2021ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ބައެއް އިވެންޓްތަށް ރާއްޖޭގައި ބޭއްވޭތޯ މަސައްކަތްކުރަނީ

2021ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ބައެއް އިވެންޓުތައް ރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ކުޅިވަރާއިބެހޭ ވަޒީރު މަހްލޫފް މިކަން ހާމަކުރެއްވީ ބުދަދުވަހު ކުރެއްވި ޓްވީޓެއްގައެވެ. އެގޮތުން މިނިސްޓަރ މަހްލޫފް ވިދާޅުވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ގުޅިގެން 2021 ވަނައަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ، ވޮލީބޯޅަ، ޓޭބަލް ޓެނިސް އަދި ބެޑްމިންޓަން އިވެންޓުތައް ރާއްޖޭގައި ބޭއްވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

2023 ވަނަ އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ބިޑު ކާމިޔާބުކޮށްފައިވާ ރާއްޖެއިން 2021ވަނައަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ބައެއް ކުޅިވަރުތައް ރާއްޖޭގައި ބޭއްވޭތޯ މަސައްކަތް ކުރަމުންއަންނައިރު އެއަހަރުގެ ގޭމްސް ބާވަން ނުންމާފައިވަނީ އަވައްޓެރި ޝްރީލަންކާގައެވެ.

ފަންނީ ދާއިރާތަކަށް މީހުން ބިނާކުރުމުގެ އެއްބަސްވުމެއްގައި އެމް.ޑަބްލިޔު.އެސް.ސީ އާއިއެކު ސޮއިކޮށްފި

ފަންނީ ދާއިރާތަކަށް މީހުން ބިނަކުރުމުގެ އެއްބަސްވުމެއްގައި މާލޭ ވޯޓަރ އެންޑް ސްވެރޭޖް ކޮމްޕެނީ، އެމް.ޑަބްލިޔު.އެސް.ސީ އާއިއެކު މޯލްޑިވްސް ޕޮލިޓެކްނިކުން ސޮއިކޮށްފިއެވެ.

މިއަދު ފެން ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ މެނޭޖިންގ ޑިރެކްޓަރ ޢާދަމް ޢާޒިމެވެ. އަދި މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ، އެތަނުގެ ޗީފް އޮޕަރޭޓިންގ އޮފިސަރ، ސީ.އީ.އޯ އަޙުމަދު ނާޞިރެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ޢާދަމް އާޒިމް ވިދާޅުވީ، އިންޖިނިއަރިންގއާއި، މެކޭނިކަލް އަދި ޓެކްނިކަލް މަސައްކަތްތައް ކުރުމަކީވެސް ރަނގަޅު މުސްތަޤުބަލެއް އޮތް ދާއިރާއެއްކަމަށާއި، މިއީ ރަނގަޅު ޢާމްދަނީއެއްވެސް ހޯދޭނެ ދާއިރާއެއްކަމަށެވެ. ނަމަވެސް ރާއްޖޭގައި މިފަދަ ސިނާޢަތްތަކަށް ބޭނުންވާ މަސައްކަތްތެރިން ހޯދުމަކީ އުނދަގޫކަމެއްކަމަށާއި، ޒުވާނުންގެ މެދުގައިވެސް މިފަދަ ދާއިރާތަކަށް އޮންނަ ޝަޢުގުވެރިކަން ކުޑަކަން ފާހަގަކުރެވޭކަމަށެވެ.

