މަޖީދިއްޔާ ސުކޫލުގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހާއި ޑެޕިއުޓީ ޕްރިންސިޕަލް ޝީޒާ އަލީ ވަކިކުރަން އެދި އެ ސުކޫލުގެ ބެލެނިވެރިންތަކެއް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
ރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލް، މަޖީދިއްޔާގެ ޕްރިންސިޕަލްގެ މަގާމުގައި އައިޝަތު މުހައްމަދު ސޯލިހު ހުންނަވާތާ އަށް އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު އޭނާއަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައްތާފުޅެވެ. އަދި ޑެޕިއުޓީ ޕްރިންސިޕަލް ޝީޒާ އަލީ އެ ސްކޫލަށް ހިދުމަތް ކުރައްވާތާ 15 އަހަރު ވެއްޖެ އެވެ.
މަޖީދިއްޔާ ސްކޫލުގެ ހެނދުނާއި މެންދުރުފަހުގެ ދަންފަޅީގެ ގިނަ ބެލެނިވެރިންތަކެއް ސޮއިކޮށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީގަށް ފޮނުވައިފައިވާ 13 ސަފުހާގެ މި ޕެޓިޝަންގައި އައިޝަތާއި ޝީޒާގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންނަށް ކުރިމަތިވެފައިވާ މައިގަނޑު 35 ކަމެއް ފާހަގަކޮށްފައިވެ އެވެ.
އެ ކަންތައްތަކުގެ ތެރޭގައި ދަރިވަރުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅުމާއި ކިޔެވުމާއި އިތުރު ހަރަކާތްތައް ހިންގުމަށް އެކަށީގެންވާ ސަމާލުކަމާއި ވަގުތު ނުދިނުމުގެ ސަބަބުން ކަންކަން ބޮއްސުންލައިގެން ދިއުމާއި ވަކި ފިކުރެއްގެ ޓީޗަރުންނަށް ކުރިއެރުމާއި ފުރުސަތުތައް ތަނަވަސްކޮށްދިނުމާއި ކޮރަޕްޝަނާއި ފަސާދައަށް މަގުފަހިވާ ގޮތަށް ހިންގައިފައިވާ ޖަރީމާތަކެއްވެސް ފާހަގަކޮށްފައިވެ އެވެ.
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަން:
- ޕްރިންސިޕަލާއި ޑެޕިއުޓީ ޕްރިންސިޕަލް ގިނަ ކަންކަމުގައި ހިޔާލު ތަފާތުވުމުގެ ސަބަބުން ޓީޗަރުންގެ މަސައްކަތާއި ކުދިންގެ ކިޔެވުމަށް ބުރޫއެރުން
- ކިޔެވުމުގެ އިތުރުން ކުދިންނަށް ތަފާތު ތަޖުރިބާތައް ކުރުމަށް އެކި ދިމަދިމާލުން ހޯދަންޖެހޭ ފުރުސަތުތައް ހޯދައިނުދިނުން
- ބެލެނިވެރިންނާއި ސްކޫލުގެ މެނޭޖުމަންޓާ އޮތް ގުޅުން ހީނަރުވުން
- ސްކޫލަށް ހެޔޮ ބަދަލެއް ނައުން
- ޕްރިންސިޕަލްގެ ފަރާތުން ޓީޗަރުންނަށް ސިޔާސީ ގޮތުން ފިއްތުންތައް ފިއްތުން
- ސްކޫލުގެ މެނޭޖުމެންޓުން އަމަލުކުރާ ގޮތުން މަޖީދިއްޔާގެ ނަން ހަޑިވުން
- ޕީޓީއޭ އުވާލާނެ ކަމަށް ބުނެ ޕްރިންސިޕަލް ބިރުދެއްކުން
- ބެލެނިވެރިން ހޯދާ ސްޕޮންސާ ފައިސާ އާއި ތަކެއްޗަށް ވާ ގޮތެއް ނޭނގުން
- ސްކޫލުގެ މެނޭޖުމެންޓާ ނުހުރި، އެތައް ޓީޗަރުންނެއް ސްކޫލުން ވަކިވުން
- ސްކޫލުގެ 30 ކްލާސްރޫމް އޭސީކުރަން ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ހަދިޔާކުރެއްވި އޭސީ ޔުނިޓުތަކަށް ވީނުވީއެއް ނޭނގުން
އެ ޕެޓިޝަނުގައި ވަނީ، ޕްރިންސިޕަލް އާއި ޑެޕިއުޓީ ޕްރިންސިޕަލް ވަކިކުރައްވައި ވީ އެންމެ އަވަހަށް އެ މަގާމުތަކަށް އިތުރު ބަޔަކު ހަމަޖެއްސުމަށް އެދިފަ އެވެ.

ގުޅުންހުރި
ދައުލަތުގެ އާމްދަނީން މީޑިއާތަކަށް 0.1 ޕަސެންޓް ދޭން އިއުލާންކޮށްފި
މީޑިއާތަކަށް ފައިސާ ދިނުމުގެ އުސޫލު އެކުލަވާލައިފި
ކުށުގެ އަމަލުތަކަށް އަރައިގަންނަ ސަރަހައްދުތަކުން ކުޑަކުދިން ފެންނަ މިންވަރު އިތުރުވެއްޖެ
ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން ބޮޑު ސްކޭމެއް، 2.9 މިލިއަން ރުފިޔާގެ ގެއްލުން
މީޑިއާތައް 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް ހުށަހެޅި ބަހުސް ހޫނުވެފައި ވަނިކޮށް
2026 އަށް މަޖިލީހަށް ބަޖެޓް ކަނޑައެޅުމުގެ ބައްދަލުވުން ސިއްރުކޮށްފި