ސެޕްޓެމްބަރ 21, 2024

ފަންނީ މުވައްޒަފުން ތަމްރީންކުރަން ސްޓެލްކޯ އާއި ޕޮލިޓެކްނިކް އެއްބަސްވުމަކަށް

ސްޓެލްކޯއަށް ބޭނުންވާ ފަންނީ މަސައްކަތްތެރިން ތަމްރީނު ކުރުމުގެ އެމްއޯޔޫއެއްގައި، މޯލްޑިވްސް ޕޮލިޓެކްޓިކްއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސްޓެލްކޯގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެވެ. ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ސީއީއޯ ޒޫޝަން ކަމާލުއްދީނެވެ.

ސްޓެލްކޯއިން މިއަދު ބުނީ އެމްއޯޔޫގައި ދެ ފަރާތުން ސޮއިކޮށްފައިވަނީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށެވެ.

ސްޓެލްކޯއިން ބުނީ ޕޮލިޓެކްނިކްއާއެކު ސޮއިކުރި އެމްއޯޔޫއަކީ ސްޓެލްކޯ އަށް ބޭނުންވާ ފަންނީ އަދި މަސައްކަތްތެރިކަމުގެ ދާއިރާތަކަށް މުވައްޒަފުން ތަމްރީން ކުރުމަށާއި، ޕޮލިޓެކްނިކްގެ ދަސްވާރުންނަށް ސްޓެލްކޯގައި ”އިންޑަސްޓްރިއަލް އެކްސްޕީރިއަންސް“ ހޯދުމުގެ ފުރުސަތު ފަހިކޮށް ދިނުމުގެ އިތުރުން ސްޓެލްކޯއާއި ޕޮލިޓެކްނިކާއި ގުޅިގެން މަސައްކަތްތެރިކަމުގެ ދާއިރާތަކަށް މީހުން ބިނާކުރުމާއި ގުޅޭ އެކިއެކި ކަންކަމުގައި އެހީތެރިވެދިނުމުގެ ގޮތުން ސޮއިކުރި އެމްއޯޔޫއެއް ކަމަށެވެ.

އެމްއޯޔޫގެ ދަށުން ސްޓެލްކޯއާއި ޕޮލިޓެކްނިކުން އެއްބަސްވެފައިވާ ކަންކަން:

– ޕޮލިޓެކްނިކްއިން ހިންގާ ތަމްރީން ޕްރޮގްރާމްތަކުގެ ތެރެއިން ސްޓެލްކޯއަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ހިންގައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
– ޕޮލިޓެކްނިކްއިން ތަމްރީން ލިބިގެން ނިކުންނަ ދަސްވާރުންނަށް، ޖާގަ އޮތް މިންވަރަކުން ސްޓެލްކޯގައި ”އިންޑަސްޓްރިއަލް އެކްސްޕީރިއަންސް“ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުން.
– ސްޓެލްކޯގެ މާލެ އަދި ގްރޭޓާ މާލެ ރީޖަންގެ އިންޖީނުގެތަކުގައި އިންޖީނު އޯވަހޯލް ކުރުމުގެ މަސައްކަތްތައް ހިނގަމުންދާއިރު، މި މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލެއްވުމަށް ބޭނުންވާ ޕޮލިޓެކްނިކްގެ މުދައްރިސުންނާއި ދަރިވަރުންނަށް، މި މަސައްކަތް ބައްލަވާލެއްވުމަށް ސްޓެލްކޯއަށް ޒިޔާރަތްކުރުމުގެ ފުރުސަތު ފަހިކޮށްދިނުން.
– ސްޓެލްކޯގެ އެކިއެކި ދާއިރާތަކަށް ބޭނުންވާ ޓެކްނިކަލް އަދި ނަން-ޓެކްނިކަލް ދާއިރާތަކާ ގުޅޭ އެކިއެކި ކުރު ތަމްރީން ޕްރޮގްރާމްތައް ދެފަރާތުން އެއްބަސްވާ ގޮތުގެ މަތިން ހިންގައިދިނުން.
– ޕޮލިޓެކްނިކްއިން ހިންގާ ސްޓެލްކޯ އިން ކުރާ މައިގަނޑު މަސައްކަތްތަކާއި ގުޅުންހުރި ކޯސްތައް ކިޔަވައި ދިނުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ކޯސް ކިޔަވައިދިނުމަށް ބޭނުންވާ އެކިއެކި އިކުއިޕްމަންޓްތަކާއި ކަމާބެހޭ އެކިއެކި އާލާތްތައް ހޯދައިދިނުމުގައި ދެފަރާތުން އެއްބަސްވާ ގޮތުގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުން.
– ޕޮލިޓެކްނިކްއިން ހިންގާ ކޯސްތަކުގައި ކިޔަވައި ދިނުމަށް ބޭނުންވާ ސްޓެލްކޯގެ ތަޖުރިބާ އަދި ތައުލީމް ހުރި މުވައްޒަފުންނަށް، ދެފަރާތުން އެއްބަސްވާ ގޮތުގެ މަތިން ކިޔަވައިދިނުމުގެ ފުރުސަތު ފޯރުކޮށްދިނުން.
– މަސައްކަތުގައި ބޭނުންކުރެވޭ އާލާތްތަކާއި ސާމާނަށް އަންނަ ތަރައްގީއާއި ގުޅިގެން، ޕޮލިޓެކްނިކް އިން ހިންގާ ކޯސްތަކުގެ ކަރިކިއުލަމް އިސްލާހު، ކުރުމަށްޖެހޭ ހާލަތްތަކުގައި، ސްޓެލްކޯގެ ތަޖުރިބާކާރުންގެ އެހީތެރިކަން ފޯރުކޮށްދިނުން.
– ޕޮލިޓެކްނިކްގެ ފަންނީ މުވައްޒަފުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ރާވާ، ހިންގުމުގައި، ޕޮލިޓެކްނިކް އިން އެދިލައްވާ ގޮތުގެމަތިން، މި ކަންކަމުގައި ސްޓެލްކޯގެ ތަޖުރިބާކާރުންގެ އެހީތެރިކަން ފޯރުކޮށްދިނުން.
– ރާއްޖެއިން ބޭރުން ގެންނަ ޓްރެއިނަރުން ބޭނުންކޮށްގެން ސްޓެލްކޯގައި ހިންގާ ޕޮލިޓެކްނިކް އާއި ގުޅުންހުރި ”އިން-ހައުސް ޓްރެއިނިންގ“ ޕްރޮގްރާމްތަކުގައި، ޕޮލިޓެކްނިކްގެ މުދައްރިސުންނާއި ޕޮލިޓެކްނިކްގައި ކިޔަވާ ދަރިވަރުންނަށް ޖާގައޮތް މިންވަރަކުން ހިލޭ ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުން.