ސިންގަޕޫރަށް 36 ގުރާމްގެ ހެރޮއިން އެތެރެކުރި މީހަކަށް މަރުގެ އަދަބު ދީފި

ސިންގަޕޫރުގެ ޕްރިޒަން ސާވިސް ---

ސިންގަޕޫރަށް 36.93 ގުރާމްގެ ހެރޮއިން އެތެރެކުރި މީހަކު ދަންޖައްސައިގެން މަރުގެ އަދަބު ދީފި އެވެ.

މިއީ ސިންގަޕޫރުގައި މި އަހަރުގެ ތެރޭގައި ޑުރަގް ޓްރެފިކިންގެ މައްސަލައެއްގައި ދަންޖައްސައިގެން މަރުގެ އަދަބު ދިން ދެވަނަ މީހާ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އުމުރުން 45 އަހަރުގެ އެ މީހާ މެރުމަށް ހުކުމްކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެ ކުށަށް މައާފު ހޯދުމަށް އޭނާ ހުށަހެޅި ނަމަވެސް އެ ހުށަހެޅުން ވަނީ ބާތިލުކޮށްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އޭނާ ދަންޖައްސައިގެން މަރުގެ އަދަބު ދީފައިވަނީ ޗަންގީ ޖަލުގަ އެވެ. ނަމަވެސް އާއިލާއާއި ހައްގުތަކާ ބެހޭ ޖަމިއްޔާތަކުގެ އެދުމުގެ މަތިން އަދަބު ދިން މީހާއާ ގުޅޭ މައުލޫމާތާއި އޭނާގެ ކުރި ކުށުގެ ތަފުސީލުތައް ވަނީ ސިއްރުކޮށްފަ އެވެ.

ސިންގަޕޫރަކީ ޑުރަގް ޓްރެފިކް ކުރާ މީހުންނަށް ހަރުކަށި އަދަބު ކަނޑައަޅާފައިވާ ގައުމެކެވެ. އެގޮތުން އެ ގައުމަށް 500 ގުރާމަށްވުރެ ގިނަ ކެނެބިސް ނުވަތަ 15 ގުރާމަށްވުރެ ގިނަ ހެރޮއިން އެތެރެކުރާ މީހެއްގެ އަދަބަކީ މަރުގެ އަދަބެވެ.

އެގޮތުން މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޑުރަގް ޓްރެފިކް ކުރި ބަންގްލަދޭޝް ރައްޔިތަކު ދަންޖައްސައިގެން މަރުގެ އަދަބު ދީފައިވެ އެވެ. އޭނާއަކީ 2019 ވަނަ އަހަރަށްފަހު ދަންޖައްސައިގެން މަރުގެ އަދަބު ދިން ފުރަތަމަ މީހާ އެވެ.