ޑިސެމްބަރ 3, 2024

ޢިރާޤުގައި ތިބި އެމެރިކާ ސިފައިން ފައިބަން އެއްބަސްވެއްޖެ، ސީދާ ތާރީޚެއް ނެތް

ޢިރާޤުގައި ތިބި އެމެރިކާ ސިފައިން އެ ޤައުމުން ބޭލުމާއި މެދު ދެގައުމުގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އިރާގު ސަރުކާރުން ހާމަކޮށްފިއެވެ.

ޢިރާޤުގައި މި ވަގުތު ތިބި އެމެރިކާ ސިފައިންނަކީ 2014ވަނަ އަހަރު އައިއެސް އާއި ދެކޮޅަށް ފެށި ހަނގުރާމައިގައި ބައިވެރިވުމަށް ފޮނުވި ސިފައިންނެވެ. އޭގެ ތެރެއިން 2,500އެއްހާ އެމެރިކާސިފައިން ޢިރާޤުގައި ތިބިކަމަށް އެމެރިކާއިންވަނީ މީގެ ކުރިން ބުނެފައެވެ.

ޢިރާޤުގައި ތިބި އެމެރިކާސިފައިން ފޭބުމާއި މެދު ދެގައުމުގެ ދެމެދުގައި އެއްބަސްވުމަކަށް މިހާރު އާދެވިފައިވީނަމަވެސް އެ ޤައުމުގައި ތިބި އެމެރިކާ ސިފައިން ފައިބާނެ ސީދާ ވަކި ތާރީޚެއް ދެގައުމުންވެސް ހާމަކޮށްފައިނުވެއެވެ.

އެމެރިކާ ސިފައިން އިރާޤުން ފައިބާނީ, ދެ ޤައުމުގެ ސަރުކާރުން އެ ކަމާ މެދު ރަސްމީކޮށް ގޮތެއް ނިންމުމުންނެވެ. ނަމަވެސް, ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން 2025 ސެޕްޓެންބަރު މަހުގެ ކުރިން ޢިރާޤުގައި ތިބި އެމެރިކާ ސިފައިން އެ ޤައުމުން ފައިބަން ފަށާނެއެވެ. އަދި, 2026ވަނަ އަހަރު ނިމުމުގެ ކުރިން އިރާޤުގައި ތިބި އެމެރިކާގެ ހުރިހާ ސިފައިން ފައިބަން ޖެހޭނެ ކަމުގައި, ޢިރާޤުން މީގެ ކުރިންވަނީ ބުނެފައެވެ.

އެހެންނަމަވެސް އެމެރިކާ ސަރުކާރުގެ އޮފިޝަލަކާއި ހަވާލާދި އިރާގުގެ ބައެއްނޫސްތަކުގައި ބުނެފައިވަނީ އެމެރިކާ ސިފައިން ޢިރާޤުން ފޭބުމާ މެދު ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުމެއް އެކުލަވާލާފައިވީ ނަމަވެސް, އެކަން ކުރާނެ ސީދާ ތާރީޚަކާއި ދުވަހަކާއި މެދު ގޮތެއް ނިންމާފައި ނުވާ ކަމުގައެވެ.

ޢިރާޤުގައި ތިބި އެމެރިކާ ސިފައިން ބޭލުމާ ގުޅޭ ގޮތުން ދެ ޤައުމުގެ ދެމެދުގައި ކުރިއަށް ދިޔަ މަޝްވަރާތައް ކާމިޔާބު ކަމާ އެކު ނިންމައިލާފައިވާ ކަމުގައި ޢިރާޤުގެ ޚާރިޖީ ވުޒާރާގެ މުޝީރު ފަރުހާދު ޢަލާއުއްދީން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ”ސިފައިން ބައިތިއްބުމާއި މެދު މިހާރުވަނީ ގޮތެއް ނިމިފައި. މި ވަގުތު މަސައްކަތް ކުރަމުން މި ދަނީ ދެގައުމުގެ ގުޅުންތަކުގެ ތެރެއިން އަސްކަރީ, ސަލާމަތީ, އިޤުތިޞާދީ އަދި ސަގާފީ ދާއިރާއިން ގުޅުންތައް ބަދަހި ކުރުމުގެ މަސައްކަތް“ އޭނާ ވިދާޅުވިއެވެ.

ޢިރާޤުގައި ތިބި އެމެރިކާ ސިފައިން ފޭބުމާ ގުޅޭ ގޮތުން ރަސްމީ މަޝްވަރާތައް ފެށުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ޢިރާޤުގެ ބޮޑުވަަޒީރު މުޙައްމަދު ޝިޔާޢު އަލް-ސޫދާނީ ވަނީ މިއަހަރުގެ އޭޕްރިލް މަހު އެއްބަސްވެފައެވެ.

Leave a Reply