އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ ބައި އިލެކްޝަންގެ ނަތީޖާ ނުކުތް ގޮތާމެދު މާޔޫސްވާންވީ ސަބަބެއް ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ބޭއްވީ ހުޅުމާލެ ދާއިރާ އާއި މައްޗަންގޮޅި މެދު އަދި ހެންވޭރު ހުޅަނގު ދާއިރާގެ އިތުރުން ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އުތުރު ދާއިރާ އާއި ރަސްމާދޫ އަންހެން މެންބަރުގެ ގޮނޑި އަދި ފ. ބިލެތްދޫ ރައީސްގެ ގޮނޑީގެ ބައި އިލެކްޝަނެވެ.
އެ ދާއިރާތަކުގެ ތެރެއިން މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކާއި ކުޅުދުއްފުށި ސިޓީގެ ގޮނޑިއަށް ވާދަކުރީ ޕީއެންސީގެ އިތުރުން އިދިކޮޅު މައި ޕާޓީ، އެމްޑީޕީ އިންނެވެ.
އެ ހަ ދާއިރާގެ ތެރެއިން ރަސްމާދޫ ފިޔަވައި އަނެއް ފަސް ދާއިރާ ޕީއެންސީން ކާމިޔާބު ކުރި އިރު، އެމްޑީޕީއަށް އެއްވެސް ގޮނޑިއެއް ކާމިޔާބެއް ނުކުރެވުނެވެ. ރ. ރަސްމާދޫ އަންހެން މެމްބަރުގެ ގޮނޑި ކާމިޔާބުކުރީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓެވެ.
ބައި އިލެކްޝަންތަކުގައި ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓުން ކުރި ހިތްވަރާއި މަސައްކަތަށް ޝުކުރު އަދާކުރައްވައި ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަދު އަދަދެއްގެ ބަޔަކު ވޯޓުލީ އިންތިހާބުގެ ނަތީޖާ ނުކުތް ގޮތަކާމެދު މާޔޫސްވާންވީ ސަބަބެއް ނެތް ކަމަށެވެ.
”ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް މިހާރު މި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އިރާދަކުރެއްވިއްޔާ މި ޕާޓީއަށް ކުރިއަށް އޮތީ ކާމިޔާބު ދުވަސްތަކެއް،“ ފައްޔާޒު ވިދާޅުވެފައިވެ އެވެ.
އިއްޔެ އިންތިހާބުގައި ވޯޓުލާން ނުކުތީ ވަރަށް މަދު ބައެކެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނާ ގޮތުން ހަ ދާއިރާއެއްގެ ބައި-އިލެކްޝަންގައި 13،112 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވީ ނަމަވެސް ވޯޓުލާން ނުކުތީ 3،528 މީހުންނެވެ. އެއީ 27 ޕަސެންޓު މީހުންނެވެ.




ގުޅުންހުރި
ސިނގިރޭޓު ވައްކަން: އިތުރު ތިން މީހަކު ހައްޔަރުކޮށްފި، ދިގަލި ވަހީދު ޝަރީއަތް
ފޭދޫން ވަކި ކައުންސިލެއް ބޭނުމެއް ނުވި، ހުޅުދޫ އާއި މީދޫން ބޭނުންވޭ
މާލެ ސަރަހައްދުން އަލަށް ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް ފައިނޭންސިން ސްކީމެއް
އައްޑޫގައި ވަކިވަކި ކައުންސިލްތައް ހެދުމާ ގުޅޭ ވޯޓު: އަދި ފެންނަނީ ފޯރިއެއް
އައްޑޫ ސިޓީގައި ވަކިވަކި ކައުންސިލުތަކެއް ހެދުމާ ގުޅޭ ވޯޓުލުން ކުރިއަށް
މާލެއިން ނޭޕާލް އަންހެނަކު ގެއްލިގެން ހޯދަނީ