ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނެ މީހުންގެ ފައިނަލް ލިސްޓު އަންނަ އޮކްޓޯބަރު މަހު އާންމުކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް ކުރީގެ ސަރުކާރު ނިމެން ދެ ދުވަހަށް ވެފައި އޮއްވައި ނެރުނެވެ. ނަމަވެސް އޭސީސީން ވަނީ އެ ލިސްޓަށް ފްލެޓް ދޫކުރުން ހުއްޓުވައިފަ އެވެ. އަދި އެ ކޮމިޝަނުން ކުރި ތަހުގީގަށްފަހު ބުނީ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ.
އެހެންވެ މި ސަރުކާރުން ނިންމީ އާ ފްލެޓް ކޮމިޓީއެއް ހަދައި، އެ ލިސްޓު މުރާޖައާ ކުރުމުގެ މަސައްކަތް ކުރާށެވެ.
ލިސްޓު ބާތިލު ނުކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅޭ ގޮތުން ސުވާލުކުރަން މިއަދު ބޭއްވި ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހައިދަރު ވިދާޅުވީ ފްލެޓް ލިސްޓު މުރާޖައާ ކުރަމުންދާ އިރު، އެ ދޫކުރަނީ އެންމެ ހައްގުވެރި މީހާއަށްތޯ ޔަގީން ކުރާނެ ކަމަށެވެ. އަދި އެ މަސައްކަތް ފްލެޓްތައް ނިމެންވާއިރަށް ނިންމާލެވޭނެ ކަމަށް ވިދާޅުވި އެވެ.
”އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި 32 ޓަވަރުގެ ތެރެއިން އެންމެ ފުރަތަމަ ހަ ޓަވަރު ނިމޭނީ އޮކްޓޯބަރު މަސް ނިމޭހާ ތަނުގައި. އިރާދަކުރެއްވިއްޔާ އެހާތަނަށް ފައިނަލް ލިސްޓު އާންމުކުރާނަން.“ ހައިދަރު ވިދާޅުވި އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 18 ބުރީގެ 32 ޓަވަރު ދަނީ ހަދަމުންނެވެ. އޭގެތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 ޔުނިޓާއި ތިން ކޮޓަރީގެ 2،800 ޔުނިޓެވެ.


6 Comments
ގުޅުންހުރި
57 ރަށެއްގެ ހައުސިން މަޝްރޫއު ބީލަމަށް ލައިފި
ދާންދޫ ދާއިރާގެ ޕީއެންސީ މެންބަރު ފަޒީލް ވޯޓު ދިނީ ހައިދަރަށް ރުހުން
ރޯދައިގެ ކުރިން ފުލެޓް ލިސްޓު އާންމުކުރެވޭނެ ކަމުގެ ވަރަށް ބޮޑަށް ގަބޫލުކުރެވޭ:
ހައުސިން މިނިސްޓްރީ އުވާލުމުން ބައެއް މުވައްޒަފުން ދޫކޮށްލަން ޖެހިދާނެކަން އަންގައިފި
ކޮންޓްރެކްޓާ ފައިނޭންސިންގެ ދަށުން ގުޅިފަޅުގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކަށް
ދަރުބާރުގެ ކުއްޔަށް ދިނުން ހުއްޓާލައިފި