގޮތުން ބަލާއިރު ހިޖުރަކުރުމުގެ މާނައަކީވެސް އިންސާނާ ހުރި ހާލަތުން އެއަށްވުރެ ރަނގަޅު ހެޔޮ ގޮތްތަކަކަށް ރުޖޫއަވުން ކަމަށެވެ. އެހެންކަމުން އާ އަހަރަކާއެކު އަޒުމަކަށް ވާންވީ, ރާއްޖޭގެ މާދަމާގެ ސަލާމަތާއި ފުދުންތެރިކަމާއި ތަމައްދުނަށްޓަކައި ސަރުކާރުން ފަށާފައިވާ އިސްލާހީ އަދި ބިނާކުރަނިވި މަސައްކަތްތަކަށް އެއްބާރުލުންދީ, އެންމެން އެއް ރޫހެއްގައި މި ގައުމުގެ ކުރިމަގަށްޓަކައި މަސައްކަތް ފެށުން ކަމަށް ވިދާޅުވި އެވެ.