ސެޕްޓެމްބަރ 22, 2024

އިޖުތިމާއީ މިންގަނޑާ ހިލާފު ލިޔުން ފަތުރާ ”ދެންމެ“ ވެބްސައިޓް ބްލޮކް ކުރަން އެމްއެމްސީން އަންގައިފި

އިޖުތިމާއި މިންގަނޑަތަކާ ހިލާފު ލިޔުން ލިޔެ ފަތުރާ ”ދެންމެ“ ވެބްސައިޓް ބްލޮކްކުރަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިފި އެވެ.

އެމްއެމްސީ އިން ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ވެސް ”ދެންމެ“ ވެބްސައިޓުގެ މައްސަލަ ބަލައިފަ އެވެ. އެ ފަހަރު މައްސަލަ ބެލި އިރު ”ދެންމެ“ ވެބްސައިޓަކީ ރަޖިސްޓްރީ ކޮށްގެން ހިންގާ ވެބްސައިޓެއް ނޫންކަން ފާހަގަވުމުން އެ ވެބްސައިޓް ހިންގާ ފަރާތުގެ މައުލޫމާތު ހިއްސާކުރުމަށް ހުޅުވާލި އެވެ.

ހިންގާ ފަރާތް ހޯދަން އިއުލާން ކުރުމުން އިޖުތިމާއީ މިންގަނޑާ ހިލާފު ލިޔުން ފެތުރުން ”ދެންމެ“ ވެބްސައިޓުން ހުއްޓާލި ނަމަވެސް މި އަހަރުގެ ތެރޭގައި އެ ވެބްސައިޓުން އަނެއްކާވެސް ވަނީ އެފަދަ ލިޔުންތައް ފަތުރަން ފަށައިފަ އެވެ.

އެހެންވެ އެމްއެމްސީން އަމިއްލަ އިސްނެގުމަށް ”ދެންމެ“ ވެބްސައިޓުގެ މައްސަލަ ބެލުމަށްފަހު މިއަދު ވަނީ ޝަކުވާ ނިންމި ގޮތުގެ ރިޕޯޓު އާންމުކޮށްފަ އެވެ.

އެ ރިޕޯޓުގައި އެމްއެމްސީން ބުނީ އެ ކައުންސިލުގެ ގާނޫނުގެ 36 ވަނަ މާއްދާގައި ”މީޑިއާ“ މާނަކޮށްފައިވަނީ ޓީވީއަށާއި ރޭޑިއޯއަށާއި އިންޓަރެކްޓިވް ސީޑިއަށާއި ވެބްސައިޓަށާއި ދުވަހު ނޫސްތަކަށާއި ހަފުތާ ނޫސްތަކަށާއި މަޖައްލާތަކަށާއި ޓްރޭޑް ޕަބްލިކޭޝަންތަކަށާއި މިނޫންވެސް ނަންނަމުގައި، ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެންނާއި ރަޖިސްޓްރީނުކޮށް މައުލޫމާތާއި ހަބަރާއި ހިޔާލާއި އިސްތިހާރު އާންމުކޮށް ފެތުރުމަށްޓަކައި ގަންނަން ލިބޭ ގޮތަށް ނުވަތަ އަގަކާ ނުލައި ލިބޭ ގޮތަށް ޗާޕުކޮށްގެންނާއި އިންޓަނެޓާއި އެހެނިހެން ވަސީލަތް މެދުވެރިކޮށް ޝާއިއުކުރެވޭ ޝާއިއުކުރުންތަކަށް ކަމަށެވެ.

އެހެންކަމުން ރަޖިސްޓްރީ ކޮށްގެންނާއި ރަޖިސްޓްރީ ނުކޮށް މައުލޫމާތާއި ފެތުރުމަށް ހިންގާ ވެބްސައިޓުތަކާ ގުޅޭ ގޮތުން ހުށަހަޅާ ޝަކުވާތައް ބެލުމުގައި އެ ކައުންސިލަށް ގާނޫނީ ހުރަހެއް ނެތް ކަމަށް ބުންޏެވެ.

އެމްއެމްސީން ބުނީ އެ ކައުންސިލުން އެކުލަވާލާފައިވާ އަހުލާގީ މިންގަނޑުގެ 15 ވަނަ މާއްދާގައި ”ބަރަހަނާ މަންޒަރާއި ޖިންސީ ވާހަކަތަކާއި ޖިންސީ އަމަލުތަކަށް ހިތްވަރު ދޭ ވާހަކަތަކާއި އެފަދަ ކަންކަން ސިފަކޮށްދޭ އެއްވެސް އެއްޗެއް ޝާއިއު ކުރުމުން ނޫސްވެރިޔާ ދުރުހެލިވާނެ“ ކަމަށް އަދި އެ މިންގަނޑުގެ 16 ވަނަ މާއްދާގައި ”ހަބަރާއި މައުލޫމާތު ޝާއިއު ކުރުމުގައި އާންމު އިޖުތިމާއި މިންގަނޑުތަކަށް ނުފެތޭ، ހަޑި ހުތުރު ބަސް ބޭނުން ކުރުމުން ނޫސްވެރިޔާ ދުރުހެލިވާނެ“ ކަމަށް ބުނެފައިވާނެ ކަމަށެވެ.

ނަމަވެސް ”ދެންމެ“ ވެބްސައިޓުގައި ދިވެހި މީޑިއާގެ އަހުލާގީ މިންގަނޑާ ހިލާފަށް އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ބޭއަދަބީ، ހަޑިހުތުރު ބަހުރުވައިން އެތަކެއް ލިޔުމެއް ޝާއިއު ކޮށްފައިވާއިރު އެކި މީހުންގެ ޒާތީކަންކަމާއި އަބުރާބެހޭ ފަދަ ހަބަރާއި އަންހެނުންނަށް ނިސްބަތްކޮށް އެ ކަނބަލުންގެ ގަދަރުކުޑަވާ މޭރުމަކުން އެތައް ލިޔުމެއް ޝާއިއު ކޮށްފައިވާ ކަމަށް ބުންޏެވެ.

”ބަޔާންވެދިޔަ ސަބަބުތަކުގެ މައްޗަށް ރިއާޔަތްކޮށް ބަލާއިރު މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނުގެ ދަށުން މޯލްޑިވްސް މީޑިއާ ކައުންސިލުން އިސްނަގައިގެން ބެލި މި މައްސަލައިގައި ޝަކުވާ ބަލާ ކޮމިޓީން ނިންމާފައިވަނީ ’ދެންމެ‘ ނަމުގައި ހިންގާ ވެބްސައިޓުން އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ލިޔުންތައް ޝާއިއުކުރަމުން ގެންދާތީ އެފަދަ ކަންކަން ނުކުރުމަށް އިންޒާރު ދީފައި ވަނިކޮށްވެސް ތަކުރާރުކޮށް އެކަން ކުރަމުން ގެންދާތީ ’ދެންމެ‘ ވެބްސައިޓް ބްލޮކް ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށެވެ“ އެމްއެމްސީ އިން ބުންޏެވެ.