އަތަމާ ހައްޖު ގުރޫޕުގެ ވެރިޔާ އަތަމާ އަބްދުއްލަތީފް އަވަހާރަވެއްޖެ

އަތަމާ ހައްޖު ގުރޫޕުގެ ވެރިޔާ އަބްދުއްލަތީފް ހުސެން (އަތަމާ އަބްދުއްލަތީފް) ---

ރާއްޖެ އިން އެތައް ބަޔަކު ހައްޖަށް ގެންދިޔަ އަތަމާ ހައްޖު ގުރޫޕުގެ ވެރިޔާ އަބްދުއްލަތީފް ހުސެން (އަތަމާ އަބްދުއްލަތީފް) މިއަދު އަވަހާރަވެއްޖެ އެވެ.

އާއިލާ އިން ބުނި ގޮތުގައި، އަތަމާ އަބްދުއްލަތީފް އަވަހާރަވީ މިއަދު މެންދުރެއް ހާއިރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އަވަހާރަވި އިރު އޭނާގެ އުމުރަކީ 94 އަހަރެވެ.

އަތަމާ އަބްދުއްލަތީފް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން، އޭނާ މީހުން ހައްޖަށް ގެންދިއުމުގެ މަސައްކަތް ފެއްޓެވީ ހިޖުރައިން 1398 ވަނަ އަހަރު ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްޓަކައި އަނބިކަނބަލުންނާ އެކު މައްކާއަށް ވަޑައިގަތުމަށްފަހު ދެކެވަޑައިގެންނެވި މަންޒަރަކުން ހިތްޕުޅަށް ނެންގެވުނު ޝުއޫރުތަކަކުންނެވެ.

އެގޮތުން ކިތަންމެ ގިނަ ފައިސާއެއް ހިފައިގެން ހައްޖަށް ދިޔަ ނަމަވެސް، އެ މީހަކަށް އަޅާލާނެ އަދި އެހީވާނޭ މީހަކު ނެތް ނަމަ ހައްޖުގެ އަޅުކަމުގެ ކަންތައްތައް ފުރިހަމައަށް އަދާކުރުމަކީ ނުކުރެވޭނެ ކަމެއް ކަމުގެ އިހުސާސް ކުރެވުނު ކަމަށްވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކަމުގެ ސަބަބުން ބައެއް މީހުންނަށް އެކަންތައް އޮންނަނީ ރަނގަޅަށް އަދާ ނުކުރެވިފަ އެވެ.

ރާއްޖެ އިން ހައްޖަށް ދާން އެދޭ މީހުންނަށް އެހީވެދެއްވުމަށް އަތަމާ އަބްދުއްލަތީފު ފެއްޓެވި މަސައްކަތާ އެކު ފައިސާގެ ގޮތުން ވެސް ލުއި ފަސޭހަގޮތެއް ހަމަޖައްސަވައިދެއްވައި އެ މީހުން ގޮވައިގެން މައްކާއަށް ވަޑައިގެން އެ މީހުންގެ ކަންތައްތައް ބައްލަވައި ހައްޖުގެ އަޅުކަމުގެ ކަންތައްތައް އަދާކުރުމުގައި މަގު ތަނަވަސް ކޮށްދެއްވުމުގެ މަސައްކަތް ކުރެއްވި އެވެ.

އެ ހިދުމަތުގެ އަގުވަޒަންކޮށް އަބްދުއްލަތީފަށް 1991 ވަނަ އަހަރު ދައުލަތުން ދޭ ހާއްސަ އިނާމު، ޖަމާއަތަށް ފައިދާ ހުރި ހާއްސަ ހިދުމަތުގެ ދާއިރާ އިން ވަނީ ލިބިވަޑައިގެންފަ އެވެ.