ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ދީފައިވާ ފުލެޓްތައް ބޮޑު އަގުގައި ކުއްޔަށް ދީފައި ހުރިކަން އެނގޭނަމަ ފިޔަވަޅު އަޅަން މަސައްކަތް ކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ހައިދަރު އެހެން ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭނެ މީހުންގެ ފައިނަލު ލިސްޓު ބާތިލު ނުކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅޭ ގޮތުން ސުވާލު ކުރުމަށް މިއަދު ބޭއްވި ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގަ އެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރާ ސުވާލު ކުރައްވަމުން ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކުން އޮޅުވާލައިގެން ފްލެޓް ހޯދުމަށްފަހު އޭގެ ތެރެއިން ގިނަ ބަޔަކު އެ ފްލެޓްތައް ބޮޑު އަގުގައި ކުއްޔަށް ދީގެން އުޅޭ ކަމަށެވެ.
އެހެންކަމުން އެފަދަ މީހުންނާ ދޭތެރޭގައި ގެންގުޅޭނީ ކޮންކަހަލަ ސިޔާސަތެއްތޯ މިނިސްޓަރާ ސުވާލު ކުރެއްވި އެވެ.
ހައިދަރު ވިދާޅުވީ، ސަރުކާރުން ދޭ ފްލެޓުތައް ކުއްޔަށް ދީ، އެތަނުގައި ދިރިނޫޅުމަކީ ޔަގީނުންވެސް، ބޯހިޔާވަހިކަން ބޭނުންވެގެން އުޅޭ ބަޔަކު ކުރާނެ ކަމެއް ނޫން ކަމަށެވެ.
”އެތަން ދެވިފަ މި ހުރީ ހައްގު މީހުންނަށް ނޫންހެން ބައެއް ފްލެޓްތައް ދީފައި މިހުރީ. އެކަން ވިޔަ ނުދޭން ވެގެން ބަލާނަން ވީހާވެސް ބޮޑަކަށް ހައްގު ފަރާތްތަކަށްކަން ފްލެޓްތައް މި ހަވާލުކުރެވެނީ..ދީފައި ހުރި ފްލެޓްތައްވެސް ދީފައި ހުރީ ކުއްޔަށްކަން އެނގޭ ކަމަށްވާނަމަ ފިޔަވަޅު އަޅަން މަސައްކަތް ކުރާނަން،“ ހައިދަރު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ޖަވާބު ދެއްވަމުން ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް 15 ނޮވެމްބަރު 2022 ގައި ވިދާޅުވެފައިވާ ގޮތުން ހިޔާ ފްލެޓްތަކުގައި މާލެއަށް ނިސްބަތްނުވާ ގިނަ އަދަދެއްގެ މީހުން ދިރިއުޅެ އެވެ.
އަދި އެތަނުގެ 900 ޔުނިޓެއް ބޮޑު އަގުގައި ކުއްޔަށް ދީފައި އެބަހުރި ކަމަށްވެސް ވިދާޅުވި އެވެ.
3 Comments
ގުޅުންހުރި
ރާއްޖެ އާއި އިންޑިއާގެ ދެމެދު ރުޕީސް އާއި ރުފިޔާ އިން މުއާމަލާތް
އެސްޓީއޯ އިން ބިނާކުރި އެލައިޑް، މާކެޓުގައި މިއަދު އެންމެ ބޮޑު ހިއްސާ
ލޯބިވާ މީހުން ދޫކޮށް މަރުވެ ދާންޖެހޭނަކަމީ ދުންޔަވީ ހަގީގަތެވެ. އެކަމަކު އާހިރަތް
މެންބަރުކަން ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީއަށް ދިނުމުން ރައްޔިތުންގެ ބާރު ގެއްލޭ:
ސްޓެލްކޯގެ ފުރިހަމަ މަސައްކަތެއް؛ އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކޮށް ރީތިކޮށްލައިފި
އައިކޮމްގެ އަޑުއެހުމަށް ހާޒިރުނުވުމުން ހައުސިން މިނިސްޓްރީ ޖޫރިމަނާކޮށްފި