އެކިއެކި ސިނާޢަތްތަކަށް ބޭނުންވާ ފަންނީ މުވައްޒަފުން ބިނާކުރުމަށް ޕޮލިޓެކްނިކުން ކުރާ މަސައްކަތްތަކުގައި ބޮޑެތި ކުންފުނިތަކުގެ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވާ ޢާޒިމް ވިދާޅުވީ، ޕޮލިޓެކްނިކަކީވެސް ދުނިޔޭގެ ފެންވަރުގެ ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގައި އެކުންފުނީގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގެ ސީ.އީ.އޯ އަޙްމަދު ނާޞިރު ވިދާޅުވީ، ރާއްޖޭގެ އެކި ސިނާޢަތްތައް ކުރިއަރަމުންދާއިރު، އެންމެ އެކަށީގެންވާ މިންވަރަށް އަދިވެސް ފަންނީ މަސައްކަތްތެރިން ނުއުފެއްދޭކަމަށެވެ. އެހެންކަމުން އެކިއެކި ސިނާޢަތްތަކުގައި ހަރަކާތްތެރިވާ ކުންފުނިތަކާއި ޕޮލިޓެކްނިކާއެކު އޮންނަ ގުޅުން ހަރުދަނާކޮށް، ސިނާޢީ މަސައްކަތްތަކަށް މީހުން ބިނާކުރުމުގެ އިތުރުން ވަޒީފާއާއި އިންޓާންޝިޕްގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ނާޞިރު ވިދާޅުވިއެވެ.

ފަންނީ ދާއިރާތަކަށް މީހުން ތަމްރީނު ކުރުމަށް މިއަދު ކުރެވުނު އެއްބަސްވުމުގެ ދަށުން ޕޮލިޓެކްނިކުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ މަސައްކަތުގެ ތަޖުރިބާ ފަހިކޮށްދިނުމުގެ އިތުރުން އެތަނުން ދަސްވެނިވާ ދަރިވަރުންނަށް ޓެކްނިކަލް ދާއިރާތަކުން ކުރިއަށްދިއުމަށް ބޭނުންވާ އެހީތެރިކަން އެމްޑަބްލިޔުއެސްސީން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖެ ކުޅުނު ތިންމެޗުންވެސް ސްރީލަންކާއަތުން ބަލިވެއްޖެ

ސައުތް އޭޝިއަން ގޭމްސް ޓޭބަލް ޓެނިސް ފިރިހެން ޓީމް އިވެންޓުގައި ކުޅުނު ތިންމެޗުންވެސް ސްރީލަންކާ އަތުން  ރާއްޖޭގެ ޓީޓީ ޓީމު ބަލިވެއްޖެއެވެ.

ނޭޕާލުގައި މިހާރު ކުރިޔަށްދާ ސައުތް އޭޝިއަން ގޭމްސް ޓޭބަލް ޓެނިސް ފިރިހެން ޓީމް އިވެންޓުގައި ލަންކާއާއި ދެކޮޅަށް ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ރާއްޖޭގެ މޫސާ މުންސިފް އަތުން ލަންކާގެ ކުޅުންތެރިޔާ މެޗު ކާމިޔާބުކުރީ11-8 ، 11-9 އަދި 11-8 އިންނެވެ.

އަދި ދެވަނަ މެޗުގައި މުހައްމަދު ޝައްފާން އަތުން ލަންކާ ކުޅުންތެރިޔާ މެޗް ކާމިޔާބުކުރީ 7-11 ، 15-13 ، 7-11، 6-11 އިންނެވެ.

ތިންވަނަ މެޗުގައި ރާއްޖޭގެ ފަރާތުން ކުޅުނީ މުހައްމަދު ޒީސްތު ނަސީމެވެ. މިމެޗްވެސް ފަސޭހަކަމާއިއެކު ލަންކާގެ ކުޅުންތެރިޔާވަނީ ކާމިޔާބުކޮށްފައެވެ. މިމެޗްގައި ލަންކާ ކުުޅުންތެރިޔާ ޒީސްތުގެ މައްޗަށް ކުރިހޯދާފައިވަނީ 11-4 ، 11-8 އަދި 11-8 އިންނެވެ.

ރާއްޖޭގެ ފިރިހެން ޓީޓީ ޓީމު މާދަމާ ނިކުންނާނީ މުބާރާތް ބާއްވާ ގައުމު ނޭޕާލާއި ދެކޮޅަށެވެ.

