ދައްކަންޖެހޭ ޓެކުހުގެ މިންވަރު ކަނޑައަޅައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (އެމްއެމްއޭ) އިން އަންގާފައިވާ އެންގުމާ އެއްގޮތަށް ޓެކްސް ފައިސާ ނުދައްކާ 33 ފަރާތެއްގެ ނަން އެ އޮތޯރިޓީން އާންމުކޮށްފި އެވެ.
މީރާ އިން ބުނީ, ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުން އާންމުކުރި އެ 33 ފަރާތަކީ ޓެކުހުގެ ގޮތުގައި ނުދައްކާވާ އަދަދު އެއް މިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވާ ފަރާތްތައް ކަމަށެވެ.
ޓެކްސް ނުދައްކާ ފަރާތްތަކުގެ ލިސްޓު: https://www.mira.gov.mv/extended/NonCompliers?act=8
މީރާ އިން އާންމުކޮށްފައިވާ ލިސްޓުގައި ހިމެނޭ ބައެއް ފަރާތްތަކުގެ ތެރޭގައި ރެ-ޕްލޭން ނަމަކަށް ކިޔާ ސިންގަޕޫރުގެ ކުންފުންޏަކާއި އެވޯސަން ނަމަކަށް ކިޔާ މެލޭޝިއާގެ ކުންފުންޏަކާއި ހަމަ އެ ނަމުގައި ރާއްޖޭގައި ހިންގާ ކުންފުންޏަކާއި ޗަންގްޒޯ ޓްރީނާ ސޯލާ އެނާޖީ ކޯ ނަމަކަށް ކިޔާ ޗައިނާގެ ކުންފުންޏެއްވެސް ހިމެނެ އެވެ.
މީރާ އިން ބުނީ, މިއަދު އާންމުކުރި ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމުގެ ކުރިން, ފޯނުން ގުޅައިގެންނާއި އެސްއެމްއެސް މެދުވެރިކޮށް މައުލޫމާތުދީ, ޓެކްސް ނުދައްކާ ފަރާތްތަކަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބުތަކާއި އެ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ސާފުކޮށްދީފައިވާނެ ކަމަށެވެ.
އަދި ދައުލަތަށް ދައްކަން ޖެހި ނުދައްކާވާ ޓެކްސް ފައިސާ ހޯދުމަށްޓަކައި, މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައްވެސް އެއްވެސް ތަފާތުކުރުމެއް ނެތި އަޅަމުންދާނެ ކަމަށްވެސް މީރާ އިން ބުންޏެވެ.


