ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގި މީހަކު 12 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވަނީ ރ. މާކުރަތު/ އިމޭޖު، މުހައްމަދު ދާއޫދަށެވެ.
އޭނާގެ މައްޗަށް ދައުވާ ސާބިތުވުމުން، 12 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ނ) ގެ ދަށުންނެވެ.
ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގިކަމުގެ ކުށުގެ އިތުރުން ފޯނުގައި އޮރިޔާން މަންޒަރު ހިމެނޭ ފޮޓޯ އާއި ވީޑިއޯ ގެންގުޅުނު ކަމަށް ބުނެ، ގާނޫނުލްއުގޫބާތުގެ 622 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގެ ދަށުންވެސް ދައުލަތުގެ ފަރާތުން ދާއޫދުގެ މައްޗަށް ދައުވާ ކުރިއެވެ.
ނަމަވެސް ކޯޓުން ހުކުމްކުރީ އެ ދައުވާ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.