ސިފައިންގެ މައި މަރުކަޒަށް މީހަކު ވަދެ ފައިވާކަން އެމްއެންޑީއެފުން ކަށަވަރުކޮށްދީފި

ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށްޓަށް ވޭނެއްގައި މީހަކު ވަދެ، ފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްއިން ކަށަވަރު ކޮށްދީފިއެވެ.

ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށްޓަށް ވޭނެއްގައި މީހަކު ވަދެ، މަރުކަޒު ”ގޮއްވާލާނެ” ކަމުގެ އިންޒާރުދިން ކަމަށް ބުނެ ރާއްޖޭގެ ބައެއް މީޑިއާތަކުގައި ގެނެސްދީފައިވާ ޚަބަރާ ގުޅޭގޮތުން އެމްއެންޑީއެފުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ” 18 ނޮވެމްބަރު 2019 ވީ ހޯމަ ދުވަހުގެރޭ، 21:00 ހާއިރު ބަންޑާރަކޮށި މައި ގޭޓުން ރަޖިސްޓްރީ ނަންބަރުގައި “ސީ —-” ބޯޑު ޖަހާފައިވާ ވޭންއެއް ވަނުމާއެކު ވަނީ ހުއްޓުވާފައެވެ. މި ވޭން ހުއްޓުވައި ޗެކު ކުރި އިރު ވޭން، ދުއްވަން އިނީ ބިދޭސީ ޑްރައިވަރެކެވެ. މި ވޭންގައި އިތުރު މީހަކު ނެތެވެ. އަދި މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އާ ގުޅިގެން ދަނީ އިތުރަށް ތަޙުޤީޤް ކުރަމުންނެވެ.

އަދި ބުނެފައިވަނީ ” މިއަދުގެ މާހައުލުން އެއްވެސް ގޮތަކަށް ޝައްކުކުރެވޭފަދަ އެއްވެސް ބާވަތެއްގެ ކަމެއް އެއްވެސް މީހެއްގެ ފަރާތުން ފެނިއްޖެކަމުގައިވާނަމަ، މިކަން ސަލާމަތީ ޚިދުމަތްތަކުގެ ސަމާލުކަމަށް ލަސްނުކޮށް އެންގުމަށް މި ފުރުޞަތުގައި ހުރިހާ ރައްޔިތުންނަށް ހަނދުމަކޮށް އަރުވަމެވެ.”

ސިފައިންގެ މައި މަރުކަޒަށް ވަނީ ބިދޭސީއެއް ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްއިން ކަށަވަރު ކޮށްދީފިއިވީނަމަވެސް އެއީ ކޮން ގައުމެއްގެ ކާކުކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ސިފައިންގެ މައިމަރުކަޒު ބަންޑާރަ ކޮށްޓަށް ވޭނެއްގައި މީހަކު ވަދެ، އެތަން ގޮއްވާލާނެކަމަށް ބުނެ އިންޒާރުދިން ޚަބަރު އެންމެ ފުރަތަމަ އާންމުކޮށްފައިވަނީ “ސަން” އޮންލައިން ނޫހުންނެވެ.

އެނޫހުން ބުނެފައިވަނީ، ބިދޭސީމީހާ ދުއްވި ވޭން ބަންޑާރަ ކޮށީގެ ގޭޓުން އެތެރެއަށްވަނީ، ސިފައިންގެ ވެހިކަލެއް ގޭޓުން އެތެރެއަށް ވަންނަންދިޔަ ވަގުތު އެ ވެހިކަލް ފަހަތުންގޮހެވެ. ގޭޓުން ވަނުމުގެ ކްލިއަރެންސް އެ ވޭނަށް ލިބުނީ އެއީވެސް ސިފައިންގެ ވެހިކަލެއް ކަމަށް ބަންޑާރަކޮށީ ގޭޓުގައި ޑިއުޓީއަށްތިބި އޮފިސަރުންނަށް ހީވުމުން ކަމަށް އެނޫހުގައި ބުނެފައި ވެއެވެ.

