ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ޖުޑީޝަރީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެގޮތަށް ފާސްކުރުމުގެ ކުރީން ޝަމީމަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދިނެވެ. އެ ބައްދަލުވުން ލައިވް ކުރަން ޝަމީމު އެދުނު ނަމަވެސް ކޮމިޓީން ނިންމީ ބައްދަލުވުން ސިއްރުކުރުމަށެވެ.
ޕީޖީގެ މަގާމުން ޝަމީމު ވަކިކުރަން ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު، މުހައްމަދު ޝާހިދު (ޝާޑް) މަޖިލީހަށް ހުށަހެޅި މައްސަލައިގައި ޝަމީމަށް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ކަމަށް ބުނެ ބޮޑެތި ގިނަ ތުހުމަތުތަކެއް ކޮށްފައިވެ އެވެ.
އޭގެ ތެރޭގައި ހިމެނެނީ:
- ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އަނބުރާ ގެންނަން ނިންމައި ފައިލް ކުރުން
- ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ކުރެވުނު ކޮރަޕްޝަންގެ ދައުވާ އަނބުރާ ގެންނަން ނިންމި ނިންމުން
- މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް އުފުލި ހިއުމަން ޓްރެފިކިން ދައުވާ އަނބުރާ ގެންނަން ނިންމި ނިންމުން
- އެއްޖިންސުން ގުޅުން ހިންގުމުގެ ބައެއް ދައުވާތައް އަނބުރާ ގެންދަން ނިންމި ނިންމުން
- ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރުން ނިންމި ނިންމުން
- ޕީޖީ އޮފީހުގެ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނާ ބުނުން
ޕީޖީގެ މަގާމުން ޝަމީމު ވަކިކުރަން މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީން ނިންމީ އަށް މެންބަރުން ވޯޓު ދެއްވައިގެންނެވެ. އޭނާ މަގާމުން ވަކިކުރަން ނުފެންނަ ކަމަށް ދެ މެންބަރުން ވޯޓު ދެއްވި އެވެ.
ކޮމިޓީން ފާސްކުރި ނަމަވެސް އެ ރިޕޯޓު މަޖިލިސް ތަޅުމަށް ފޮނުވައިގެން ފަސްކުރަން ޖެހޭތީ, މިރޭ ބާއްވާ މަޖިލީހުގެ މި ދައުރުގެ އެންމެ ފަހު ޖަލްސާއަށް އެ މައްސަލަ ވަނީ އެޖެންޑާ ކޮށްފަ އެވެ.
މަގާމުން ވަކިކުރަން ނިންމުމާއި ގުޅިގެން ޕީޖީ އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޝަމީމު ވިދާޅުވީ, މަގާމުން ވަކިކުރަން ނިންމީ މަސައްކަތް ނުކޮށްގެން ނޫން ކަމަށާއި ކަމެއް ސާފުނުވެގެންވެސް ނޫން ކަމަށެވެ. މިކަމަކީ ރާއްޖޭގައި މުޅިން އެހެން ގޮތަކަށް ހިނގާ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
”މިއީ އިތުބާރު ނެތިގެން އުޅޭ ކަމެއް ނޫންކަން, މިއީ މުޅިން އެހެން ގޮތަކަށް ހިނގާ ކަމެއްކަން އަޅުގަނޑު އެކަން ދަންނަން. އެކަން ނޭނގިއެއް ނޫން މި އުޅެނީކީ. މިކަން (ވަކީލުކަން ކުރާތާ) ވިއްސަކަށް އަހަރުވެއްޖެ. އަޅުގަނޑު ޑެޕިއުޓީއަކަށް ހުރި އިރުގައި, ކުރީގެ ޕީޖީއަކު އިސްތިއުފާ ދެއްވި. އަޅުގަނޑަށް އިނގޭ މި ހުރިހާ ކަމެއް ހިނގާ ގޮތާއި އަޅުގަނޑު ވަރަށް ފަރިތަ ކަމެއް. މި އޮފީހުގައި މިއުޅެނީކީ އަލަކަށްވެސް ނޫން,“ ޝަމީމު ވިދާޅުވި އެވެ.
2 Comments
ގުޅުންހުރި
މާރާމާރީއެއް ހުއްޓުވަން އުޅުނު ފުލުހަކަށް ތޫނު އެއްްޗަކުން ހަމަލާ ދޭން އުޅެފި
ގުޅީގައި ފާނަބަސަންދު ފެތުރެނީ، މި މަހު 11 މީހަކަށް ބަލި ޖެހިއްޖެ،
އައިކޮމްގެ އަޑުއެހުމަށް ހާޒިރުނުވެނުނީ މުވައްޒަފެއްގެ އިހުމާލުން: ހައުސިން މިނިސްޓްރީ
ނަތަންޔާހޫ ހައްޔަރުކުރަން އައިސީސީން ކުރި އަމުރަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ
ރާއްޖެ އާއި އިންޑިއާގެ ދެމެދު ރުޕީސް އާއި ރުފިޔާ އިން މުއާމަލާތް
އެސްޓީއޯ އިން ބިނާކުރި އެލައިޑް، މާކެޓުގައި މިއަދު އެންމެ ބޮޑު ހިއްސާ