މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް އިތުރުވާން ފެށުމުން ފުލުހުން މަގުތަކަށް ނުކުމެއްޖެ އެވެ.
ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ އިދާރާ އިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވެހިކަލް ޗެކްޕޮއިންޓުތައް ޖަހައި، ވެހިކަލް ބަލައިފާސްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އޭގެ އިތުރުން ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވެ، ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ބުންޏެވެ.
ފުލުހުން މަގުތަކަށް ނުކުމެފައި މިވަނީ، މާލެ އާއި ހުޅުމާލޭގައި މިދިޔަ ހަފުތާގައި ހިނގި ދެ އެކްސިޑެންޓެއްގައި ދެ ޒުވާނަކު މަރުވެފައި ވަނިކޮށެވެ. އަދި މިރޭ ވެސް ދެ ސައިކަލެއް ޖެހި، ތިން މީހަކަށް އަނިޔާވެފައިވެ އެވެ.



