ޕީޖީ ޝަމީމު ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި

ޕީޖީ ހުސެއިން ޝަމީމް ---

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު އެ މަގާމުން ވަކިކުރަން އެދި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ޝަމީމް ވަކިކުރަން މަޖިލީހަށް މައްސަލަ ހުށަހަޅާފައި މިވަނީ އޭނާ ވަކިކުރަން ޖެހޭ ކަމަށް ބުނެ މަޖިލީހުގެ ތަޅުމުގައި ސަރުކާރަށް ތާއީދުކުރާ އެތައް މެންބަރުންނެއް ވާހަކަ ދެއްކި ފަހުންނެވެ.

އޭނާ ވަކިކުރަން މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. އޭނާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީގައި ޝަމީމު ޕީޖީ ކަމުން ވަކިކުރަން އެދޭ އަށް މައްސަލައެއް ފާހަގަކޮށްފައިވެ އެވެ.

ޝާހިދު ފާހަގަކުރެއްވި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:

  1. ރޭޕުގެ ތުހުމަތުކުރެވުނު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ ފައިލްކުރުން
  2. ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްސަލަ ފައިލްކުރުން
  3. ސަފާރީ ރޭޕް ކޭސް މައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރަން ނިންމުން
  4. މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ރިޒާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ހިއުމަން ޓްރެފިކިން ދައުވާ އަނބުރާ ގެނައުން
  5. ބަނގުރާ ބުއިމުގެ ގިނަ މައްސަލަތަކެއް އަނބުރާ ގެނައުން
  6. ޕީޖީ އޮފީހުގެ ޕްރޮސިކިއުޓަރު އަދި ތަރުޖަމާނު އަހުމަދު ޝަފީއު އެއް ޖިންސުން ގުޅުން ހިންގައި، މަސްތުވާތަކެތި ބޭނުންކޮށް، ރަސޫލާއަށް ފުރައްސާރަ ކުރުމުން ވެސް އެ މައްސަލަ ބަލަން ދެކޮޅު ހެދުން
  7. ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ނިންމުން
  8. ޕީޖީ އޮފީހުގެ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ގެންގުޅުން