ސެޕްޓެމްބަރ 21, 2024

އަހުތަރުގެ ހަށިގަނޑު އާއިލާއާ ހަވާލުކުރާނީ ޕޯސްޓްމޯޓަމް ހަދައި ނިމުމުން: މިނިސްޓަރު

އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން ބިރު ދެއްކި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި ށ. މިލަންދޫ/ ހެޕީލޭންޑް، އާދަމް އަތުހަރުގެ ހަށިގަނޑު އާއިލާއާ ހަވާލުކުރާނީ ޕޯސްޓްމޯޓަމް ހެދުމަށްފަހު ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އަތުހަރުގެ އާއިލާއިން ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ އަތުހަރު ދަންޖެހުނު ކަމުގެ އެއްވެސް ނިޝާނެއް ހަށިގަނޑުގައި ނެތް ކަމަށާއި ދަންޖެހުނު ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އަދި ބޭނުންވަނީ ވީހާވެސް އަވަހަށް އަތުހަރުގެ ހަށިގަނޑު ވަޅުލާން ކަމަށާއި އެހެންވެ، އޮޓޮޕްސީ ހަދަން ބޭނުންނުވާ ކަމަށެވެ.

ނަމަވެސް އިސްކަންދަރު ކޮށީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހުސާން ވިދާޅުވީ، އާއިލާއިން ދެކޮޅު ހެދިނަމަވެސް އަހުތަރުގެ ޕޯސްޓްމޯޓަމް ހަދާނެ ކަމަށެވެ. އަހުތަރުގެ ހަށިގަނޑު މިވަގުތު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި ހަށިގަނޑު އާއިލާއާ ހަވާލުކުރާނީ ޕޯސްޓްމޯޓަމް ހެދުމަށްފަހު ކަމަށެވެ.

އިސްކަންދަރު ބިލްޑިންގައި މިރޭ ބޭއްވި ބައްދަލްވުމެއްގައި ފުލުހުން ވަނީ އަތުހަރު ބަންދުކޮށްފައިވާ ދޫނިދޫ ޖަލު ގޮޅީގެ ރޯ ފޫޓޭޖް، އެޑިޓް ނުކޮށް އޮތް ވީޑިއޯ ނޫސްވެރިންނަށް ދައްކައިފަ އެވެ.

ފުލުހުން ވަނީ ވަރަށް ދިގުކޮށް ވީޑިއޯ ދައްކައިފަ އެވެ. އެ ވީޑިއޯއިން އަތުހަރު ގޮޅީގައި އުޅޭ މަންޒަރާއި ދަންޖެހޭ މަންޒަރާއި ފުލުހުން އެ ގޮޅިއަށް އެޓެންޑް ކުރާ ތަނާއި ސްޓްރެޗާ އަށް ލައިގެން އޭނާ ގެންދާ މަންޒަރު ފެނެ އެވެ.

އަތުހަރުގެ މަރާ ގުޅިގެން ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އޭނާގެ މަރު އެ އިދާރާ އިން ތަހުގީގު ކުރަމުން އަންނަ ކަމަށާއި މަރުވި ސަބަބު ދެނެގަތުމަށްޓަކައި ހަށިގަނޑުގެ ޕޯސްޓް-މޯޓަމްއެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

އަތުހަރުގެ އާއިލާ އިން ބުނީ، އޭނާ މަރުވީ މިއަދު ހަވީރު 4:08 ހާއިރު ކަމަށެވެ. ފުލުހުން ވެސް ވަނީ އެކަން ކަށަވަރު ކޮށްދީފަ އެވެ. އަތުހަރު މަރުވި އިރު، އޭނާއަށް ފަރުވާދެމުން ގެންދިޔައީ އައިޖީއެމްއެޗްގެ އައިސީޔޫގެ ވެންޓިލޭޓަރުގަ އެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ޖަލުގައި ހުއްޓައި އަތުހަރު ދަންޖެހިގެން އަމިއްލައަށް މަރުވާން އުޅުނުކަން ފުލުހުން ހާމަކުރީ ރޭގެ ވަގުތެއްގަ އެވެ. އަދި ރޭ 9:57 ގައި ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވަނީ އަތުހަރަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށް ވިދާޅުވެފަ އެވެ.