އާ ސީއީއޯ ދެއްވި ޔަގީންކަން: ޕެންޝަން ފަންޑަކީ ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން

ޕެންޝަން އޮފީހުގެ އާ ސީއީއޯ ޔަޒްމީދު ---

ޕެންޝަން ފަންޑަކީ ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހައްދަވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ޕެންޝަން އޮފީހުގެ އާ ސީއީއޯ ޔަޒްމީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސީއީއޯގެ މަގާމާ ޔަޒްމީދު ރަސްމީކޮށް ހަވާލުވެވަޑައިގަތީ އިއްޔެ އެވެ. އޭނާއަށް މަރުހަބާ ދެންނެވުމަށް އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔަޒްމީދު ވިދާޅުވީ, ޕެންޝަން ފަންޑަކީ ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހެދުމަށް އެ އޮފީހުގެ ހުރިހާ ކަންކަން އެ އަމާޒަށް ވާސިލުވާނޭހެން އިންތިޒާމު ކުރައްވާނެ ކަމަށެވެ.

އަދި ޕެންޝަން އޮފީހަކީ ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބިފައިވާ, ޒަމާނީ, ހަރުދަނާ, އުފެއްދުންތެރި އަދި ނަމޫނާ މުއައްސަސާއަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

މި ލަނޑުދަނޑިތައް ހާސިލުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ މުވައްޒަފުންކަން ފާހަގަކުރައްވައި ޔަޒްމީދު ވަނީ އެއްވެސް މުވައްޒަފަކު މާޔޫސްވިޔަނުދީ, ހުރިހާ މުވައްޒަފުންނަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ފުރުސަތުތައް ފަހިކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް ދެއްވައިފަ އެވެ.

އޭގެ އިތުރުން އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި, ހިތްހަމަޖެހުމާއެކު މަސައްކަތް ކުރެވޭނެ ރަނގަޅު މާހައުލެއް ގާއިމުކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.