ދަރަނިވެރިޔާ މަރުވުމަށްފަހު އޭނާގެ ދަރަނި އަދާކުރެވެން ދެން އޭނާގެ ފުރާނަ ވާހުށީ އެލުވިގެންނެވެ.

ދަރަނިވެރިޔާ މަރުވުމަށްފަހު އޭނާގެ ދަރަނި އަދާކުރެވުމަށް ދާންދެން އޭނާގެ ފުރާނަވާހުށީ އެލުވިގެން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

”ހަޔާތުގެ ހުޅުކޮޅު ނިވުމުގެ ކުރިން ދަރަނި އަދާކުރާށެވެ!“ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ދަރަނި ދިނުމާއި ދަރަނި ނެގުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނަމަވެސް ދަރަނި ނަގާން ވާނީ އެ ދަރަނި އަދާކުރުމުގެ ނިޔަތުގައި އަދި ދަރަނި ދޫކުރި ފަރާތަށް ގެއްލުމެއް ދިނުމުގެ ނިޔަތުގައި ނޫން ކަމަށެވެ.

އަދި ދަރަނި ނުދެއްކި، ޝަރީއަތަށް މައްސަލަ ހުށަހެޅި، ތިމާ ކުށްވެރިވެ، އެ ކަމުގެ ސަބަބުން ދުނިޔެއާއި އާހިރަތް ނަގައިލެވޭ ކަމަކަށް އެކަން ވުމަށްވުރެ، އައުލާކަން ބޮޑީ ލިބޭ އާމްދަނީއަކާ އެއްވަރަށް ހަރަދުތައް ކުޑަކޮށް، އިގުތިސާދު ކުރުން ކަމަށްވެސް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ، ދަރަނި ނަގަނީ ބައިތުލްމާލުންކަމުގައި ވަނީ ނަމަ، އެއީ އެންމެހައި ރައްޔިތުންގެ ހައްގުތައް އޭގައި ހިމެނޭ ދަރަންޏެއް ކަމަށާއި އެހެންވެ، އެފަދަ ބޮޑެތި ދަރަނިތައް ނުދައްކައި ލަސްކުރުމަކީ އެ ކަމުގެ ފާފަ އެހެނިހެން ދަރަނިތަކަށް ވުރެ ބޮޑުވެދާނެ ކަމެއް ކަމަށެވެ.

ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ. ”ދަރަނި ދެއްކޭ ހާލު، އެ ދަރަނި ނުދައްކައި ދިގުދެންމުމަކީ އަނިޔާއެކެވެ!“

ހުތުބާގައި ބުނީ، ކިތަންމެ ކުޑަ ދަރަންޏެއް ކަމުގައި ވިޔަސް، އަދާނުކުރެވި އޮއްވައި، ދުނިޔެ ދޫކޮށް ދާން ޖެހުމަކީ ނުރައްކާތެރި ކަމެއް ކަމަށާއި އެއީ ފާފަފުއްސެވުމަށް ހުރަސްއެޅިދާނެ ކަމެއް ކަމަށެވެ.

އެގޮތުން ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ. ”މާތް اللهُ، ޝަހީދުންނަށް، ދަރަނީގެ ފާފަ ފިޔަވައި އެހެން ހުރިހައި ފާފައެއް ފުއްސަވާ ހުއްޓެވެ.“

ހުތުބާގައި ބުނީ، މީހަކު ދުނިޔެ ދޫކުރުމަށްފަހު، އޭނާގެ މައްޗަށް ކިތަންމެ ކުޑަ ދަރަންޏެއް އޮތަސް، އޭނާގެ ވާރުތަވެރީން އެ ދަރަނި އަދާކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި ޝަހީދުންނަކީ ނުހަނު ދަރަޖަ މަތިވެރި ބަޔަކަށް ވީހިނދުވެސް އެ މީހުންނަށް ވެސް ދަރަނީގެ ފާފަ ނުފުއްސެވުމަކީ ދަރަނިވެރީންނާއި އެ މީހުންގެ ވާރުތަވެރީން ސަމާލުވާންޖެހޭ ކަމެއް ކަމަށް ބުންޏެވެ.

ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.

”މުއުމިނާގެ ފުރާނަވަނީ، އޭނާގެ ދަރަނީގެ ސަބަބުން އެލުވިގެންނެވެ. (އެބަހީ: އެ ފުރާނަ އާމެދު ވަކި ގޮތަކަށް ނުނިންމަވައި ފަސްކުރެއްވިގެންނެވެ.) އެއީ، އޭނާގެ ދަރަނި އަދާކޮށްދެވިއްޖައުމަށް ދާންދެނެވެ.“

ހުތުބާގައި އިތުރަށް ބުނީ، އިންސާނާ މަރުވުމަށް ފަހު އޭނާގެ ކިބުރުވެރިކަމާއި ހިޔާނާތްތެރިކަމާއި ދަރަނީގެ ސަބަބުން ސުވަރުގެ ވަނުމަށް ހުރަސް އެޅިދާނެ ކަމަށެވެ.