އޯލެވެލްއާއި އޭލެވެލް އިން 1 ވަނަ ހޯދި ލޫތު ސީއެޗްއެސްއީން ވެސް 1 ވަނަ!

ފާއިތުވި ދިރާސީ އަހަރު ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ)ގެ އެއްވަނަ ދަރިވަރުގެ މަގާމު މުހައްމަދު ލޫތު އިބްރާހިމް ޒިޔާއު ހޯދައިފި އެވެ.

ލޫތަކީ އިސްކަންދަރު ސްކޫލުގެ 2021 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރެވެ. އޭރު އޭނާއަކީ އެ ސްކޫލުގެ ކެޕްޓަނެވެ. ސީއެޗްއެސްއީގައި އޭނާއަކީ ސީނިއާ ޕްރިފެކްޓެކެވެ.

އޭގެ އިތުރުން ލޫތަކީ އޯލެވެލް އާއި އޭލެވެލްގެ ގައުމީ ގަދަ 10ގެ އެއްވަނަ މަގާމުގައި ހިމެނޭ ދަރިވަރެކެވެ. ހާއްސަކޮށް އޭލެވެލްގައި ހިސްޓްރީން ދުނިޔެއިން އެއްވަނަ އޭނާ ހޯދި އެވެ.

ލޫތު މީގެ ކުރިން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާ ވާން ބޭނުންވަނީ ލޯޔަރަކަށެވެ.

ނަމަވެސް އޭލެވެލް އިން އެއްވަނަ ލިބުމުން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕްގެ ދަށުން މަތީ ތައުލީމަށް ލޫތު މިހާރު ކިޔަވަން ނިންމާފައިވަނީ އިކޮނޮމިކްސްގެ ދާއިރާއިންނެވެ. ނަމަވެސް އޭނާގެ އުއްމީދަކީ ޑިޕްލޮމެޓެއްގެ ގޮތުން ގައުމަށް ހިދުމަތް ކުރުން ކަމަށް ބުނެފައިވެ އެވެ.