ވަގަށް އެތެރެކުރި 22 ވެހިކަލެއް ދައުލަތަށް ނަގައިފި

ކަސްޓަމްސްގެ ގާނޫނާ ހިލާފަށް ރާއްޖެއަށް ވަގަށް އެތެރެކުރި 22 ވެހިކަލެއް ދައުލަތަށް ނެގުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ކަސްޓަމުން ވަނީ އަމިއްލަ މީހަކު ޕްލައިވުޑް އަދި ޓިމްބާ ގޮތުގައި ޑިކްލެއާކޮށް، އެމްޕީއެލް ބަނދަރުން ނެރެގެން ގެންދިޔަ ދެ ކޮންޓެއިނަރަކުން ވެހިކަލްތަކެއް ނެރެފައިވާ މައްސަލާގައި ދައުވާކޮށްފަ އެވެ.

އެ ދެ ކޮންޓެއިނަރުން ނެރެފައިވަނީ 22 ވެހިކަލާއި ސްޕެއާ ޕާޓްސްތަކެއް ކަމަށް ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައި ކަސްޓަމުން ބުންޏެވެ.

ކަސްޓަމުން ބުނީ ރާއްޖެއަށް މުދަލުގެ ގޮތުގައި ވަގަށް ވެހިކަލްތަކެއް އެތެރެކުރިކަން ވަނީ އެ މީހާގެ މައްޗަށް ތަހުގީގުގައި ސާބިތުވެފައި ކަމަށެވެ. އެހެންވެ، ކަސްޓަމްސްއިން ކޯޓުގައި އެދިފައިވަނީ އެ މުދާ ދައުލަތަށް ނަގައިދިނުމަށެވެ.

ސިވިލް ކޯޓުން ވަނީ ކަސްޓަމުން އެދުނު އެގޮތަށް 22 ވެހިކަލާއި ސްޕެއާ ޕާޓްސްތައް ދައުލަތަށް ނެގުމަށް ހުކުމްކޮށްފަ އެވެ.

ސިވިލް ކޯޓުން ބުނީ އެ ވެހިކަލްތަތަކީ ދައުވާ ލިބޭ މީހާ އާ ގުޅުމެއް ހުރި ތަކެތި ނޫން ކަމަށް އެ ފަރާތުން ބުންޏަސް، އެ މުދާ އެތެރެކޮށްފައިވަނީ އޭނާގެ ޔޫސާ ނޭމާއި ޕާސްވާޑް ބޭނުންކޮށްގެންކަން ސާބިތުވާ ކަމަށެވެ.

އަދި އެ ލޮގިން ބޭނުން ކުރީ އޭނާ ނޫންކަން އޭނާއަށް ކޯޓުގައި ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.

އެ މުދަލަކީ ވަގަށް އެތެރެކޮށްފައިވާ މުދަލެއްކަން މަދަނީ މިންގަނޑުން ސާބިތުވާ ކަމަށް އަމުރުގައި ބުންޏެވެ.