ވޯލްޑް
ކަޕް

ފަހުވަގުތު އައިވަރީ ކޯސްޓް ބަލިކޮށް، ޖަރުމަން ދެވަނަ ބުރަށް 

އުންޑާވްގެ ގޯލަށްފަހު ޖަރުމަން ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ: ގެޓީ

ފީފާ ވޯލްޑް ކަޕް 2026 ގެ ”ގްރޫޕް އީ“ ގައި ހަތަރު ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ޖަރުމަނުން 2-1 އިން އައިވަރީ ކޯސްޓް ބަލިކޮށްފިއެވެ.

ކެނެޑާގެ ޓޮރޮންޓޯ ސްޓޭިއަމްގައި ކުޅުނު މި މެޗުގެ 30 ވަނަ މިނެޓުގައި ޑިއޯމަންޑޭގެ މޮޅު ހަމަލާއަކަށް ފަހު ލިބުނު ރީބައުންޑެއް ގޯލަށް ފޮނުވާލައިގެން އައިވަރީ ކޯސްޓްގެ ކެޕްޓަން ފްރެންކް ކެސީ އެ ޓީމަށް ލީޑު ނަގައިދިނެވެ.

ފުރަތަމަ ހާފުގައި ޖަރުމަނުގެ ކުޅުންތެރިންނަށް ބޮޑު މާޔުސްކަމެއް ކުރިމަތިވީ ވީއޭއާރު މެދުވެރިކޮށް ދެ ގޯލެއް ބަލައިނުގަތުމުންނެވެ. ފުރަތަމަ ހާފު ނިމުނީ އައިވަރީ ކޯސްޓް 1-0 ގެ ލީޑެއްގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ޖަރުމަނުގެ ކޯޗު ޖޫލިއަން ނާގެލްސްމަން ޓެކްޓިކަލް ބަދަލުތަކެއް ގެނައެވެ. މެޗުގެ 60 ވަނަ މިނެޓުގައި ޑެނިޒް އުންޑާވް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނެރުނެވެ. އުންޑާވް ކުޅެން ނުކުތް ގޮތަށް ވަގުތުން ނަތީޖާ ބަދަލުކުރިއެވެ. މެޗުގެ 68 ވަނަ މިނެޓުގައި ވޯލީއެއް ޖަހައި ނަތީޖާ 1-1 އިން ހަމަހަމަކޮށްދިނެވެ. އެ ގޯލު ޖެހުމުގައި އެސިސްޓް ކޮށްދިން ނަދީމް އަމީރީ ވެސް ކުޅެން ނުކުތީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

ދެވަނަ ހާފުގެ އިތުރުވަގުތުކޮޅުގެ ތެރޭގައި އުންޑާވް ޖަރުމަނަށް އިތުރު ގޯލެއް ޖަހައިދީ ފަހަތުން އަރައި 2-1 ގެ ނަތީޖާއިން ޖަރުމަން މޮޅުކޮށްދިނެވެ. ފެލިކްސް މެޗާ ބާރު ޕާހެއް އުންޑާވްއަށް ފޯނުވާލުމުން އުންޑާވް ފުރަތަމަ ޓަޗުން އެނބުރި ގޯލްކީޕަރު ޔަހިއާ ފޯފާނާ ބަލަހައްޓަމުންދިޔަ ގޯލު ތެރެއަށް ބޯޅަ ފޯނުވާލީއެވެ.

ޖަރުމަނަށް ދެ މެޗުން ހަ ޕޮއިންޓު ލިބިފައިވާ އިރު، އައިވަރީ ކޯސްޓަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. މިރޭގެ މެޗަށް ނުކުތް އިރުވެސް، މޮޅުވާ ޓީމަކަށް އޮތީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވާ ގޮތަށެވެ.