އީރާނުގެ ދެކުނު ފާސް ޕްރޮވިންސުން 212 ބިލިއަނަށް ވުރެ ގިނަ ކިއުބިކް މީޓަރުގެ ގުދުރަތީ ގޭސް ވަޅެއް ފެނިފައިވާ ކަމަށް އެ ގައުމުން އިއުލާންކޮށްފި އެވެ.
އީރާނުގެ ޕެޓްރޯލިއަމް މިނިސްޓަރު މުހުސިން ޕާކްނެޖާދު ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެ ސަރަހައްދުން 160 ބިލިއަނަށް ވުރެ ގިނަ ކިއުބިކް މީޓަރުގެ ގޭސް ނެގޭނެ ކަމަށާއި ވީ އެންމެ އަވަހަކަށް އެތަން ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށް ކަމާބެހޭ އިދާރާތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޕާކްނެޖާދު އިތުރަށް ވިދާޅުވީ، މި ގޭސް ވަޅަކީ ގައުމުގެ ހަކަތައިގެ މުސްތަގުބަލަށް އެޅުނު ވަރަށް ވަރުގަދަ ބިންގަލަކަށް ވެގެންދާނެ ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން، މި ގޭސް ރިވާޒްގައި ހައިޑްރޮޖަން ސަލްފައިޑް އެކުލެވޭ މިންވަރު ވަރަށް ކުޑައެވެ. މިއީ އެ މަސައްކަތް ހިންގުމަށާއި ތަރައްގީކުރުމަށް ހިނގާ ހަރަދު ކުޑަކުރުމަށް އެހީތެރިވެދޭނެ ސިފައެކެވެ.
އީރާނުން ބޮޑު ގޭސް ވަޅެއް ފެނިފައިވާކަން އިއުލާން ކޮށްފައި މިވަނީ، އެމެރިކާ އާއި އިޒްރޭލުން އީރާނުގެ އުމްރާނީ ވަސީލަތްތަކަށް ދެމުންދާ ހަމަލާތަކާއި އަޅާފައިވާ އިގުތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމުގެ ހަކަތައިގެ ދާއިރާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.