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އަބޫދާބީގެ ވަލީ އަޙްދު، ހިޒް ހައިނަސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޔޫއޭއީގެ 48 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އަބޫދާބީގެ ވަލީއަޙްދަށާއި ޔޫއޭއީގެ ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޔޫއޭއީއަކީ ވިޔަފާރިއާއި އިޤްތިޞާދީ، އިޖްތިމާޢީ ދާއިރާއިން މަޝްރޫޢުތައް ހިންގުމާ އަދި އެކިގޮތްގޮތުން ވަރަށްބޮޑު އެއްބާރުލުމަކާ އެހީތެރިކަމެއް ދެމުން އަންނަ، ރާއްޖޭގެ ރައްޔިތުންގެ ގާތް އެކުވެރި ޤައުމެއްކަން ފާހަގަކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ވަލީއަޙްދު ދެއްކެވި ވާޙަކަފުޅުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި ބައިނަލްއަޤްވާމީ މުހިންމުކަންކަމުގައި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ ކުރިޔަށް އޮތް އަހަރުތަކުގައިވެސް ދެ ޤައުމުގެ ގާތް އަޚުވަންތަގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޔޫއޭއީއަށް ކުރެއްވި މިދަތުރުފުޅަކީ އަބޫދާބީގެ ވަލީ އަޙްދު، ހިޒް ހައިނެސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދަޢުވަތަކަށް، ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.

ރައީސް މައުމޫންއަތުން 29މިލިޔަން ރުފިޔާ ހޯދަން ޖާބިރު ކޯޓަށް

އެމްއާރުއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫގެ އަތުން 29 މިލިޔަން ރުފިޔާ ހޯދަން، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

ޖާބިރު ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ވަނީ އޭނާގެ އަތުން މައުމޫން ނަގާފައިވާ 29 މިލިއަން ރުފިޔާ، އަނބުރާ ދައްކާފައިނުވާތީ އެ ފައިސާ ބޭނުންކޮށްގެން އޭނާ އަށް ކުރެވެން ހުރި އެތައް ވިޔަފާރިއަކުން ލިބެންޖެހޭ އެތައް މިލިއަން ރުފިޔާގެ ނަފާ ލިބުމުގެ މަގު ބަންދުވެ އެކަމުގެ ސަބަބުން އޭނާ އަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ.

ޖާބިރު ހުށަހަޅާފައިވާ މައްސަލާގައި އެދިފައިވަނީ މި ފައިސާ އެއްފަހަރާ ދެއްކުމަށެވެ. ނަމަވެސް އެ ފައިސާ ނުދެއްކިއްޖެނަމަ މައުމޫންގެ ގެކޮޅު މއ.ކިނބިގަސްދޮށުގެ އޭނާއާ ހަވާލުކުރުމަށް ޖާބިރު ވަނީ މައްސަލާގައި އެދިވަޑައިގެންފައެވެ.

މި މައްސަލަ ސާބިތު ކުރުމަށް ގިނަ ހެކިތަކެއް ޖާބިރު ވަނީ ހުށަހަޅާފައެވެ. އެގޮތުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، އަދި ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދުގެ އިތުރުން އާމިނަތު ޝަބީބާ ކިޔާ ބޭފުޅެކެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ޖާބިރު އަތުން ނެންގެވި ކަމަށްބުނާ 29 މިލިއަން ރުފިޔާއަށް މައުމޫން ހިޔާނާތްތެރިވި ކަމަށްބުނެ ޖާބިރު މީގެކުރިން ވަނީ އެ މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައެވެ. ނަމަވެސް މަންމާފުޅުގެ އެދިވަޑައިގަތުމަށް އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންގޮސް މައުމޫނަށް މައާފު ކުރުމަށް ނިންމާފައިވާ ކަމަށް ޖާބިރު ވަނީ މީގެކުރިން ވިދާޅުވެފައެވެ.

މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ މާފަންނު ގެއެއްގެ ކޮޓަރިއެއްގައި އޮތް މީހަކު ހަބަރެއް ނުވެގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:19 ހާއިރު އެމްއެންޑީއެފުން ފުލުހުންނަށް ގުޅައި މައުލޫމާތު ދީފައިވާ ކަމަށެވެ.

އަދި އެ މީހާ މަރުވެފައިވާކަން އޭޑީކޭ ޕެރަމެޑިކް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. މަރުވެފައިވަނީ އުމުރުން 60 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

އޭނާ އޮތް ގޭގެ ސިޑި ހުރި ގޮތުން އެ މީހާ ގޭގެ ތިިރިއަށް ބާލަން ދަތި ވެގެން އެ މީހާ ބޭލީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ ޓީމަކާއި ފުލުހުންނާއި ގުޅިގެންނެވެ.

އަންނަ އަހަރު އިޔާދަކުރަނިވި ހަކަތަޔައްކުރާ ހޭދަ 3 ގުނަ ބޮޑުކުރާނަން: ސައީދު

އަންނަ ޖެނުއަރީމަހުން ފެށިގެން 2020ވަނައަހަރު އިޔާދަކުރަނިވި ހަކަތަޔައްކުރާ މިންވަރު 3 ގުނައަށް ބޮޑުކުރާނެކަމަށް ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޞަޢީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަނުގެ އިންޖިނިއަރުންގެ މަހާސިންތާފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޞަޢީދު ވިދާޅުވީ މިހާތަނަށް ޤާއިމްކުރެވިފައިވާ އިއާދަކުރަނިވި ހަކަތަ ފޯރުކޮށްދޭ ނެޓްވޯކްތަކުން ލިބެނީ 16 މެގަވޮޓްކަމަށެވެ. އޭގެތެރޭގައި ފެނަކައިގެ 8 މެގަވޮޓް ހިމެނޭކަމަށްވެސް ޞަޢީދު  ވިދާޅުވިއެވެ.

އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ތަސައްވުރާގުޅެގޮތުން ވާހަކަދައްކަވަމުން ސައީދު ވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީމަހުން ފެށިގެން އިޔާދަކުރަނިވި ހަކަތަޔައްކުރާ މިންވަރު 3 ގުނައަށް ބޮޑުކޮށް، ގިނަ ރަށްރަށުގައި 2023 ވަނަ އަހަރުގެ އައުމުގެ ކުރިން 70 އިންސައްތައަށް އިޔާދަކުރަނިވިހަކަތަ ބަދަލުކުރާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

“ގިނަ ރަށްރަށުގައި 2023 ވަނަ އަހަރުގެ އައުމުގެ ކުރިން 70 އިންސައްތައަށް އިޔާދަކުރަނިވިހަކަތަ ބަދަލުކުރާނެކަމުގެ ފުރިހަމަ ޔަގީންކަން މިއަދު އަރުވަން. އެކަމަށް ފަސްނުޖެހި ކުންފުނިން ކުރިއަށްދާނަން” އަޙްމަދު ޞަޢީދު ވިދާޅުވިއެވެ.

މިއަދު ކުރިޔަށް ދިޔަ މި މަހާސިންތާގައި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު ސައީދުވަނީ މިފެށޭ 2020 ވަނަ އަހަރުން ފެށިގެން އެކުންފުނީގެ ޚިދުމަތްތަކަށް އަންނާނެ މުހިއްމު ބައެއް ބަދަލުތަކަށްވެސް އަލިއަޅުއްވާލައްވާހަކަދައްކަވާފައެވެ. ސައީދު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ކޮންމެ ދެމަހުން އެއްމަހަކު ފެނަކައިގެ އާ އިންޖީނުގެއެއް ހުޅުވިގެންދާނެކަން ކަމަށެވެ. އަދި ގޭގައި ތިބެގެން ކަރަންޓް ބިލް ދެއްކޭނެ އިންތިޒާމާއި، މިހާރު ބޭނުންކުރާ ބިލުގެ ސައިޒު 2020 ވަނަ އަހަރު ފެށުމާއެކު ކުޑަކުރެވިގެންދާނެކަންވެސް ސަޢީދު ވިދާޅުވިއެވެ.

ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށް ކޮރަޕްޝަނަށް ނޫނެކޭ ބުނަންޖެހޭ: ނައިބު ރައީސް

ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށްޓަކައި ކޮރަޕްޝަނަށް ނޫނެކޭ ބުނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަނުން އިންތިޒާމު ކޮށްގެން ބޭއްވި “އިންޖިނިއަރިން ސިމްޕޯޒިއަމް” އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ކުރާ ކޮންމެ ކަމެއްގައި ވެސް ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްތައް ހޯދުމާއި ކުރާ މަސައްކަތްތަކާއި ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަންޖެހޭ ކަމަށެވެ.

އަދި މި ސަރުކާރުން މަސައްކަތްތައް ކުރިއަށްގެންދާއިރު ރައްޔިތުން އެންމެ ހިތްހަމަޖެހޭގޮތަށް ހަރަދުކުޑަކޮށް އަދި ރަނގަޅު ފެންވަރުގައި މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ފައިސަލް އިތުރަށް ވިދާޅުވީ، ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށްޓަކައި ހާއްސަކޮށް ދައުލަތުން ދޭ ހިދުމަތްތައް ރަނގަޅުކޮށް، ބޭކާރު ހަރަދާއި އިސްރާފުކުރުން ހުއްޓާލައި ކޮރަޕްޝަނަށް ނޫނެކޭ ބުނަންޖެހޭ ކަމަށެވެ.

އަދި މި ސަރުކާރުން ރައްޔިތުންގެ މެދުގައި ތަފާތު ކުރުމެއް ނުގެންގުޅޭނެކަން ފާހަގަކުރައްވާ ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަނީ ހާއްސަކޮށް އަސާސީ ހައްގުތަކާއި ހިދުމަތްތައް ދިނުމުގައި ރައްޔިތުންގެ ޝަކުވާއެއް ނޯންނާނޭހެން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށްގެންދިއުމަށް ކަމަށެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ކަރަންޓު ބޭނުންކުރާ ފަރާތްތަކުން ވެސް އިސްރާފު ކުޑަކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިވަޑައިގެންނެވިއެވެ.

ސިވިލް ކޯޓު ރިސެސްއަށް ހިނގައްޖެ

މިއަދުން ފެށިގެން ސިވިލް ކޯޓު ރިސެސް އަށް ހިނގައްޖެއެވެ.

ސިވިލް ކޯޓުން ބުނީ އެ ކޯޓުގެ ރިސެސް އަށް ދިޔަކަމުގައިވިޔަސް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތަށް  ހުއްޓުމެއްނެތި އެމުއްދަތުގައިވެސް ކުރިއަށް ދާނެކަމަށެވެ.

އެކޯޓުން ބުނީ ރިސެސް މުއްދަތުގައިވެސް ކޯޓުގެ ޓާގެޓަށް ވާޞިލުވުމަށްޓަކައި ޓާގެޓްގައި ހިމެނޭ މައްސަލަތަކާއި ވަގުތީ އަމުރުގެ މައްސަލަތަކާއި ގުޅިގެން ހިންގަންޖެހޭ ޝަރީޢަތްތަކާއި އަވަސްނިޔާގެ ގޮތުގައި ނިންމަންޖެހޭ މައްސަލަތައް މައްސަލަ ބައްލަވާ ޤާޟީ ކަނޑައަޅާ ގޮތެއްގެ މަތިން އެމައްސަލަތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އެ ކޯޓު ރިސެސްގައި އޮންނާނީ މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.